ޖަލަށް ލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ މައްޗަށް ކުރާ ދެ ވަނަ ދައުވާ ސާބިތުވާ ކަމަށް ކޯޓުން ނިންމައިފި އެވެ.

މަހުލޫފުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކޯޓުން މިއަދު ނިންމީ، ފުލުހުން ބެރިކޭޑް ޖަހައި ބަންދުކޮށްފައިވާ ސަރަހައްދަކަށް މަހުލޫފު ވަން ކަމަށް ބުނެ ފުލުހުން ހުށަހަޅާފައިވާ މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް މިއަދު ކޯޓުން ނިންމުމުންނެވެ.

ނަމަވެސް އޭނާގެ މައްޗަށް ހުކުމުމް ކުރުން އޮތީ މެދުކަނޑާލައިފަ އެވެ. މެދުކަނޑާލީ ބައިގަޑި އިރަށެވެ. އޭގެ ފަހުން ގަޑި އިރު ވެއްޖެ އެވެ. ނަމަވެސް އަދި ވެސް ހުކުމެއް ނީއްވަ އެވެ.

މަހުލޫފްގެ މައްޗަށް ކުރާ ދައުވާގައި ބުނަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް އޭނާ ގަދަކަމުން ވަދެ، ބެރިކޭޑުތައް ކޮއްޕާ ހެދި ކަމަށެވެ. އަދި އެއީ ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުން ކަމަށެވެ.

ފުލުހުންގެ ދައުރަށް މަހުލޫފް ހުރަސް އެޅި ކަމަށް ދެ ވަނަ ފަހަރު ސާބިތުވި އިރު، އޭނާ ފުލުހުންގެ ދައުރަށް ހުރަސްއެޅިކަން ސާބިތުވެ، ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް މިދިޔަ ހަފުތާގައި ވެސް ވަނީ ހުކުމްކޮށްފަ އެވެ. އަދި އޭނާ ދަނީ ޖަލު ހުކުމް ތަންފީޒު ކުރަމުންނެވެ.