މިނިވަންދުވަހާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޖާފަތް މިފަހަރު ބާއްވަނީ މިދިޔަ އަހަރު ހިނގި ކަންކަމުން ފިލާވަޅު ލިބި، އިންތިޒާމް ތައް ރަނގަޅުކޮށްގެން ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

މި އަހަރުވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މިނިވަންދުވަހުގެ ޖާފަތް ތައްޔާރުކުރުމަށް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު ވެސް އެ ޖާފަތް ތައްޔާރުކުރި ނިއުޕޯޓާއެވެ. މިދިޔަ އަހަރު މިނިވަންދުވަހުގެ ޖާފަތުގެ ފެންވަރު ދަށްވެގެން ގިނަ ބަޔަކު ޝަކުވާކޮށްފައިވެ އެވެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭރުގެ އިއްޒަތްތެރިންނާ އެކު ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖާފަތާ މެދު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ. އަދި އެ ޖާފަތަކީ ވަަރަށް ފެންވަރުދަށް ޖާފަތެއް" ކަމަށާއި އުއްމީދުކުރެއްވި ގޮތް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު އިބްރާހީމް މުއާޒު މައުލޫމާތު ދެއްވަނީ-- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަންއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު ވިދާޅުވީ މިއީ 2007 ވަނަ އަހަރަށްފަހު އެންމެ ގިނަ ބަޔަކަށް ދައުވަތު ދެވިގެން ބާއްވާ ޖާފަތް ކަމަށެވެ. ޖުމުލަ 4000 މީހުންނަށް ދައުވަތު ދީފައިވާއިރު ޖާފަތުގެ ކަންކަން ރައީސް އޮފީހުގެ ހާއްސަ ޓީމަކުން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮންމެ ކަމަކީވެސް ލިބޭ އިބުރަތެއް ކަމަށާއި މިދިޔަ އަހަރު ޖާފަތުގައި ހިނގި ކަންކަމުން އިބުރަތް ލިބިގަނެ މިފަހަރު އެކަންކަން ރަނގަޅުކުރާނެ ކަމަށް މުއާޒު ވިދާޅުވިއެވެ.

"ހާއްސަ ޓީމްތަކެއް އެކުލަވާލާފައިވަނީ ކަންކަން ބެލެހެއްޓުމަށް، ބަދިގެ ތެރޭ ކަންކަންވެސް ރައީސް އޮފީހުގެ ޓީމުން ދާނީ ބަލަމުން،" މުއާޒު ވިދާޅުވިއެވެ.

މުއާޒު ވިދާޅުވީ، މިފަހަރު ބާއްވާ ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގަތުމަށް ބޭރުގެ އިސްވެރިއަކަށް ދައުވަތު ދެއްވީ، ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފަށް ކަމަށާއި އެމަނިކުފާނުގެ ސިއްހީ ހާލަތު ހުރިގޮތުން އެދަތުރު ފަސްކޮށްފައިވާ ކަމަށެވެ.

މިއަހަރުގެ ޖާފަތުގައި ގައުމެއްގެ އެންމެ އިސްވެރިޔަކު ބައިވެރިވެ ވަޑައިނުގަތަސް ބޭރުގެ ގައުމުތަކުން 60 އަށްވުރެ ގިނަ ބޭފުޅުންބައިވެރިވެ ވަޑައިގަންނަވާނެ ކަމަށާއި އަދި ދިވެހި ދައުލަތުގެ އިސްމަގާމުތަކުގައި ތިއްބެވި ފަރާތްތަކުންވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް މުއާޒު ވިދާޅުވިއެވެ.

ރާއްޖޭގެ 51 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތާއި ރަސްމީ ޖާފަތުގެ އިތުރުން ފުޅަނދުބުރާއި ހެވިކަމުގެ ކުޅިވަރު ބައްލަވާލެއްވުމަށް ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ބައިވެރިވެވަޑައިގަންވާނެ ކަމަށްވެސް މުއާޒު ވިދާޅުވިއެވެ.