25 Jul 2016, 15:38
އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ރާއްޖެ މިނިވަންވިތާ، މި އަހަރު ފާހަގަކުރާ 51 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ އިނގިރޭސި ރާނީ އެލިޒަބަތު ދޭއް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ފޮނުވައިފި އެވެ.
ރާއްޖޭގެ މިނިވަން ކަމަށް 51 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ފޮނުއްވި މެސެޖެއްގައި ރާނީ ވިދާޅުވީ، ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައީސް ޔާމީނަށް ތަހުނިޔާ ފޮނުއްވުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށެވެ.
ރާއްޖޭގެ ރައްޔިތުންނަށް ކުރިއަށް އޮތް އަހަރުތަކުގައި އުފާވެރިކަމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ރާނީގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.
އިނގިރޭސިންގެ ހިމާޔަތުގައި އޮތުމަށް ފަހު ރާއްޖެ އަށް ސިޔާސީ ގޮތުން ފުރިހަމަ މިނިވަންކަން ލިބުނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ. ރާއްޖެ އަށް މިނިވަންކަން ލިބުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އޭރު ރާއްޖޭގެ ބޮޑުވަޒީރަކަށް ހުންނެވި އިބުރާހީމް ނާސިރު ރަންނަ ބަނޑޭރި ކިލެގެފާނެވެ.