24 May 2011, 17:59
ރާއްޖޭގެ ހަކަތައާ ގުޅޭ މައްސަލަތައް، އިގްތިސާދީ ގޮތުން ހައްލުކޮށް، އެކަންތައްތައް އިތުރަށް ހަލުވިކަމާއެކު ތަންފީޒުކޮށް، ހަކަތައާ ގުޅޭ މަސައްކަތްތައް ހަރުދަނާ ގޮތެއްގައި ހިންގުމަށްޓަކައި (ރިނިއުބަލް އެނާޖީ އިންވެސްޓްމަންޓް އޮފީސް) މިނަމުގައި އޮފީހެއް އުފެއްދެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ އޮފީސް އުފެއްދެވުމަށް ނިންމެވީ، ރާއްޖޭގެ ހަކަތައާ ގުޅޭގޮތުން ކުރެވޭ މަސައްކަތްތައް، ހަރުދަނާ ކުރުމަށްޓަކައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓުން ހުށަހެޅި ކަރުދާހެއްގެ މައްޗަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުން މިއަދުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހުގަ އެވެ.
މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ ކާބަން ނިއުޓްރަލް ޤައުމަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ހާސިލު ކުރުމުގެ ދެ މަގްސަދެއް އޮތްކަން ފާހަގަކުރެއްވި އެވެ. އެއް މަގްސަދަކީ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ރާއްޖެފަދަ ކުޑަ ޤައުމަކުން ދުނިޔޭގެ ފެންވަރުގައި އިސް ދައުރެއް އަދާކުރުމެވެ. ދެވަނަ މަގްސަދަކީ، ހަކަތަ އުފެއްދުމަށް ރާއްޖެއިންކުރާ ބޮޑު ހޭދައަށް ލުޔެއްގެނެސް، ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރުމެވެ. އެހެންކަމުން، އެ އިގްތިސާދުތައް ހާސިލުކޮށް، ހަކަތައާ ގުޅޭ މަސައްކަތްތައް ހަރުދަނާ ގޮތެއްގައި ހިންގުމަށްޓަކައި އެފަދަ އޮފީހެއް އުފެއްދެވުމަކީ، ވަރަށް މުހިންމު އަދި މިވަގުތަށް ވަރަށް ބޭނުންތެރި ކަމެއްކަން މެންބަރުން ވިދާޅުވި އެވެ. އަދި ހަކަތަ އުފެއްދުމަށް ތެލަށް ބަރޯސާވުމުގެ ބަދަލުގައި، ތިމާވެށްޓާ ރަހްމަތްތެރި ހަކަތައަށް، ރާއްޖޭގެ ހަކަތައިގެ ދާއިރާ ބަދަލުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް، ބޭރުގެ އެހީ ހޯދުމާއި، މަޝްރޫއުތަކާއި، އިންވެސްޓްމަންޓް ޕްލޭންތައް އެކުލަވައިލުމަކީ، ސަރުކާރުން ވަރަށް އިސްކަން ދޭ ކަމެއް ކަމަށްވެސް މެންބަރުން ފާހަގަކުރެއްވި އެވެ.
ރިނިއުބަލް އެނަރޖީ އިންވެސްޓްމަންޓް އޮފީހުން ކުރާނެ މައިގަނޑު މަސައްކަތްތައްވެސް މިއަދުގެ ޖަލްސާއިން ނިންމެވި އެވެ. އެމަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ، ތެޔޮ ބޭނުންނުކޮށް، އެންމެ އަގުހެޔޮ ގޮތެއްގައި ހަކަތަ އުފެއްދޭނެ މަގެއް ހޯދުމާއި، ޓެކްނޯލޮޖީގެ ބޭނުން، އެންމެ ރަނގަޅު ގޮތުގައި ހިފާނެ ގޮތްތައް ރާވައި ހިންގުމެވެ. އަދި ޔޫޓިލިޓީ ކުންފުނިތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުވައިދިނުމާއި، ކުންފުނިތަކުގެ ކެޕޭސިޓީ ބިލްޑް ކުރުމަށް ހާއްސަ ކޮށްގެން ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުވައިދިނުމުގައި، ބޭރު ޤައުމުތަކުގެ އެއްބާރުލުން ހޯދުމަށްޓަކައި، މާލީ އެހީތެރިކަން ފޯރުވައިދޭ ފަރާތްތަކާ މުއާމަލާތުކޮށް، ގުޅުން ބަދަހިކުރުމެވެ.
ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދީގެން ހިންގަމުން ގެންދާ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރޭނިންގ، ޓިވެޓް ޕްރޮގްރާމް، މިހާރު ކުރިއަށްދާގޮތާ ބެހޭގޮތުންވެސް މިއަދުގެ ޖަލްސާގައި މަޝްވަރާ ކުރެއްވި އެވެ. އެކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އިން ތައްޔާރު ކުރެއްވި ކަރުދާހެއްގެ މައްޗަށް މިއަދުގެ ޖަލްސާގައި މެންބަރުން ވާހަކަފުޅު ދެއްކެވުމަށްފަހު، [ޓިވެޓް އޮތޯރިޓީ]ގެ ނަމުގައި އާ އިދާރާއެއް ޤާއިމް ކުރައްވައި، އެ އޮތޯރިޓީން ކަނޑައަޅުއްވާ ޕްރޮގްރާމްތައް، [މޯލްޑިވްސް ޕޮލި ޓެކްނިކް] މެދުވެރިކުރައްވައި ހިންގެވުމަށް ނިންމެވި އެވެ.
މީގެއިތުރުން އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ މައިގަނޑު 9 މުއާހަދާގެ ތެރޭގައި ހިމެނޭ މުއާހަދާއެއް ކަމަށްވާ [އިންޓާނޭޝަނަލް ކޮންވެންޝަން ފޯ ދަ ޕްރޮޓެކްޝަން އޮފް އޯލް ޕާސަންސް ފްރޭމް އެންފޯސްޑް ޑިސަޕިއަރަންސް] މުއާހަދާގައި ރާއްޖެ ބައިވެރިވުމަށްވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ނިންމެވި އެވެ. އެ މުއާހަދާގައި ރާއްޖެ ބައިވެރިވުމަކީ، ރާއްޖެއިން އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް ދެމުންގެންދާ އަހަންމިއްޔަތު އިތުރަށް ހާމަވެގެންދާނެ ކަމެއް ކަމާއި، އެމުއާހަދާގެ ސަބަބުން ދިވެހި ރައްޔިތުންނަށްވެސް ފައިދާތަކެއް ކުރާނެ ކަމަށް މިއަދުގެ ޖަލްސާގައި މެންބަރުން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.