ދިވެހި އިގްތިސާދު އޮތީ ބިދޭސީންގެ އަތްދަށުގައި ނޫން ކަމަށާއި އިގްތިސާދީ މިނިވަންކަން ރާއްޖޭގެ ބާރުގެ ދަށުގައި އެބައޮތްކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖޭގައި 80000 އެއްހާ ބިދޭސީން މަސައްކަތްކުރާއިރު މިނިވަންދުވަހާއި ގުޅުވައިގެން ސަން އަށް ދެއްވި އިންޓަވިއޫއެއްގައި ރަޖިސްޓްރާ އޮފް ކޮމްޕެނީޒް މަރިޔަމް ވިސާމް ސަން އަށް ވިދާޅުވީ ހަމައެކަނި ދިވެހިންނަށް ހާއްސަ ވަޒީފާތައް ވަނީ ކަނޑައަޅާފައި ކަމަށާއި ގަވައިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން ހޯދުމަށް ކޮންމެ ދުވަހަކު ބަލައި ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ.

"މީގަ ޝައްކެއްނެތް ބިދޭސީންނެއް ނޫން ދިވެހި އިގްތިސާދު ކޮންޓުރޯލް ކުރަމުންދަނީކީއެއް، އިގްތިސާދަށް ބަލާކަމަށްވާނަމަ ވަރަށް ބޮޑު ލީކޭޖެއް ގާނޫނާއި ހިލާފަށް މަސައްކަތްކުރާ ބަޔަކު ނުވަތަ ގާނޫނާއި ގަވައިދުގެ ބޭރުން މަސައްކަތްކުރާ ބަޔަކު ރާއްޖޭގެ އިގްތިސާދުން ނަފައެއް ހޯދައިގެން ނެރޭކަމަށްވަންޔާ، އެކަމަށް މިނިސްޓްރީން އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅެއް އެޅުމަށް މިނިސްޓްރީން އޮތީ ތައްޔާރަށް." ވިސާމް ވިދާޅުވިއެވެ.

ރާއްޖެއިން ގިނަ އަދަދެއްގެ ފައިސާ ބޭރުކުރާތީ އިގްތިސާދަށް ކިހާވަރެއްގެ ނުރައްކަލެއްތޯ ސުވާލުކުރުމުން ވިސާމް ވިދާޅުވީ ރާއްޖޭގެ އިގްތިސާދުން ބޭރުކުރާ ފައިސާގެ އަދަދު އަޅާކިޔަންވާނީ ދިވެހި އުފެއްދުންތެރިކަމާއި އަޅާކިޔާ އަދަދެއްގެ ގޮތުގައި ކަމަށެވެ.

"ބިދޭސީން ރާއްޖޭގައި ކުރާ މަސައްކަތެއްގެ ސަބަބުން ރާއްޖެއިން ބޭރުކުރާ އެއްޗެއް އެއީ އަޅުގަނޑުމެންނަށް އެކީ އެކަށްޗަކަށް ގެއްލޭ އެއްޗެއްގެ ގޮތަށް ވިސްނުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އަޅުގަނޑަށް ފެންނަނީ، އޭގެ ބަދަލުގައި އަޅުގަނޑުމެން އެބަބަލާލަންޖެހޭ ދިވެހި އިހްތިސާދަށް ކުރީ އޭގެން ކޮންފައިދާއެއްތޯ، އެފައިދާއާއި އެއް ހަމައެއްގެ އުޖޫރައެއްތޯ އެފަރާތްތަކަށް ލިބިގެން އެވަރުގެ އަދަދެއްތޯ ދިވެހި ރާއްޖެއިން ބޭރުވެގެންދިޔައީ." ވިސާމް ވިދާޅުވިއެވެ.

ރާއްޖެ މިނިވަންވިތާ 51 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު ދިވެހި ރާއްޖެއަށް އޮތް އެންމެ ބޮޑު ބިރުވެރިކަމަކީ ބިދޭސީންގެ މައްސަލައެވެ.