އަންނަ އޯގަސްޓު މަހުގެ ނުވަވަނަ ދުވަހު ނޯވޭގެ ޓްރޮންހައިމްގައި ކުޅުމަށް ހަމަޖެހިފައިވާ ޔޫއެފާ ޔޫރަޕިއަން ސުޕަރ ކަޕްގައި ނުކުޅެވޭނޭ ކަމަށް ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

އުމުރުން 31 އަހަރުގެ ސުޕަރ ސްޓާރ ބުނީ، ޔޫރޯ 2016ގެ ފައިނަލް މެޗުގައި ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން މި ސީޒަންގައި އޭނާގެ ކްލަބު ވާދަކުރާ ފުރަތަމަ ބޮޑު މެޗުގައި ނުކުޅެވޭނެކަމަށެވެ.

ރޮނާލްޑޯއަށް އަނިޔާވީ ފްރާންސާއި ޕޯޗްގަލް ކުޅުނު ޔޫރޯ 2016ގެ ފައިނަލް މެޗުގައި ފްރާންސްގެ ޑިމިޓްރީ ޕަޔެޓް ރޮނާލްޑޯއަތުން ބޯޅަހޯދަން އުޅުމުގެ ތެރޭގައި ކުރެވުނު ނުރައްކާތެރި ފައުލެއްގެ ސަބަބުންނެވެ.

"އޯގަސްޓް 9 ވަނަ ދުވަހު ކުޅޭ ޔޫރަޕިއަން ސުޕަރ ކަޕްގައި ނުކުޅެވޭނެކަން އަހަންނަށް ޔަގީ. ސަބަބަކީ އަހަންނަށް އަލުން ކުޅުމުގެ ހުއްދަލިބޭނީ 10 އޯގަސްޓްގައި،" ސްޕެއިންގެ ނޫހަކަށް ރޮނާލްޑޯ ބުންޏެވެ.

ސުޕަރ ކަޕަކީ ޔޫއެފާގެ ކްލަބް މުބާރާތްތައް ފެށުމުގެ ގޮތުން، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުންނާއި ޔޫރޮޕާ ލީގުގެ ޗެމްޕިއަނުންގެ މެދުގައި ބާއްވާ ހާއްސަ މެޗެކެވެ. އެގޮތުން މިފަހަރުގެ ސުޕަރ ކަޕްގައި ވާދަކުރާނީ ޗެމްޕިއަންސް ލީގު ޗެމްޕިއަން ރެއާލް މެޑްރިޑާއި ޔޫރޯޕާ ކަޕްގެ ޗެމްޕިއަން ސެވިއްޔާއެވެ.

ސުޕަރ ކަޕްގައި ނުކުޅެވުނު ނަމަވެސް، ރޮނާލްޑޯ ވަނީ ރެއާލާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް އާކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އޭނާ ބުންޏެވެ.

"އަހަރެން ވާނީ ކްލަބުގެ ރައީސާ ފޯނުން ވާހަކަދައްކާފައި، އަދި އަހަންނަށް މެޑްރިޑަށް ދެވުނުހާ އަވަހަކަށް އެ މަޝްވަރާތައް ފެށޭނެ،" 2017-18 ސީޒަންގައި ހަމަވާ އެއްބަސްވުން އާކޮށް، ރެއާލްގައި ކެރިއަރު ނިންމާލަން ބޭނުންވާކަން ތަކުރާރުކުރަމުން، މިފަހަރުގެ ޔޫރޯ 2016 ޓްރޮފީ އުފުލައިލި ޕޯޗްގީޒް ކެޕްޓަން ބުންޏެވެ.

ސުޕަރ ކަޕްގައި 2014 ވަނަ އަހަރު ވާދަކުރި ސްޕެއިންގެ ދެޓީމު އަނެއްކާވެސް ކުރިމަތިލާއިރު، ކާޑިފްގައި 2014 ވަނަ އަހަރު ކުޅުނު މެޗު 2-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރެއާލް މެޑްރިޑެވެ. އަދި އެފަހަރު ރެއާލްގެ ދެ ލަނޑުވެސް ކާމިޔާބުކުރީ، މިހާތަނަށް ސެވިއްޔާ ކޮޅަށް ޖުމުލަ 22 ލަނޑު ޖަހާފައިވާ ރޮނާލްޑޯއެވެ.