24 May 2011, 18:15
ތެހެރާން : އީރާނުގެ އަބަދާންގައި ހުންނަ ތެޔޮސާފުކުރާ ރިފައިނަރީއަކަށް ރައީސް އަހްމަދީ ނެޖާދް ޒިޔާރަތް ކުރައްވަމުން ގެންދަވަނިކޮށް އެތާނގައި ގޮވުމެއް ގޮވައި އެކަކު މަރުވެ 10 މީހަކު ޒަހަމްވެއްޖެވެ.
އީރާނުގެ ހުޅަނގު ދެކުނުގެ ސަރަޙައްދެއް ކަމަށްވާ ހޫޒިސްތާނުގެ ރަށެއް ކަމަށްވާ އަބަދާންގައި ހުންނަ މި ކާރުހާނާއަށް ކުރިމަތިވި ހާދިޝާއާ ގުޅިގެން ކާރުހާނާގެ ބައެއް ހޮޅިތަކުގައި އަލިފާން ރޯވިނަމަވެސް އެތަނުގެ އަލިފާންނިއްވާ މުވައްޒަފުންވަނީ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ނިއްވާލާފަ އެވެ.
މިހާދިޝާގައި ރައީސް އަހްމަދީ ނެޖާދަށާއި އޭނާގެ ވަފްދަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި ނެޖާދްގެ ދަތުރުފުޅުގެ ޕްރޮގްރާމަށްވެސް މިކަމުގެ ސަބަބުން ބަދަލެއްނާންނަ ކަމަށް ޚަބަރު ލިބެ އެވެ. މިހާދިޝާ ހިނގަން މެދުވެރިވީ ފަންނީ މައްސަލައަކާ ގުޅިގެން ހޮޅިއަކުން ގޭސް ލީކުވެގެން ކަމަށް އެ ކާރުހާނާގެ މަސްއޫލުވެރިންނާ ހަވާލާދީ ރޮއިޓާސް ބުނެ އެވެ.
އީރާނަކީ ދުނިޔޭގައި 4 ވަނައަށް އެންމެ ގިނައިން ތެޔޮބޭރުކުރާ ޤައުމެވެ. ނިއުކްލިޔަރ މައްސަލާގައި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލުމަށްޓަކައި އީރާނުން ދާދިފަހުންވަނީ އެޤައުމުގެ ރިފައިނަރީތަކުގެ ކެޕޭސިޓީ މަތިކޮށް އިތުރު 2 ރިފައިނަރީ ބިނާކުރުމުގެ މަސައްކަތް ފަށާފަ އެވެ.
އެހާދިޝާގެ ސަބަބުން އަބަދާން ރިފައިނަރީއަށް މާބޮޑު ގެއްލުމެއް ނުލިބޭ ކަމަށާއި އީރާނުން ސާފުކުރާ ތެލުގެ މިންވަރަށް މިކަމުގެ ސަބަބުން އެއްވެސް ލޮޅުމެއް ނާރާނެ ކަމަށް އެޤައުމުން ބުނެ އެވެ. (އަލްޖަޒީރާ)