ފަތުރުވެރިން ގޮވައިގެން މަހަށް ގޮސް އެނބުރި މާލެ އައި ދޯންޏެއް، މާލޭގެ އިރުމަތީ ފަރާތުން އަލަށް ކެނޑި ނެރުން ވަންނަން އުޅެނިކޮށް ނެރުގެ ތޮއްޓަށް އަރައި، ދޯންޏަށް ބޮޑު ގެއްލުންތަކެއް ވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސަން" އަށް ވިދާޅުވީ ޓޫރިސްޓުން ގޮވައިގެން މަހަށް ދިޔަ ދޯންޏެއް އެނބުރި މާލެ އައިސް، މާލޭގައި އަލަށް ކެނޑި ނެރުން ވަންނަން އުޅެނިކޮށް ތޮއްޓަށް އަރައި، ތިލަވެފައިވާ ކަމަށެވެ. ނަމަވެސް އެ ބޯޓު ފުންކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެ އެވެ.

އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްނުވެއެވެ.

މިރޭ 9:25 ހާ އިރު ހިނގި މި ހާދިސާގައި، ދޯނީގެ އިންޖީނުގެއާ ދިމާލުން ބަނޑުފިލާގަނޑު ފަޅައިގެން ގޮސްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އަދި ދޯނި ދިޔަވަމުން ދާތީ އެ ދޯނި އެއްގަމަށް އެރުވުމުގެ މަސައްކަތް، ދޯނީގެ މީހުންނާއި ފުލުހުން ގުޅިގެން ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެ އެވެ.

މާލޭގެ ދެކުނުން އިންޑަސްޓްރިއަލް ވިލެޖު ހެދުމަށްޓަކައި އެސަރަހައްދު ހިއްކައި، އެހެން ދިމާލަކުން އާ ނެރެއް ކަނޑާފައިވާ އިރު، އެ ސަރަހައްދުގެ ތޮއްޓަށް އޮޑިދޯނިފަހަރު އެރުމުގެ ހާދިސާތައް ދަނީ ދިމާވަމުންނެވެ.