ލިވަޕޫލްގެ ވޭލްސް މިޑްފީލްޑަރު ޖޯ އެލެން ސްޓޯކް ސިޓީ އަށް ސޮއިކޮށްފި އެވެ.

އުމުރުން 26 އަހަރުގެ އެލެން ލިވަޕޫލް އިން ވިއްކާލީ 13.5 މިލިއަން ޕައުންޑަށް ފަސް އަހަރު ދުވަހުގެ އެއްބަސްވުމުގެ ދަށުންނެވެ. އަލެން އަކީ 2012 ވަނަ އަހަރު ލިވަޕޫލްގެ ކުރީގެ ކޯޗު ބްރެންޑަން ރޮޖާސް 15 މިލިއަން ޕައުންޑަށް ގަތް ކުޅުންތެރުއެކެވެ.

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޑްރީމް ޓީމުގައި ވެސް ހިމެނުނު ވޭލްސްގެ އަލެން ސްޓޯކަށް ބަދަލުވީ ފުރަތަމަ 11 އިން ޖާގަ ހޯދުމުގެ ބޭނުމުގައެވެ.

"ސްޓޯކުން އަހަރެންނަށް ސައުގުވެރިކަން ފާޅު ކުރި ހިސާބުން އެ ޓީމަށް ދާން މިހުރީ ވަރަށް ބޭނުންވެފެ. އެހެންވެ މާ ލަސްނުކޮށް ވެސް މި ޓީމް ބަދަލުކުރީ. ބޭނުންވަނީ މި ޓީމާއި އެކު ވެސް ކާމިޔާބް ހޯދަން،" އެލަން ބުންޏެވެ.

އާ ސީޒަނަށް ލިވަޕޫލުން ވަނީ އެލަން އާއި ޑިފެންޑަރު ކޯލޯ ޓޯރޭ އާއި މާޓިން ސްކާޓެލް ވެސް ވިއްކާލައިފަ އެވެ. މީގެ އިތުރުން ފޯވަޑް ކްރިސްޓިއަން ބެންޓެކޭ އާއި މިޑްފީލްޑަރު ލޫކަސް ވެސް ވިއްކާލަން ލިވަޕޫލުން ދަނީ މަސައްކަތް ކުރަމުންނެވެ.