26 Jul 2016, 01:42
ދިވެހިރާއްޖޭގެ ގައުމީ ސަލާމުގައި ބަޔާންކޮށްފައިވާ ގޮތަށް ހުރިހާ ރައްޔިތުންގެ އުޅުމާއި ގުޅުން ބައްޓަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މިރޭ ގޮވާލައްވައިފި އެވެ.
ރާއްޖޭގެ 51 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނެރުއްވި ތަހުނިޔާގެ ބަޔާނުގައި ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓިފައި ވަނީ އިސްލާމްދީނުގެ ހިދާޔަތުގައި ސާބިތުވެ ދިވެހި ރައްޔިތުން ކުރާ ބުރަ މަސައްކަތުން ކަމަށެވެ.
މަސީހު ވިދާޅުވީ މިނިވަން ދުވަސް ފާހަގަ ކުރާއިރު، ރާއްޖޭގެ ގައުމީ ސަލާމުގެ މުހިންމުކަން ހިތަށް ގެންނަން ޖެހޭ ކަމަށެވެ.
އެގޮތުން، އޭގައި ބުނާ ގޮތަށް އެކުވެރިކަން މަތީ ތިބެ ސަލާންކޮށް، ގައުމީ ބަހުން ހެޔޮ ދުއާކޮށް، ގައުމީ ނިޝާނަށް ބޯލެނބުން ފަދަ ވާހަކަތައް އެކަށަ އަޅަނީ އެކަންކަން ކުރުން މަތީ ދިވެހީން ދެމި ތިބެންޖެހޭކަން ކަމަށް މަސީހު ވިދާޅުވި އެވެ.
އެހެންކަމުން އެ ގައުމީ ސަލާމުގެ ރޫހާ އެއްގޮތަށް ރައްޔިތުން އުޅުމާއި ގުޅުންތައް ފަރުމާ ކުރުމަށް ގޮވާލައްވާ ކަމަށް މަސީހު ވިދާޅުވި އެވެ.
"ޤައުމީ ސަލާމް ކިޔައި، ޤައުމީ ސަލާމުގެ ޖޯޝާއެކު ޢަމަލީ މައިދާނުގައި އަޅުގަ ނޑުމެންގެ އުޅުންތަކާއި ގުޅުންތައް، ޤައުމީ ސަލާމުގެ ރޫޙާ އެއްގޮތަށް ފަރުމާކުރުމުގެ ޢަޒުމް އާކުރަމާތޯ،" މަސީހު ވިދާޅުވި އެވެ.
މަސީހު ވަނީ އޭނާ އާއި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންގެ ނަމުގައި ހުރިހާ ދިވެހި ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ، އެ ބަޔާނުގައި ފޮނުވައިފަ އެވެ.