25 Jul 2016, 22:45
ދިވެހިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ހިންދީ ޑްރާމާ ސިލްސިލާ، "ޔޭ ހޭ މޮހޮއްބަތޭން"ގެ ނެގެޓިވް ރޯލު ކުޅޭ އެކްޓްރެސް، އަނީތާ ހަސަނަންދަނީ (ޝަގުން އަރޯރާ) މާދަމާ ހަވީރު ރަސްފަންނަށް ޒިޔާރަތްކުރާނެ ކަމަށް އޭނާ ބުނެފި އެވެ.
ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އައިސްގެން އުޅޭ އަނީތާގެ އިންސްޓަގްރަމް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނީ މާދަމާ ހަވީރު 5:30 ގައި ރަސްފަންނަށް ޒިޔާރަތްކުރާނެ ކަމަށެވެ.
ފިރިމީހާ ރޯހިތް ރެޑީ އާއެކު އަނީތާ ރާއްޖެ އައިސްފައިވަނީ މީގެ ދެ ދުވަސް ކުރިންނެވެ. އޭނާ ޗުއްޓީ ހޭދަކުރަމުންދަނީ ރ. އަތޮޅުގައި އޮންނަ އަދާރަން ރިސޯޓުގަ އެވެ.
ސޯޝަލް މީޑިއާއާ ވަރަށް ރަހުމަތްތެރި އަނީތާ ދަނީ ނުވަ ލައްކަ އަށްވުރެ ގިނަ މީހުން ފޮލޯކުރާ އޭނާގެ އިންސްޓަގުރަމް އެކައުންޓުގަ އާއި ފޭސްބުކްގައި ރާއްޖޭގައި އޭނާ ހޭދަކުރަމުންދާ ފޮޓޯތައް ފޭނުންނަށް ހިއްސާކުރަމުންނެވެ.
ހިންދީ އަދި ޓެމިލް ފިލްމުތަކުން ވެސް ފެނިގެން ގޮސްފައިވާ އަނީތާ އެންމެ ފުރަތަމަ އާއްމުންނަށް ފެނިގެންދިޔައީ މެޓްރޯ ގޯލްޑް ޗެނަލް އިން 2001 ވަނަ އަހަރު ދެއްކި ޓީވީ ސީރީސް، "ކަބީ ސޯތާ ކަބީ ސެހެލީ" އިންނެވެ. އަނީތާ އަށް އެންމެ ބޮޑު މަޝްހޫރުކަމެއް ލިބިގެންދިޔަ "ޔޭ ހޭ މޮހޮއްބަތޭން" އޭނާ ފެންނަން ފެށީ 2013 ވަނަ އަހަރުން ފެށިގެންނެވެ.