25 Jul 2016, 19:15
ރާއްޖެ ޓީވީއިން ކޮންމެ ރެއެއްގެ ރޭގަނޑު 8:00 ގެ ފަހުން ފޮނުވާ ފަލަ ސުރުހީ ޕްރޮގްރާމުން، ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފަށް ކަމެއް ތަކުރާރު ކޮށްފި ނަމަ އެ ޕްރޮގްރާމް ހުއްޓާލުމަށް ރާއްޖެޓީވީއަށް އަންގާނެ ކަމަށް ބުނެ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެ ޓީވީއަށް އިންޒާރު ދީފި އެވެ.
ރާއްޖެ ޓީވީ އިން ގެނެސްދެމުން އަންނަ "ފަލަ ސުރުހީ" އަންގައި، އެ އިންތިޒާމް ހަމަޖެއްސެން ނެތް ނަމަ އެ ޕްރޮގްރާމް ބްރޯޑްކާސްޓް ކުރުން މި ހިނދުން މި ހިނދަށް ހުއްޓާލަން މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުން އެ ޗެނަލަށް 28 އޭޕްރިލް ވަނަ ދުވަހު ވަނީ އަންގައިފަ އެވެ.
މިއަދު ބްރޯޑުކޮމްއިން ނެރުނު އިންޒާރެއްގައި ބުނެފައިވަނީ، ރާއްޖެ ޓީވީއިން ފަލަ ސުރުޚީ ޕްރޮގްރާމް ޑިލޭއަކާ އެކު އޭގެ ފަހުން ފޮނުވަމުން ދިޔަ ނަމަވެސް، މެއި އެއްވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީއިން ފޮނުވި ފަލަ ސުރުޚީ ޕްރޮގްރާމުގައި، ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފު ކޮންޓެންޓު ފޮނުވާފައިވާ ކަމަށެވެ.
ބްރޯޑުުކޮމުން ބުނީ އެރޭ ފޮނުވި ކޮންޓެންޓު ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިންވަނަ ހަމައިގެ (1) އާ ޚިލާފު ކަމަށެވެ.
ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސގައި މީހުންގެ އަބުރުވެރިކަމާ ޒާތީ ދިރިއުޅުން ރައްކާތެރިކޮށްދޭ ހަމަ، ނުވަތަ ތިންވަނަ ހަމައިގެ އެކެއްގައި ބުނެފައިވަނީ މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑޭ، ނުވަތަ އިއްޒަތާ ގަދަރަށް އުނިކަމެއް އަތުވެދާނެ ފަދަ، ނުވަތަ ނިކަމެތިކަމެއް ލިބިދާނެ ފަދަ ބަސްތަކާއި މަންޒަރާއި އަޑު ބްރޯޑްކާސްޓް ކޮށްގެން ނުވާނެ ކަމަށެވެ.
ނަމަވެސް އަބުރާ ބެހޭ ގޮތުން ރާއްޖެ ޓީވީ އިން ބުނީ ކޮން ވާހަކައެއް ކަމެއް އަދި އަބުރާ ބެހުނީ ކާކުގެ ކަމެއް ކޮމިޝަނަކުން ނުބުނެ އެވެ.
ބްރޯޑްކޮމްގެ އިންޒާރުގައި ބުނެފައިވަނީ 28 އޭޕްރިލްގައި އެ ކޮމިޝަނުން އެންގި އެންގުމުގެ މަގްސަދު ހާސިލުވާ ގޮތަށް ޒިންމާދާރުގޮތެއްގައި "ފަލަސުރުޚީ" ޕްރޮގްރާމް ރާއްޖެ ޓީވީން ބްރޯޑްކާސްޓް ކުރަމުން ނުދާ ކަމަށެވެ.
އަދި އެފަދަ ކަމެއް ތަކުރާރު ކޮށްފި ނަމަ، ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާގެ ދަށުން، ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމް ފޮނުވުން ހުއްޓާލުމަށް އަންގާނެ ކަމަށް ބްރޯޑްކޮމްއިން ރާއްޖެ ޓީވީއަށް އަންގާފައި ވެ އެވެ.