ވޮޝިންޓަން (ޖުލައި 25): އެމެރިކާގެ ޑިމޮކްރަޓިކް ޕާޓީގެ އިސް އޮފިޝަލުން ވަނީ އެޕާޓީގެ ޕްރައިމަރީގައި ވާދަ ކުރެއްވި ބާނީ ސޭންޑާސްގެ ކެމްޕެއިނަށް ހުރަސް އަޅަން މަސައްކަތް ކޮށްފައި ކަމަށް ދޭހަވާ ޕާޓީގެ އީމެއިލްތަކެއް ލީކު ވުމުން ޕާޓީގެ ޗެއާވުމަން، ޑެބީ ވޮސާމެން ޝަލްޓްސް މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.

މިދިޔަ ހުކުރު ދުވަހު ވިކިލީކްސް އިން ވަނީ ޑިމޮކްރަޓިކް ޕާޓީގެ އިސް ހަތް ފަރާތަކަށް ނިސްބަތްވާ އެކައުންޓުތަކުން ފޮނުވާފައިވާ 19،000 އަށް ވުރެ ގިނަ އީމެއިލް ލީކުކޮށްލައިފަ އެވެ. އެއީމައިލްތަކުން ދޭހަވާ ގޮތުގައި ޑިމޮކްރަޓިކް ޕާޓީގެ އިސް ފަރާތްތަކުން ވަނީ ސޭންޑާސްގެ ކެމްޕެއިނަށް ހުރަސް އެޅުމަށާއި ހިލަރީ ކްލިންޓަންގެ ކެމްޕެއިން ކުރި އެރުވުމަށް އަމަލީ ގޮތުން މަސައްކަތްކޮށްފަ އެވެ.

އެއީމެއިލްތަކާ ގުޅިގެން ބާނީ ސޭންޑާސްއާއި އޭނާ އަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ ޕާޓީގެ ޗެއާމަން ކަމުން ޝަލްޓްސް އިސްތިއުފާ ދެއްވުމަށް ގޮވާލައިފަ އެވެ. އެހެންކަމުން ޝަލްޓްސް ވަނީ މިއަންނަ ހޯމަ ދުވަހު ފަށަން ހަމަޖައްސާފައިވާ ޑިމޮކްރަޓިކް ނެޝަނަލް ކޮންވެންޝަން ނިމުމުން ޑިމޮކްރަޓިކް ޕާޓީގެ ޗެއާވުމަންގެ މަގާމުން އިސްތިއުފާ ދެއްވާނެ ކަން އިއުލާން ކުރައްވާފަ އެވެ.

"އަޅުގަނޑުމެން ވަނީ ވަރުގަދަ އަދި އެއްބައިވަންތަ ކޮންވެންޝަނެއް ރާވާފަ އަދި އަޅުގަނޑު އުއްމީދު ކުރަން މިކޮންވެންޝަންއަކީ މިހާތަނަށް ބޭއްވުނު އެންމެ ރަނގަޅު ކޮންވެންޝައަށް ހެދުމަށް ހުރިހާ ޑިމޮކްރެޓުންގެ ފަރާތުން ޑީއެންސީ (ޑިމޮކްރަޓިކް ނެޝަނަލް ކޮންވެންޝަން) ޓީމަށް އެއްބާރުލުން ލިބޭނެ ކަމަށް،" ވޮސާމެން ޝަލްޓްސްގެ ބަޔާނުގައިވެ އެވެ.

ހަތަރު ދުވަހަށް ދެމިގެންދާނެ ޑިމޮކްރަޓިކް ކޮންވެންޝަންގައި ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކަށް ހިލަރީ ކްލިންޓަން ރަސްމީކޮށް އައްޔަންކުރާނެ އެވެ. މިދިޔަ ހަފްތާ ތެރޭގައި ރިޕަބްލިކަން ޕާޓީން ވަނީ އެޕާޓީގެ ރިޔާސީ ކެނޑިޑޭޓަކަށް ޑޮނަލްޑް ޓްރަމްޕް ހަމަޖައްސާފަ އެވެ. (ބީބީސީ)