24 May 2011, 18:10
ވަޒީރުންގެ މަޖިލީހުގެ މަސައްކަތްތައް އިތުރު ހަލުވިކަމާއެކު ގެންދެވުމަށްޓަކައި، ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި [ވަޒީރުންގެ މަޖިލިސް ޑިޖިޓަލް]ގެ ނަމުގައި ޕޯޓަލްއެއް ޤާއިމްކުރެވި، ވަޒީރުންގެ މަޖިލީހުގެ އެންމެހާ މަސައްކަތްތައް، އެއްނިޒާމެއްގެ ދަށަށް ގެންނަވައި، ޑިޖިޓަލްކޮށް ފުރަތަމަ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާ މިއަދު ބާއްވަވައިފި އެވެ.
ރައީސް އޮފީހުން ބުނީ ޑިޖިޓަލް ކުރުމުން، ވަޒީރުންގެ މަޖިލީހުގެ މަސައްކަތްތައް ވަރަށް ބޮޑަށް ހަލުވިވެ، އިދާރީ ގޮތުން ވަގުތު ސަލާމަތްކުރެވި، ވަޒީރުންގެ މަޖިލީހުގެ ލިޔެކިޔުންތައް ޕްރިންޓް ކުރުމަށް ބޭނުންކުރެވޭ ކަރުދާހުގެ ހަރަދުގެ 90 އިންސައްތަ ސަލާމަތް ކުރެވި، ތިމާވެށްޓާ ރަހްމަތްތެރި ގޮތެއްގައި މަޖިލީހުގެ ޖަލްސާތައް ބޭއްވުމުގެ މަގުފަހިވެގެން ދާނެ ކަމަށެވެ. އަދި ވަޒީރުންގެ މަޖިލިސް ބޭއްވުމަށް ހިނގާ އިދާރީ ހަރަދުގެ 50 އިންސައްތަ ކުޑަކުރެވޭނެ ކަމަށެވެ
(ވަޒީރުންގެ މަޖިލިސް ޑިޖިޓަލް)ގެ ނަމުގައި މި ޤާއިމް ކުރެވުނު ނިޒާމް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން ގެންދަނީ ބޭނުން ކުރައްވަމުންނެވެ. އެގޮތުން، ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކަށްވެސް، އެ ވަޒީރެއްގެ އޮފީހުގައި އިންނަވައިގެން، ވަޒީރުންގެ މަޖިލީހުގެ އެންމެހާ ލިޔެކިޔުންތަކާއި، ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވާ މަސްއޫލިއްޔަތުތަކާއި، ރައީސުލްޖުމްހޫރިއްޔާ ނިންމަވާ ކަންތައްތަކުގެ ތަފްސީލާއި ނިންމެވުންތައް ކުރިއަށް ގޮސްފައިވާ މިންވަރު ބައްލަވައި، ހިޔާލު ބަދަލުކުރުމުގެ ފުރްސަތު ތަނަވަސްވެފައިވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.