24 May 2011, 19:26
އައްޑޫ ސިޓީ ކައުންސިލްގެ މޭޔާ އަބްދުﷲ ސާދިގު (ސޯބެ)އާ ހަވާލާދީ ސަން އޮންލައިންގައި ހަގީގަތަ ހިލާފު ވާހަކަތަކެއް ޝާއުކޮށްފައިވާ ކަމަށް ބުނެ، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ނަމުގައި ނެރުނު ނޫސް ބަޔާނަކީ އޭނާ އަށް އެނގިވަޑައިގެން ނެރުނު ބަޔާނެއް ނޫން ކަމުގައި މޭޔަރު ވިދާޅުވެ އެ މައްސަލަ ބައްލަވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނަނީ، "ސަން އެފްއެމްގެ ސަން. އެމްވީ ވެބްސައިޓުގައި 22 މެއި 2011 ގައި ]ސަދަން ޔުޓިލިޓީސްގެ ކޭބަލް ޕްރޮޖެކްޓް[ގެ ސުރުހީގެ ދަށުން ޝާއިކުރައްވައިފައިވާ ލިޔުމުގައި އައްޑޫ ސިޓީ ކައުންސިލްގެ މޭޔާ އަބްދުﷲ ސާދިގުއާ ހަވާލާދީ، ހަގީގަތާ ހިލާފު ވާހަކަތަކެއް ލިޔުއްވައިފައިވާތީ އެކަން އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ކުށްވެރިކުރާ" ކަމަށެވެ. އަދި އައްޑޫ ސިޓީ ކައުންސިލް ބަދުނާމުވެ، ރައްޔިތުންނަށް ހަގީގަތް އޮޅޭ ފަދަ ގޮތަކަށް މިނިވަން ނޫސްވެރިކަމުގެ ނަމުގައި ސަން އިން އަމަލުކޮށްފައިވާ ކަމަށް ބުނެ، އެކަމާ ހިތާމަކުރާ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.
ނަމަވެސް، އެ ހަބަރުގައި ޝާއިއުކޮށްފައިވާ މައުލޫމާތަކީ "ސަދަން ޔުޓިލިޓީސްގެ ކޭބަލް ޕްރޮޖެކްޓް: ކުރިން ހަވާލުކުރި ފަރާތަށް އެޑްވާންސަށް ދީފައިވާ 1.6 މިލިއަން ރުފިޔާ ނުހޯދައި އަލުން ބިޑަށްލައިފި" މި ސުރުހީގެ ދަށުން އޭޕްރިލް 7، 2011 ގައި ސަން އޮންލައިންގައި ޝާއިއުކޮށްފައިވާ ހަބަރަށް އައްޑޫގެ މޭޔާ ދެއްވި އިންޓަވިއުއްގެ ބައެކެވެ.
އަދި ސޯބެ ވަނީ އެ މައުލޫމާތަކީ "ރަނގަޅު ވާހަކައެއް"ކަން ރޭ ވެސް ސަން އަށް ޔަގީންކޮށްދެއްވައިފަ އެވެ. އަދި އިތުރަށް މޭޔާ ވިދާޅުވީ، ސިޓީ ކައުންސިލުގެ އިދާރާ އިން އެ މައުލޫމާތު ދޮގުކޮށް އިއްޔެ ނެރުނު ބަޔާނަކީ އޭނާއަށާއި ޑެޕިއުޓީ މޭޔަރަށް ވެސް އެނގިވަޑައިގެން ނެރުނު ބަޔާނެއް ނޫން ކަމަށާއި ދެ ބޭފުޅުން ވެސް ތިއްބެވީ މާލޭގައި ކަމަށެވެ.
"ތީގައި ތިހިރީ ]މެއި 22 ގައި ޝާއިއުކުރި ހަބަރުގައި ވަނީ[ ކުރިން ޕަބްލިޝް ކުރެވިފައި ހުރި އިންޓަވިއުއެއްގެ ވާހަކައެއް. އަނެއްކާ ތިޔަ ވާހަކައަކީ ހަމަ ރަނގަޅު ވާހަކައެއް. ގަވައިދަކުންނެއް ނޫން އެކަން ހިނގައިފައި ވަނީ. އޭސީސީން ކޭބަލްގެ މައްސަލަ ބަލައިފައި ހުއްޓުވައިފައި އިންދާ، ކުރީގައި އިން އިއުލާން ކެންސަލްކޮށްފައި އަލުން އިއުލާންކޮށްގެން ބިޑް އިވެލުއޭޝަނާ ހަމައަށް ދިޔައިރު ވެސް ސިމްޑީއަށް ]އެޑްވާންސްގެ ގޮތުގައި[ ދިން ފައިސާ އަތުވެސް ނުލައި. އެމީހުންނާ އަނެއްކާ އޭތި ހަވާލުކުރެވުނު އިރު ކުރިއަށް ވުރެ ދެ ލައްކަ ރުފިޔާ މާ އަގުބޮޑުކޮށް ކަމަށް މައުލޫމާތު ލިބެނީ އެމީހުންނަށް އެ ]ޕްރޮޖެކްޓް[ ދީފައި އިނީ ވެސް،" އައްޑޫގެ މޭޔާ ރޭ ވިދާޅުވި އެވެ.
