ރައްޔިތުންގެ މަޖިލީޙުގެ އިތުރު މެންބަރުން ގަނެގެން އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ސާފު މެޖޯރިޓީއެއް ލިބިއްޖެނަމަ މިހާތަނަށް ރައްޔިތުންނަށް ނުފެންނަ ވަރުގެ ބިރުވެރިކަމެއް، ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ސަރުކާރުން ފެނިގެން ދާނެ ކަމަށް އިދިކޮޅު ޑީއާރުޕީން ބުނެފި އެވެ.

ޑީއާރުޕީގެ ޒެޑް ފެކްޝަނަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ވިލި މާފަންނު ދާއިރާގެ އަހްމަދު ނިހާނު ހުސެއިން މަނިކު މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިފައިވާކަމަށް ބުނެ ދައްކާ ވާހަކަ އަކީ ރައްޔިތުންނަށް އޮޅުވާލައި ބިރު ދެއްކުމަށް ދައްކަމުން ގެންދާ ވާހަކައެއްކަމަށެވެ.

"ރޭ ބޭއްވި އެމްޑީޕީ ޖަލްސާގައި އެ ޕާޓީއަށް މެޖޯރިޓީ ލިބިފައިވާ ކަމަށް ދެއްކި ވާހަކަ އަކީ ރައްޔިތުންނަށް އޮޅުވާލައި ބިރުދެއްކުމަށް ދައްކާފައިވާ ވާހަކައެއް. މަޖިލީހުގެ މެޖޯރިޓީ އަކީ 39 އެއް. އެ އަދަދަށް އެއްވެސް ބަޔަކަށް މެންބަރުން ލިބިފައެއްނެތް،" ނިހާނު ވިދާޅުވި އެވެ.

ނިހާނު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދައިގެން ބައެއް ފަނޑިޔާރުންނަށާއި ޖުޑިޝަލް ސާވިސް ކޮމިޝަންގެ ބައެއް މެންބަރުން ވަކި ކުރައްވާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ހުޅުހެންވޭރު ދާއިރާގެ ރީކޯ މޫސާ މަނިކު ރޭ ވިދާޅުވި ވިދާޅުވުމަކީ ސަރުކާރުން ބުނާ ވަކި ބަޔަކު ހައްޔަރު ކުރުމަށް އަމުރު ނުނެރޭ ފަނޑިޔާރުންނަށް ދިން އިންޒާރެއް ކަމަށެވެ. އަދި ޖުޑިޝަރީއާ ކުޅޭނެ ކަމަށާއި، ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމުގެ އިނާޔަތް ކަނޑާލާނެ ކަމަށްބުނެ ރީކޯ މޫސާމަނިކު ރޭ ދެއްވި އިންޒާރަށް ޑީއާރުޕީގެ ޒެޑް ފެކްޝަނުން ޖެހިލުން ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނިހާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދައިގެން ސަރުކާރުން ތައްޔާރު ވަމުންދަނީ ޖީއެމްއާރު ކުންފުންޏަށް ދިވެހި ރައްޔިތުންގެ އަތުން ޓެކްސް ހޯދައި ދިނުމަށް ކަމަށެވެ. އަދި ރައްޔިތުން ނިކަމެތި ކުރުމަށްފަހު އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސްގެ ނަމުގައި، ރައްޔިތުންގެ އަތުން ޖީއެމްއާރަށް ޓެކްސް ދެއްކުމަށް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީން ވަކާލާތު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު ތައްޔާރު ވަމުން އެދަނީ، އެއާޕޯޓް ޑިވެލޮޕްލަމްތް ޓެކްސްގައި ޓެކްސްގެ ނަމުގައި ބޭރު ބަޔަކަށް (ޖީއެމްއާރަށް) ރައްޔިތުންގެ އަތުން ދިވެހި ރުފިޔާއިން 400އަށްވުރެ ގިނަ ރުފިޔާގެ ޓެކުހެއް ނަގައި ދިނުމަށް. ރޯދަމަސް ކުރިއަށް އޮއްވައި އަދި ޕެންޝަނަށް ރައްޔިތުންގެ އަތުން މުސާރައިގެ ހަތް ޕަސެންޓް ކަނޑަމުންދާ މިދަނޑިވަޅުގައި އިތުރަށް ޓެކްސް ނެގުމަކީ ރައްޔިތުން ވަރަށްބޮޑަށް ނިކަމެތިވާނެ ކަމެއް،" ނިހާނު ވިދާޅުވި އެވެ.