ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުން ފެށިގެން، ޕްރައިމަރީ ސްކޫލު ނިންމާ ކޮންމެ ކުއްޖަކީ ޚާތިމުކުރާ ކުއްޖަކަށް ހެދުން ކަމަށް ރައީސުލްޖުމްހޫރިއްޔަ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން މިރޭ ވިދާޅުވީ، ރާއްޖެ އަށް އަންނަ އިގްތިސާދީ ފުދުންތެރިކަމާ އެކު ތަހުޒީބީ މުޖްތަމައެއް ބިނާކުރުމަށް ޓަކައި ސަރުކާރުން އެންމެ އިސްކަން ދެނީ ކީރިތި ގުރުއާނާއި އިސްލާމް ދީން އުނގަންނައިދިނުން ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ޕްރައިމަރީ ސްކޫލު މަރުހަލާގައި ކީރިތި ގުރުއާނު މަޖުބޫރު މާއްދާއެއްގެ ގޮތުގައި ގައުމީ މަންހަޖުގައި ހިމަނާފައިވާނެ ކަމަށާއި ސަރުކާރުގެ އަމާޒަކީ ޕްރައިމަރީ ސްކޫލު ނިންމާ ކޮންމެ ކުއްޖަކީ ކީރިތި ގުރުއާން ޚަތިމުކުރާ ކުއްޖަކަށް ހެދުން ކަމަށެވެ.

"ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަކީ ޕްރައިމަރީ މަރުހަލާ ނިންމާ ކޮންމެ ދަރިވަރަކީ ވެސް ގުރުއާން ޚަތިމުކުރާ ކުއްޖެއްގެ ގޮތުގައި 2017 ވަނަ އަހަރުން ފެށިގެން ހެދުން،"

ރައީސް ޔާމީން ވިދާޅުވީ އިރު އަރައި އޮއްސޭ ކޮންމެ ދުވަހަކީ ރާއްޖޭގައި އިސްލާމް ދީން ނޫން ދީންތަކަށް ޖާގަ ދިނުމަށް ސަރުކާރަށް ބަޔަކު ޕްރެޝަރު ކުރާ ދުވަހެއް ކަމަށާއި، އިސްލާމީ ޝަރީޢަތް ރާއްޖޭގައި ހިންގައި، މަދަރުސާތަކުގައި ދީން ކިޔަވައިދީ ހަދާތީ ކޮންމެ ދުވަހަކު ވެސް ދިވެހީންނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުތައް އަންނަމުން ދާ ކަމަށެވެ.

ރައީސް ވިދާޅުވީ ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ ގާއިމު ކުރުމަކީ ކީރިތި ގުރުއާނާއި އިސްލާމީ ތައުލީމު ރާއްޖޭގެ މުޖުތަމައުގައި ވަރުގަދަ ކުރުމަށް ޓަކައި އެޅުނު ފިޔަވަޅެއް ކަމަށާއި އެ ތަނުން ދަރިވަރުންނަށް ޕީއެޗުޑީ ފެންވަރަށް ކިޔަވައިދޭން ދާދި އަވަހަށް ފަށާނެ ކަމަށެވެ.