ސޯބެ ވިދާޅުވީ، އޭނާ ދެއްވައިފައިވާ އިންޓަވިއުއެއް ދޮގުކޮށް، އެހެން މީހަކަށް ނުވަތަ ސިޓީ ކައުންސިލް އިދާރާއަކަށް ބަޔާނެއް ނުނެރެވޭނެ ކަމަށެވެ. އަދި އެ ބަޔާނުގެ މައްސަލަ ބަލާނެ ކަމުގައި ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ތިކަން ބަލާނަން. އަޅުގަނޑުގެ ބަހެއް ނޫހުގައި ތަނެއްގައި އިންދާ އެކަމެއް ނަފީކޮށްފައި ވާހަކައެއް ދައްކާ ކަމަށްވަންޏާ އަޅުގަނޑު ކައިރިންވެސް އަހާލަންވާނެ ކޮންމެ މީހަކު އެކަން ކުރިކަމުގައިވިޔަސް،" ސޯބެ ވިދާޅުވި އެވެ.
މީގެ އިތުރުން، ސަދަން ޔުޓިލިޓީސް އަކީ ސަތޭކަ ޕަސަންޓް ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ވާތީ އެކުންފުނީގެ މައްސަލަތައް ބެލުމަކީ ސިޓީ ކައުންސިލްގެ "އިހުތިސާސްތެރޭގައިވާ ކަމެއް ނޫން" ކަމަށް އެބަޔާނުގައި ބުނެފައިވާތީ ސޯބެ ވަނީ އެކަމަށް ވެސް ރައްދުދެއްވައިފަ އެވެ.
"ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކުރާ ކަމެއް ކޮރަޕްޝަން ނައްތާލުމަކީ. އެ ކުންފުނުންޏަކީ ސިޓީ ކައުންސިލްގެ ބަލަދުވެރިކަމުގެ ދަށުގައިވާ ކުންފުންޏަކަށް ނުވިޔަސް، ކައުންސިލްގެ އިހުތިސާސްތެރޭގައިވާ ހިދުމަތްތައްދޭ ކުންފުންޏެއް ކަމަށްވަންޏާ އެކުންފުނިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރަންޏާ އެ މައްސަލަތައް ބެލޭނެ. އަދި ބަލަދުވެރިފަރާތަކަށް އަންގަން ވެސް އެންގޭނެ." ސޯބެ ވިދާޅުވި އެވެ.
އިއްޔެ ސަން ކުށްވެރިކޮށް ނެރުނު ބަޔާނުގައި ސިޓީ ކައުންސިލްގެ އިދާރާގެ ތައްގަނޑާއި އެޕްރޫވްކުރި ފަރާތުގެ ސޮއި ހިމަނައިފައިވެ އެވެ. ނަމަވެސް، ނަމެއް ބަޔާންކޮށްފައިނުވާތީ ފޮނުވީ ކޮން ފަރާތަކުން ކަމެއް އެނގޭކަށެއް ނެތެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި އެ ބަޔާނުގައި ސޮއިކުރައްވައިފައި ވަނީ، ސިޓީ ކައުންސިލް އިދާރާގެ އިސް މުވައްޒަފެކެވެ. ނަމަވެސް، އެ ބަޔާން ނެރެން އޭނާ އަށް އެންގެވީ ސިޓީ ކައުންސިލްގެ ދެ މެމްބަރަކު ކަމަށްވެ އެވެ.
އެހެންކަމުން، އައްޑޫ ސިޓީގެ ކައުންސިލަރުން މެދުގައި ހިޔާލުތަފާތުވުންތަކެއް އުޅޭކަން މިހާރު ވަނީ ކަށަވަރުވެ އެވެ.
ސިޓީގެ މޭޔާ ވިދާޅުވަނީ، މިހާތަނަށް އައިރު އެފަދަ ދެބަސްވުންތަކެއް އުޅޭކަން ގަބޫނުކުރެއްވި ނަމަވެސް، އޭނާ ގާތުން "އަހާވެސް ނުލާ އެކަހަލަ ބަޔާނެއް ނެރުނީމަ" ކައުންސިލަރުން މެދުގައި އޮތް ގުޅުމާ މެދު ސުވާލު އުފެދޭ ކަމަށެވެ.