25 Jul 2016, 16:43
ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ހާލަތު ރަނގަޅު ކުރުމަށް އެތަނުގައި ސާފު ބޯފެން ރައްކާކުރާނެ ސްޓޯރޭޖެއް ހެދުމަށާއި މަރުކަަޒުގެ މަގުތައް ހެދުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަރުކަޒުގައި ފްރެޝް ވޯޓާ ސްޓޯރޭޖް ސިސްޓަމެއް ގާއިމް ކުރުމަށް ހަވާލުކުރީ ޔުމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ޕްރޮޖެކްޓަކީ ސަރުކާރުން 9.5 ލައްކަ ރުފިޔާ ހަރަދުކޮށްގެން 37 ދުވަސް ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި މަޝްރޫއެކެވެ.
މިނިސްޓްރީން ބުނީ، އެ މަސައްކަތް ނިމުމުން އެތަނުގައި 80،000 ލީޓަރުގެ ސާފު ބޯފެން ރައްކާ ކުރެވޭނެ ކަމަށެވެ.
އެ މަޝްރޫއުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ނާޒިމް އެވެ. އަދި ޔުމަން ކޮންސްޓަރަކްޝަން ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަސީރެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފެށުމަށް ހަމަޖެހިފައިވާ ދެ ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ނާޒިމް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އިޙްތިޝާމް މުޙައްމަދު
ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ވޯކްވޭ ތަކުގައި ގައު އެތުރުމުގެ ޕްރޮޖެކްޓު ހަވާލުކުރީ ވެހިކޮން ބިލްޑާސް އާއެވެ. އެ މަޝްރޫއު 1.4 މިލިއަން ރުފިޔާއަށް ވެހިކޮން އާ ހަވާލުކޮށްފައިވަނީ، މަސައްކަތް 55 ދުވަސް ތެރޭގައި ނިންމަންޖެހޭ ގޮތަށެވެ.
އެ މަޝްރޫއުގެ އެއްބަސްވުމުގައި ވެސް ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރުު އަބްދުﷲ ނާޒިމް އެވެ. ވެހިކޮން ބިލްޑާސް ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ރަޝީދެވެ.
މަރުކަޒުގެ ވޯކްވޭގައި ގައު އެތުރުމުގެ މަޝްރޫއު ނިމުމުން ފުރޮޅުލީގޮނޑި ދުއްވަން ފަސޭހަވެ، ފެން ބޮޑު ވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެން ދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއަދުގެ ސަރުކާރު ވެރިކަމަށް އައިއިރު، ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ދެވޭ ހިދުމަތްތަކާ މަރުކަޒުގެ ހާލަތު ވަރަށް ބޮޑަށް ފެއިލް ވެފައިވާ ކަމަށެވެ.
ނަމަވެސް މި ސަރުކާރު ވެރިކަމަށް އައިފަހުން މިހާރު ވެސް އެ މަރުކަޒުގައި ގާތްގަނޑަކަށް ދެ މިލިއަނެއްހާ ރުފިޔާގެ ދެ މަޝްރޫއެއް ހިނގަމުންދާ ކަމަށާއި އެ މަސައްކަތްތަކަކީ ސަރުކާރުގެ ސިއްހީ ވައުދު ފުއްދުމަށް ކުރަމުން އަންނަ މަސައްކަތް ތަކެއް ކަމަށް ވިދާޅުވި އެވެ.