25 Jul 2016, 18:19
ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހާދު މަރާލި ކަމަށް ސާބިތުވެ، ގ. ރީފް މުހައްމަދު ނަބީލު މަރަން ދަށު ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއިދުކޮށްފައިވަނިކޮށް، ސުޕްރީމް ކޯޓުން އެ ހުކުމް ދަމަހައްޓައިފި އެވެ.
ދެހާސްނުވަ ވަނަ އަހަރު މާލޭގައި ހިންގި މާރާމާރީއެއްގައި ފަރުހާދު މަރާލި ކަމަށް ނަބީލުގެ މައްޗަށް ސާބިތުވެފައިވަނިކޮށް، އޭނާ މަރަން ދަށު ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ތާއިދު ކުރިއިރު، މިހާތަނަށް ސުޕްރީމް ކޯޓުން ވަނީ ނަބީލުގެ އިތުރުން ދެ މީހަކު މެރުމަށް ހުކުމްކޮށްފަ އެވެ. އެއީ އަފްރާޝީމްގެ ގާތިލް ހުމާމާއި ގާނޫނީ ވަކީލު ނަޖީބުގެ ގާތިލް މުރައްތެވެ.
ކަޓަރުތިލައަކުން ދިން ހަމަލާއެއްގެ ސަބަބުން ފުއްޕާމެއަށް ލޭ އެޅި ލިބުނު ގެއްލުންތަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ފަރުހާދު މަރުވެފައި ވަނީ 2009 ވަނަ އަހަރުގެ މާޗު މަހުގެ އަށް ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އޭނާ މަރާލި ކަމުގެ ކުށް ނަބީލްގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި ނަބީލު މެރުމަށް އޭރުގެ ޖިނާއީ ކޯޓުން ހުކުމްކޮށްފައި ވަނީ 2010 ވަނަ އަހަރު އެވެ. އެ ހުކުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.
ހައިކޯޓުން ކުރި ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަވަރުކުރުމަށް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ނިންމައި މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވަމުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ ކްރިމިނަލް ކޯޓަށް ދައުލަތުގެ ފަރާތުން މައްސަލަ ސާބިތު ކުރުމަށް ހުށަހެޅި ހެކިންގެ ހެކިބަހުގައި އެއްވެސް ފުށު އެރުމެއް ނެތް ކަމަށެވެ.
ފުރަތަމަ މަރުހަލާގައި މައްސަލަ ކުރިއަށް ދިޔަ އިރު ބަންދު މުއްދަތު މަޖިލީހުގައި ކަޓަރު ތިލަ ފަރުހާދުގެ ބުރަކައްޓާދިމާލަށް އެއްލިކަމަށް ނަބީލް އިއުތިރާފުވެފައި ވާކަމަށާއި ތަހުގީގު ބަޔާނުގައި ވެސް އެވާހަކަ ތަފްސީލުކޮށް ކިޔައިދީފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި ވެފައިވާ އެ އިއުތިރާފަށް ހެކިންގެ ހެކިބަހުން ބާރު ލިބޭ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވަނީ ފާހަގަ ކުރައްވާފަ އެވެ.
ފަރުހާދު މަރުވީ ނަބީލް ކަޓަރު ތިލައިން ދިން ހަމާލާއެއްގެ ސަބަބުންކަން ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ އެއްވެސް ޝަކެއް ނެތް މިންވަރަށް ހެއްކާއި ކާފީ ދަލީލު ލިބިގެން ކަމަށް ހުކުމް އިއްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ހައި ކޯޓުން މައްސަލަ ނިމުމުން އިސްތިއުނާފު ކުރަން ލިބުނު މުއްދަތުގެ ތެރޭގައި ނަބީލްގެ ފަރާތުން އިސްތިއުނާފު ނުކުރުމަކީ ހައިކޯޓުގެ ހުކުމް އޭނާ ބަލައިގަތްކަން ހާމަވާ ހަރުދަނާ ދަލީލެއް ކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ.
ފަރުހާދު މަރާލިކަން ނަބީލުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
އެ މައްސަލާގެ ރިޔާސަތު ބެލެހެއްޓެވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެވެ. އެ މައްސަލައިގެން ބެންޗުގައި ދެން ހިމެނި ވަޑައިގަންނަވަނީ ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ފަނޑިޔާރު އަބްދުﷲ އަރީފު އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ގެ އިތުރުން ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އެވެ.
ނަބީލު މެރުމަށް ކުރީގެ ޖިނާއީ ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ފަރުހަދު މަޖީދީމަގުން ނަލަހިޔާ ހޮޓެލް ކައިރިން ހިނގާފައި ދަނިކޮށް ނަބީލް އިތުރު ބަޔަކާ އެކު އެތަނަށް ގޮސް އޭނާ ހިފަހައްޓައި ސޯސަން ސްޓޯރު ކުރިމަތީގައި އޮންނަ "ޔޫއެން ޕާކަށް" ވެއްދުމަށްފަހު އޭނާއާ މާރާމާރީ ހިންގި ކަމަށެވެ.
އޭގެ ފަހުން ޔޫއެން ޕާކަށް ވެއްދުމަށްފަހު ނަބީލުގެ އަންހެން ކޮއްކޮ އާމިނަތު ނިއުމާއާ ފަރުހަދު ބެހުނުތޯ ސުވާލުކުރުމުން އޭނާ ނުބެހޭ ކަމަށް ބުނުމުން އަތުންނާއި ފައިން ތަޅައި އެ އެންމެން ފަރުހާދާ މެދު މާރާމާރީ ހިންގި ކަމަށެވެ. އެވަގުތު އެ މީހުންގެ ކިބައިން ސަލާމަތްވާން ވެގެން ފަރުހާދު ދުވެފައި ދަނިކޮށް ނަބީލު އެއްލާލި ކަޓަރުތިލައެއް ފަރުހާދުގެ ބުރަކައްޓަށް ހެރިފައިވާ ކަމަށާއި އޭނާ މަރުވީ އެ އަނިޔާގެ ސަބަބުން ކަމަށް ޑޮކްޓަރުގެ ރިޕޯޓުގައި ބުނެފައިވާ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.
ފަރުހާދުގެ މަރާ ގުޅިގެން މ. ބްލޫލޭކް ލޮޖް އަލީ ރަޒީން އާއި މ. ރޭ އަލިވާގޭ އިބްރާހިމް ނައުފަލްގެ މައްޗަށް ވެސް ދައުވާ ކުރި އެވެ. ނަމަވެސް އެ މީހުން އޭނާ މަރާލުމުގައި ބައިވެރިވިކަން ސާބިތުނުވާ ކަމަށް ކަނޑައަޅައި އަމަން ނަގާލުމުގެ ކުށުގައި އެ ދެ މީހުން ހަތަރު އަހަރަށް ޖަލަށްލުމަށް ކުރީގެ ޖިނާއީ ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.