ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލުން މީޑިއާއަށް ނިކަމެތިކަމެއް ލިބޭނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ރޭ ސަން ޓީވީ އިން ފޮނުވި "50 މިނިޓު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން އަބުރާ ބެހުމުގެ މިނިވަންކަން ދެވިފައި ނުވާނެ ކަމަށާއި ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ އަބުރު ރައްކާތެރިކުރުމުގެ ހައްގު ވެސް ލިބިދީފައިވާ ކަމަށެވެ.

މޫސަ ވިދާޅުވީ އެ ބިލާ ގުޅިގެން މީޑިއާ އިން ކަންބޮޑުވަނީ އަބުރާ ބެހުން ޖިނާއީ ކުށަކަށް ހަދައިފާނެތީ ކަމަށެވެ.

"އަނެއް މީހާގެ ބޮލުގައި ޖިނާއީ ތުހުމަތު އަޅުވައިފިއްޔާ އެމީހާ ކުރާނެ ނޫންތޯ ޖިނާއީ ދައުވާ؟ އެ ފުރުސަތު އޭނާއަށް ދޭންޖެހޭނެ ނޫންތޯ،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ މީޑިއާއަކީ ޑިމޮކްރަސީއެއްގައި އޮންނަން ޖެހޭ ވަރުގަދަ ބާރެއް ކަމަށާއި، ގައުމުގައި ހިނގާ ނުހިނގާ ކަންކަން މީޑިއާއާ ނުލައި ނޭނގޭނެތީ، މީޑިއާ މަސައްކަތް ކުރުމުގެ ފުރުސަތު ލިބެން ޖެހޭނެ ކަމަށެވެ.

އެހެން ނަމަވެސް ހަމަ އެއާ އެކު، ގައުމުގައި އުޅޭ ވިޔަފާރިވެރިންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި ކަތީބުންނާއި މުދިމުން ހިމެނޭ ގޮތަށް އެހެން ހުރިހާ ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ހިމާޔަތް ކުރުމުގެ ފުރުސަތު ވެސް ދޭން ޖެހޭ ކަމަށް މޫސަ ވިދާޅުވި އެވެ.

"އެމީހުންގެ ހައްގުތައް އެންމެ ބޮޑަށް ރައްކާތެރި ކުރެވޭ ގޮތަކަށް އޮތް ގާނޫނަކަށް އަޅުގަނޑު ވޯޓު ދޭނަން. ވަކި ބިލެއް ނޫން،"

މޫސަ ވިދާޅުވީ ގާނޫނު އަސާސީގައި ރައްޔިތުންގެ އަބުރު ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ފުރުސަތު ދޭނެ ކަމަށާއި، އަދި މީޑިއާއަށް އެއްވެސް ކަމަކާ ނުލައި ނިިކަމެތިކަން ލިބޭ ގޮތަށް އޮތް ކަމަކަށް އޭނާ ތާއީދު ނުކުރައްވާނެ ކަމަށެވެ.

މަޖިލީހަށް މިހާރު ހުށަހެޅިފައިވާ ބިލުގެ ސަބަބުން މީޑިއާއަށް ނިކަމެތިކަން ލިބޭނެތޯ ޕްރޮގްރާމުގެ ޕްރެޒެންޓަރު ސުވާލު ކުރުމުން މޫސަ ވިދާޅުވީ އޭނާ އެގޮތަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

ނަމަވެސް މޫސަ ވިދާޅުވީ އޭނާއާ ދިމާލަށް މީހުން އެއްޗެހި ކިޔައި، ޝަރީޢަތަށް ގޮސް ކަމެއް ސާބިތުކުރި ނަމަވެސް އެއްވެސް މީހަކާ ދެކޮޅަށް އޭނާ ދައުވާ ނުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑަށް މައްސަލައެއް ނެތް ކޮންމެ އެއްޗެއް ކިޔަސް. ޝަރީއަތަށް ގޮސް ކަމެއް ސާބިތުކުރިޔަސް. އަޅުގަނޑު މީހަކާ [ދެކޮޅަށް] ދައުވާ ކުރަން ނުދާނަން ކޮންމެ ފަދަ އެއްޗެއް ކިޔަސް. މާތްﷲ ދެނެވޮޑިގެން ވާނެ ކަންކަމުގެ ހަގީގަތް،" މޫސަ ވިދާޅުވި އެވެ.