25 Jul 2016, 21:33
ޗައިނާގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި މިއަދު މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ކުޅެން ހަމަޖެހިފައިވާ ޑާބީ މެޗު، ވިއްސާރައިގެ ސަބަބުން ވަނީ ކެންސަލްކޮށްފައެވެ.
މެޗު ކެންސަލްވީކަން ދެޓީމުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އެގޮތުން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ އާއި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައި ވަނީ، ޕްރި-ސީޒަންގެ މެޗަކަށްވުރެ މުހިއްމީ ކުޅުންތެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަމަށާއި އެގޮތުން އެ މެޗު ނުކުޅެން ދެ ކްލަބުންވެސް ނިންމީ ކަމަށެވެ.
"މޫސުމް ގޯސްވުމުގެ ސަބަބުން، މުބާރާތް އިންތިޒާމްކުރާ ފަރާތާއި އަދި މުބާރާތުގައި ބައިވެރިވި ކްލަބުތަކުން ނިންމީ މިއަދު ކުޅެން ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕް ގޭމް ކެންސަލްކުރާން،" ޔުނައިޓެޑާއި ސިޓީން ގުޅިގެންނެރެފައިވާ ބަޔާނުގައި ވެއެވެ.
ޗައިނާގެ ވެރިރަށް ބެއިޖިންގަށް މިއަދު އާދަޔާޚިލާފަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން މެޗުކުޅޭން ހަމަޖެހިފައވާ ސްޓޭޑިއަމްގައި ފެންބޮޑުވުމުގެ ސަބަބުން، ފަހުވަގުތު މެޗު ކެންސަލްކުރިއިރު، މި ފޯރިގަދަ މެންޗެސްޓާ ޑާބީއަށް ތައްޔާރުވުމުގެ ގޮތުން ޔުނައިޓެޑްގެ ކޯޗް ހޯޒޭ މޮރީނިއޯ ވަނީ އޭނާގެ ކުޅުންތެރީންނަށް މަޝްހޫރު މޯބައިލް ގޭމްޕޮކޭމޮން ގޯކުޅުން މަނާކޮށްފައެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރީންނާ އެކު ކޯޗް ހޯޒޭ މޮރީނިއޯ ފަރިތަކުރުންތަކުގައި -- ފޮޓޯ: އޭއެފްޕީ
މީގެ ކުޑަ ދުވަސްކޮޅެއް ކުރީން މުޅި ދުނިޔޭގެ ސަމާލުކަން ދަމައިގަތް ޕޮކޭމޮން ގޯ ކުޅުން އެއްކޮށް މަނާކުރީކީ ނޫނެވެ. އެހެންނަމަވެސް މެޗުކުޅޭން 48 ގަޑިއިރަށް ވުމުން ދެން އެއްވެސް ކުޅުންތެރިއަކު ޕޮކޭމޯން ގޯ ކުޅުމަކީ މަނާކަމެއްގެ ގޮތުގައި ހަމަޖެއްސީ ކުޅުންތެރީންގެ ފޯކަސް، އެހެންދިމާއަކަށް އެނބުރުމުގެ ސަބަބުން ޓީމަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެތީކަމަށާއި ކުޅުންތެރީން "އުކުޅުތަކަށް ފުރިހަމަ ސަމާލުކަމެއް ދިނުމަށް" ކަމަށް މޮރީނިއޯ ބުންޏެވެ.
"ހޯޒޭއަކީ އޭނާގެ ކުޅުންތެރީނާއި ސްޓާފުންނާ ވަރަށް ގާތް ގުޅުމެއް ބާވަން ލޯބިކުރާ ކޯޗެއް. ހާއްސަކޮށް މެޗުތަކާއި ފަރިތަކުރުންތައް ނޯންނަ ވަގުތުތަކުގައި،" ޔުނައިޓެޑްގެ މަސްދަރަކާ ހަވާލާދީ ޑެއިލީ ސްޓާގައި ލިޔެފައިވެއެވެ.
"މޮރީނިއޯ މިހާރުވެސް ފަރުވާތެރިކަމާއެކު މަސައްކަތްކުރަމުން ދަނީ، އޯލްޑް ޓްރެފަޑްގައި އޭނާ ކަންކަން ކުރާނޭ ގޮތްތަށް ހޯދުމަށް. މިހާތަނަށް އޭނާ ފާހަގަކޮށްފައިވާ ހަމައެކަނި ކަންބޮޑުވުމަކީ އޭނާގެ ކުޅުންތެރީން ޕޮކޭމޮން ގޯއާހެދި މާބޮޑަށް އުޅުން."
ޕޮކޭމޮން ގޯއަކީ ހަމަ އެކަނި މޮރީނިއޯއަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫނެވެ. އިޖްތިމާއީ ގޮތުން ގިނަ ބައެއްގެ މެދުގައި ގުޅުން ބަދަހިވެ، ޝައުގުވެރި އެތަކެއް ކަންތައްތަކެއް އެ ގޭމުގެ ސަބަބުން ފެނިގެން ގޮސްފައިވީ ނަމަވެސް މަދުން ނަމަވެސް ދުނިޔޭގެ ބައެއް ގައުމުތަކުގައި ކަންބޮޑުވާންޖެހޭފަދަ ބައެއް ހާދިސާތައްވެސް ވަނީ ހިނގައިފައެވެ. އެގޮތުން ބައެއް މީހުން ގޭމުކުޅެމުން ގޮސް ކާރުތަކުގައި ޖެހި އެކްސިޑެންޓް ހިނގާފައިވާއިރު އަނެއް ބަޔަކު އެ ކުޅެމުން ގޮސް ފާލަންމަތިން މޫދަށް ވެއްޓިފައިވެސް އެބަހުއްޓެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރީން ފަރިތަކުރުންތަކުގައި -- ފޮޓޯ: އޭއެފްޕީ
އެމެރިކާގެ ޔުނިވާރސިޓީ އޮފް ލޯވާގެ ފުޓްބޯޅަ ކުޅުންތެރިއަކު ޕޮކޭމޮން ގޯ ކުޅެން ބޭންކެއްގެ ކައިރީގައި އުޅެނިކޮށް އޭނާއަކީ ވަގެއް ކަމަށް ހީކޮށް ފުލުހުން އޭނާގަޔަށް ބަޑިޖަހަން މަސައްކަތްކޮށްފައިވާ ކަމަށްވެއެވެ. އަދި އެހެން ހާދިސާއެއްގައި ޕޮކޭމޮން ގޯ ކުޅެމުން ދިޔަ މީހަކު ވަނީ، އޮކޮލަހޮމާ ޔުނިވާސިޓީގެ ފުޓްބޯޅަ ސްޓޭޑިއަމްގައި ބެދިފައެވެ.
އަދި މިނޫނަސް ޕޮކޭމޮން ގޯއާ ގުޅުންހުރި ތަފާތު ހާދިސާތައް ހިނގާފައިވާއިރު، ކޯޗެއްގެ ހައިސިއްޔަތުން ކުޅުންތެރީންގެ ރައްކާތެރިކަމަށްޓަކައި މޮރީނިއޯ ނިންމި އެ ނިންމުމަކީ ތައުރީފު ހައްގު ނިންމުމެއްގެ ގޮތުގައި ގިނަބަޔަކު ސިފަކުރެއެވެ.
ޕްރި-ސީޒަން މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދާ އިންޓަނޭޝަ ޗެމްޕިއަންސް ކަޕްގައި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުން 4-1 ލަނޑުން ޔުނައިޓެޑް ވަނީ ބަލިވެފައެވެ.