26 Jul 2016, 01:38
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އޮސްޓްރޭލިއާގެ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ޑަރެން ސްޓެވާޓް ހަމަޖައްސައިފި އެވެ.
އެފްއޭއެމުން މިރޭ ބުނީ ސްޓެވާޓް ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް ހަމަޖެއްސީ އެފްއޭއެމްގެ ޓެކްނިކަލް ކޮމެޓީން ބެލުމަށްފަހު އެ މަގާމަށް ގެނައުމަށް އެންމެ އެކަށީގެން ވަނީ އޭނާ ކަމަށް ފެންނާތީ ކަމަށެވެ. އޭނާ މާލެ އައުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުއެވެ.
އޮސްޓްރޭލިއާގެ ގައުމީ ޓީމަށް 1992 ވަނަ އަހަރު ތިން މެޗު ކުޅެދީފައިވާ ސްޓެވާޓް ވަނީ އެ ގައުމުގެ އެއްވަނަ ޑިވިޝަންގެ ބައެއް ކުލަބުތަކުގެ އިތުރުން މެލޭޝިއާގެ ދެ ކުލަބަކަށް ވެސް ކުޅެފައެވެ.
ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުން 2009 ވަނަ އަހަރު ހުއްޓާލި ސްޓެވާޓް ވަނީ 2009 ވަނަ އަހަރު ސިންގަޕޫރުގެ ގޮމްބެކް ޔުނައިޓެޑް އަށް ކޯޗު ކޮށްދީ 2012 ވަނަ އަހަރު މެލޭސިއާ ބެލެސްޓިއާ ކަލްސާއަށް ބަދަލުވެ ޖެހިގެން އައި އަހަރު އެ ޓީމަށް އެސްލީގް ވެސް ކާމިޔާބް ކޮށްދީފައެވެ.
ސްޓެވާޓް އެންމެ ފަހުން ކޯޗްކޮށްދީފައިވަނީ 2014 ވަނަ އަހަރު ސިންގަޕޫރުގެ ވްޑްލޭންޑް ވެލިންގްޓަނަށެވެ. އަދި އޭނާ މިހާރު ދިރިއުޅެމުން ދަނީ ވެސް ސިންގަޕޫރުގައެވެ.
ގައުމީ ޓީމްގެ ކޯޗްކަން އެންމެ ފަހުން ކޮށްފައި ވަނީ ނިއުޒިލެންޑްގެ ރިކީ ހާބަޓެވެ. އޭނާ ވަނީ މިދިޔަ މަހު ރާއްޖޭގެ ކޯޗް ކަމުން އިސްތިއުފާ ދީފައެވެ.
ސްޓެވާޓްގެ އިރުޝާދުގެ ދަށުން ގައުމީ ޓީމު އެންމެ އަވަހަށް ކުޅޭނީ އޭޝިއަން ކަޕް ކޮލިފައިންގެ ޕްލޭއޮފްގައި ލާއޯސްއާ ދެކޮޅަށެވެ. ފުރަތަމަ ލެގް މެޗް ސެޕްޓެމްބަރު މަހު ހަ ވަނަ ދުވަހު މާލޭގައި ކުޅޭއިރު ދެ ވަނަ ލެގް މެޗް ސެޕްޓެމްބަރު 11 ވަނަ ދުވަހު ކުޅޭނީ ލާއޯސްގައެވެ.