25 Jul 2016, 21:48
ރާއްޖޭގެ އެކިއެކި އިޖުތިމާއީ މައްސަލަތައް ހައްލު ކުރެވޭނީ އެ މައްސަލަތައް ހަނދާން ނެތޭ ވަރުގެ އަފިހުނެއް ޒުވާނުންނަށް ދީގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެފައިވާ ވިދާޅުވުމަކީ އެމަނިކުފާނު މިސާލު ބަހެއްގެ ގޮތުން ވިދާޅުވި އެއްޗެއް ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފި އެވެ.
މެއި 23 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ހއ. ހޯރަފުށްޓަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށުގައި ބޭއްވި ޖަލްސާ ޕީއެސްއެމްގެ ޓީވީއެމްއާއި ޗެނަލް 13 އިން ލައިވް ކޮށްފައިވާ އިރު، އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިޖްތިމާއީ މައްސަލަތައް ހައްލު ކުރުމަށް ޓަކައި އެ މައްސަލަތައް ހަނދާން ނެތޭ ފަދަ އަފިހުނެއް ޒުވާނުންނަށް ދޭން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި، ރާއްޖޭގައި އުފެދިފައި މިހިރަ ހުރިހާ އިޖުތިމާއި މައްސަލަތަކަށް އޭގެ ހައްލެއް އަންނާނީ ރައްޔިތުންގެ އިޖުތިމާއީ މައްސަލަތަކުން ހަނދާންނެތޭ ވަރުގެ އަފިހުނެއް ރައްޔިތުންނަށް ލިބިގެން، އެ އަފިހުނަކީ ރައްޔިތުން ބާރުވެރިވުން، ޒުވާނުން ބާރުވެރިވުން، ޒުވާނުން ބޭކާރުގޮތުގައި ވަގުތު ނަގާނުލާ، ޒުވާނުންނަކީ ގައުމު ކުރިއަށް ގެންދަން ޒުވާނުންގެ އާއިލާއަށް ބޭނުންވާ ލާރި ހޯދަން ޒުވާނުންގެ ހަޔާތް ބާއްޖަވެރިކުރަން މަސައްކަތްކުރާ އާމުދަނީ ހޯދާ ބަޔަކަށް ހަދާނެ ފުރުސަތުތަކެއް ރާއްޖޭގައި އުފައްދައި ދެވިގެން. އެހެންވީމާ، ޒުވާނުން ބާރުވެރިކުރުވަން ކުރާ މަސައްކަތަކީ މި ދެންނެވި އަފިހުން އަޅުގަނޑުމެންގެ ތެރޭގައި ބެހުން." ރައީސް އެދުވަހު ވިދާޅުވި އެވެ.
ރައީސް މިހެން ވިދާޅުވި އިރު، އެ ޖަލްސާ ޗެނަލް 13 އާއި ޓީވީއެމްއިން ލައިވް ކޮށްފައިވާތީ ޖޫން ހަތް ވަނަ ދުވަހު އާންމު ފަރާތަކުން ވަނީ މި ކަން ދެ މައްސަލައެއްގެ ގޮތުގައި ބްރޯޑްކޮމްއަށް ހުށަހަޅައިފަ އެވެ.
ޖުލައި 19 ވަނަ ދުވަހު މި މައްސަލަ ބެލުމަށް ފަހު ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމި ނިންމުމުގައި ބުނެފައި ވަނީ "އިޖުތިމާއީ މައްސަލަތަކަށް، އޭގެ ޙައްލެއް އަންނާނީ، ރައްޔިތުން އިޖުތިމާއީ މައްސަލަތަކުން ހަނދާންނެތޭވަރުގެ އަފިހުނެއް ރައްޔިތުންނަށް ލިބިގެން" ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިސާލު ބަހެއްގެ ގޮތުގައި ކަން އެނގެން އޮންނަ ކަމަށެވެ.
އަދި އެއަށް ފަހު ރައީސުލްޖުމްހޫރިއްޔާ ދައްކަވާ ވާހަކަތަކުން ވެސް އެކަން އެނގެން އޮންނަ ކަމަށް ބްރޯޑްކޮމްއިން ބުނެ އެވެ.
އެހެންކަމުން އެ ދެ މައްސަލާގައި ވެސް ފާހަގަ ކުރެވޭ ކޮންޓެންޓު ދެ ޗެނަލުން ބްރޯޑްކާސްޓް ކޮށްފައި ވަނީ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފުވާ މިންވަރަށް ކަމަށް ބެލެން ނެތް ކަމަށް، މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި ކޮމިޝަނުގެ މެމްބަރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.