25 Jul 2016, 16:25
ޔޭޔޭ އައިޑިއާސް ކަޕްގެ ދެވަނަ ބުރުގެ ޖާގައެއް ކްލަބު އިމިގްރޭޝަނާއި ބީއެމްއެލް އިން ހޯދައިފި އެވެ.
އިމިގްރޭޝަނުން ދެވަނަ ބުރުގެ ޖާގައެއް ހޯދީ ގްރޫޕް ޑީގައި މިހާތަނަށް އެ ޓީމު ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްގެންނެވެ. ގްރޫޕް ޑީގައި ރޭ ކުޅުނު މެޗުގައި އިމިގްރޭޝަނުން ވަނީ ޕީޖީ އަތުން 3-0 ލަނޑުން މޮޅުވެފަ އެވެ. އިމިގްރޭޝަން އާއި ޕީޖީގެ އިތުރުން ދެން ގްރޫޕް ޑީގައި ހިމެނެނީ ލަގާނާ އާއި ޓިޑްސް އެވެ.
ރޭ ކުޅުނު ގްރޫޕް ޑީގެ މެޗުގައި އިމިގްރޭޝަންގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހްމަދު އަޝްފާން އާއި އަބްދުﷲ ވާސިފް އަދި ހުސައިން ގައްސާން ލަބީބެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އިމިގްރޭޝަންގެ އަހްމަދު އަޝްފާން އެވެ.
ބީއެމްއެލް ވެސް ދެވަނަ ބުރުގެ ޖާގައެއް ހޯދީ ގްރޫޕް އީގައި މިހާތަނަށް އެ ޓީމު ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްގެންނެވެ. ރޭ ކުޅުނު ގްރޫޕް އީގެ މެޗުގައި މުންޑިއަންސްގެ މައްޗަށް ބީއެމްއެލް ކުރި ހޯދީ 5-0 ލަނޑުންނެވެ. ގްރޫޕް އީގައި ބީއެމްއެލް އާއި މުންޑިއަންސްގެ އިތުރުން ދެން ހިމެނެނީ ނައިފަރާއި އެމްއާރްޑީސީ އެވެ.

ޔޭޔޭ އައިޑިއާސް ކަޕްގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ރޭ ކުޅުނު ގްރޫޕް އީގެ މެޗުގައި ބީއެމްއެލް އިން ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު މުހައްމަދު ނާޝިދު ކާމިޔާބުކޮށްދިން އިރު، އެ ޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ހަމްދާން އާއި އިބްރާހިމް ސަލާމް އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ބީއެމްއެލް އަށް ތިން ލަނޑު ކާމިޔާބުކޮށްދިން ނާޝިދު އެވެ.
ހއ. ކެލާ އައިލެންޑް ޑިވެލޮޕްމަންޓް އެންޑް އެންވަޔަރަންމެންޓަލް އެވެއާނަސް ސޮސައިޓީ (އައިޑިއާސް) އިން އިންތިޒާމުކޮށްގެން ބާއްވާ އައިޑިއާސް ކަޕުގައި މިރޭ ތިން މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. މިރޭ 8:00ގައި ކުޅޭ ގްރޫޕް އޭގެ މެޗުގައި ތުޅާދޫ އާއި ކަސްޓަމްސް ބައްދަލުކުރާ އިރު، މިރޭ 9:00ގައި ކުޅޭ ގްރޫޕް ބީގެ މެޗުގައި ބައްދަލުކުރާނީ ރެއިންބޯ އާއި މުލި އެވެ. އަދި މިރޭ 10:00ގައި ކުޅޭ ގްރޫޕް ސީގެ މެޗުގައި ބައްދަލުކުރާނީ ވިންސެންޑޯ އާއި އެސްޓީއޯ އެވެ.
މި މަހުގެ 20 އިން ފެށިގެން އަންނަ މަހުގެ 12 އަށް ކުރިއަށްދާ އައިޑިއާސް ކަޕުގައި 24 ޓީމެއް ވާދަކުރާ އިރު، އެ ޓީމުތައް ހަ ގްރޫޕަކަށް ބަހާލާފައިވެ އެވެ.
މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކުރާނީ ކޮންމެ ގުރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. އޭގެ އިތުރުން ތިން ވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ހަތަރު ޓީމަކަށް ވެސް ގަދަ 16 އިން ޖާގަ ލިބޭނެ އެވެ.
މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާ އިރު، ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ. ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމުގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑުޖަހާ ކުޅުންތެރިޔާގެ މަގާމު ހޮވުމަށް ނިންމާފައިވެ އެވެ.
އައިޑިއާސް ކަޕްގެ އެކްސްކްލޫސިވް ސްޕޮންސަރަކީ ބީއެޗްއެމް ޓްރޭޑާސް އެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ އޮންލައިނެވެ. ޓީވީ މީޑިއާ ޕާޓްނަރަކީ ރާއްޖެ ޓީވީ އެވެ. ސްޕޯޓްސް ޕާޓްނަރަކީ އޯލްސްޕޯޓްސް އެވެ. އަދި އެސޯސިއޭޓް ޕާޓްނަރަކީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނެވެ.