އަންކާރާ (ޖުލައި 25): ތުރުކީގެ 42 ނޫސްވެރިއަކު ހައްޔަރު ކުރަން އެ ގައުމުގެ ސަރުކާރުން އަމުރު ނެރެފައިވާ ކަމަށް އެގައުމުގެ ޕްރައިވެޓް ނޫސް އޭޖެންސީއެއް ކަމަށްވާ އެންޓީވީން ބުނެފި އެވެ.

ހައްޔަރު ކުރަން އަމުރު ނެރެފައިވާ ނޫސްވެރިންގެ ތެރޭގައި ސަރުކާރަށް ތާއިދު ކުރާ ސަބާހު ޑެއިލީގައި މަސައްކަތް ކުރަމުން ދަނިކޮށް 2013 ވަނަ އަހަރު ވަޒީފާ އިން ވަކި ކުރި ނަޒްލީ އިލިކަކް ހިމެނެ އެވެ. އޭނާ ވަޒީފާ އިން ވަކި ކުރީ ކޮރަޕްޝަނުގެ ތުހުމަތުތައް ކޮށްފައިވާ މިނިސްޓަރުންތަކަކަށް ފާޑު ކިޔުމާ ގުޅިގެންނެވެ.

މިމަހުގެ 15 ވަނަ ދުވަހު ތުރުކީގެ އަސްކަރިއްޔާއަށް ނިސްބަތްވާ ބަޔަކު އެގައުމަށް ގެންނަން މަސައްކަތް ކުރި ބަޣާވާތާ ގުޅިގެން ތުރުކީ ސަރުކާރުން މިހާތަނަށް ހައްޔަރުކޮށްފައިވާ މީހުންގެ އަދަދު 13،002 އަށް އަރަ އެވެ. އޭގެ ތެރޭގައި 1،329 ފުލުހުންނާއި، 8،831 އަސްކަރީ އޮފިޝަލުންނާއި، 2،100 ފަނޑިޔާރުންނާއި ޕްރޮސިކިއުޓަރުން ހިމެނޭ ކަމަށް ބޮޑުވަޒީރު ޔިލްދްރިމް ވިދާޅުވި އެވެ.

އަދި ތުރުކީ ސަރުކާރުން ވަނީ 1،000 އަށް ވުރެ ގިނަ އަމިއްލަ ސްކޫލާއި 1،200 އަށް ވުރެ ގިނަ އެސޯސިއޭޝަންތައް ބަންދު ކުރަން އަމުރު ކޮށްފަ އެވެ. (އަލްޖަޒީރާ)