ދުޢާކުރަން ތިއްބާ އެކަމަށް ހުރަސްއެޅިކަމަށްބުނާ ހަތަރު ފުލުހެއްގެ މައްސަލަ ބަލައިދިނުމަށް އެދި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް އިދިކޮޅު އިއްތިހާދުން ހުށަހަޅައިފި އެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅުދައްކަވަމުން އިދިކޮޅު އިއްތިހާދުގެ ޝެޑޯ ކެބިނެޓުގެ ޖުޑިޝަލް މިނިސްޓަރު ހިސާން ހުސައިން ވިދާޅުވީ، އެންއައިސީ އަށް މައްސަލަ ހުށަހެޅި ވަކިވަކި ފުލުހުންނަކީ މިދިޔަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގެ ގޯތިތެރޭގައި ދުޢާކުރަން ތިއްބާ އެކަމަށް ހުރަސްއަޅައި އެކަން ކުރުން މަނާކޮށް ދުޢާކުރަމުންދިޔަ މީހުންގެ "ގަޔަށް އަތްލި" ފުލުހުން ކަމަށެވެ.

އެ މައްސަލަތަކުގެ ތެރޭގައި އެދުވަހު ދުއާކުރަން ހުއްޓާ ރައްޔިތުން މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރުގެ ލޮލަށް ޕެޕާ ސްޕްރޭ ޖެހި ކަމަށް ބުނާ ފުލުހެއްގެ މައްސަލަ ވެސް ވަނީ ހުށަހަޅާފަ އެވެ.

ހިސާން ވިދާޅުވީ، ވަކިވަކި ފުލުހުންގެ މައްސަލަ އެންއައިސީ އަށް ހުށަހެޅުމުގެ މަގްސަދަކީ ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކަށް ފުލުހުން ހުރަސްއަޅަމުންދާތީ އެކަމާ ކަންބޮޑުވެ، ފުލުހުން އެކުރާ އަމަލުތައް ހުއްޓުވުމަށް ކުރާ ކަމެއް ކަމަށެވެ.

އަދި ވިދާޅުވީ އެ މައްސަލަތައް އެންއައިސީ އިން ނުބަލާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

އިދިކޮޅު އިއްތިހާދުގެ ހަރަކާތްތަކަށް ހުރަސް އަޅަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ވަކިވަކި ފުލުހުންގެ ފޮޓޯ އާއްމުކޮށް އެމީހުންގެ މައުލޫމާތު ހޯދުމަށް އެދެމުން ނެވެ.

ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ރައީސާ ޝިދާތާ ޝަރީފް ވިދާޅުވީ، ވަކިވަކި ފުލުހުންގެ މައްސަލަ އެންއައިސީ އަށް ހުށަހަޅަނީ އެއްވެސް ހާލެއްގައި ފުލުހުންނަށް ފުރައްސާރަކޮށް އުދަނދޫ ކުރުމަށް ނޫން ކަމަށެވެ.

ދުއާކުރަން ހުރަސްއެޅިކަމަށް ބުނެ ހަތަރު ފުލުހެއްގެ މައްސަލަ އެންއައިސީއަށް އިދިކޮޅު އިއްތިހާދުން މިއަދު ހުށަހެޅިއިރު، އިދިކޮޅު އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކަށް ހުރަސް އަޅާކަމަށް ބުނެ ވަކިވަކި ހަތަރު ފުލުހެއްގެ މައްސަލަ މިދިޔަ އަންގާރަ ދުވަހު ވެސް ވަނީ އެންއައިސީއަށް ހުށަހަޅާފަ އެވެ.