25 Jul 2016, 11:34
މަޝްހޫރު އެތުލީޓުން އެމީހުންގެ ކުޅިވަރު ހުނަރު ތަރައްގީކުރުމުގެ އިތުރުން އެންމެ ބޮޑު ސަމާލުކަމެއް ދޭ އަނެއް ކަމަކީ "ސްޓައިލް"އެވެ. ހާއްސަކޮށް ގައިގެ ހަންގަނޑަށާއި ބޮލުގެ އިސްތަށިގަނޑަށް އެ ގެންނަ ތަފާތު ބަދަލުތަކެވެ. މީގެ ތެރޭންވެސް ފުޓްބޯޅަ ކުޅުންތެރީންނަކީ ފާހަގަކޮށްލެވޭ ބައެކެވެ.
ބާސެލޯނާގެ ތަރި ލިއޮނަލް މެސީ، އޭނާގެ ޗުއްޓީ ކުރުކޮށްލުމަށްފަހު އެނބުރި ކްލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވުމުން އޭނާގެ ސަޕޯޓަރުންނަށް ވަރަށް ބޮޑު އުފަލެއް ލިބުނެވެ. ބާސާގެ ފަރިތަކުރުންތަކަށް މެސީ ހާޒިރުވާން ޖެހޭ ދުވަހުގެ ހަފްތާއެއް ކުރީން އޭނާ އެނބުރި އައުމުން ކްލަބުން ވެސް ވަނީ ވަރަށް ބޮޑަށް ހިތްހަމަޖެހުން ފާޅުކޮށްފައެވެ. މާނައަކީ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕަށް ތައްޔާރުވާ ބާސާގެ ސްކޮޑުގައި މެސީ ހިމެނޭނެ އެވެ.

ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނަލް މެސީ އޭނާގެ ދޮށީ ދަރިފުޅާއި އަންހެނުން އެންޓޮނެއްލާ ރޮކަޒޫއާއެކު -- އިންސްޓަރގްރާމް ފޮޓޯ: އެންޓޮނެއްލާ ރޮކަޒޫ
އާ ސީޒަނަަށް ކުރިމަތިލާއިރު މެސީ ފެނިގެންދާނީ ވަރަށް ތަފާތުކޮށެވެ. އޭނާގެ ފޭނުންނަށް ސަޕްރައިޒެއް ދެމުންނެވެ. މިހާރުވެސް ހަތަރެސްފައި ފޮރުވޭ ވަރަށް ޓެޓޫ ޖަހާފައިވާ އުރުމުން 29 އަހަރުގެ ފޯވާޑަކީ މިހާރު "ބްލޯންޑް ބޯއީ" އެކެވެ.
މެސީގެ އަންހެނުން އެންޓޮނެއްލާ ރޮކަޒޫ ވަނީ އޭނާގެ އިންސްޓަގްރާމުގައިބްލޯންޑް މެސީގެފޮޓޯއެއް ޕޯސްޓްކޮށްފައެވެ. އެ ފޮޓޯއިން ފެންނަ ގޮތުން މިހާރު މެސީގެ ބޮލުގެ ކުލަވަނީ "ޕްލެޓިނަމް ބްލޯންޑް" އަށް ބަދަލުކޮށްފައެވެ.
މެސީ ބޮލުގެ އިސްތަށިގަނޑަށް ގެނައި އާ ބަދަލު އޭނާގެ ބައެއް ފޭނުންނަށް ކަމުދިޔައިރު އަނެއް ބަޔަކު ދަނީ އޭނާއަށް ފާޑު ކިޔަމުން ނެވެ. އެގޮތުން އެ ފޮޓޯއަށް ކޮމެންޓްކޮށްފައިވާ އެކަކު ބުނެފައިވަނީ، މިފަހަރުގެ ކޮޕާ އެމެރިކާ ފައިނަލުން އާޖެންޓީނާ ބަލިވި ފަހުން މެސީ "ބޯހަމަނުޖެހޭ" ކަމަށެވެ. އިތުރު ކޮމެންޓެއްގައި ވަނީ، މެސީގެ އާ ހެއަރ ސްޓައިލް އެއްގޮތަކަށް ވެސް ކަމު ނުދާކަމަށާއި، ކުރީން ހުރިގޮތަށް އިސްތަށިގަނޑު ކަޅު ކުރާނޭ ކަމަށް އުންމީދު ކުރާ ކަމަށެވެ. މިފަދަ އެތަކެއް ކޮމެންޓެކެވެ.

ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނަލް މެސީ އޭނާގެ ދެ ދަރިންނާއި އަންހެނުން އެންޓޮނެއްލާ ރޮކަޒޫއާއެކު -- އިންސްޓަރގްރާމް ފޮޓޯ: އެންޓޮނެއްލާ ރޮކަޒޫ
އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި ބާސާ ކުޅޭ ފުރަތަމަ މެޗުގައި ޖުލައި 30 ވަނަ ދުވަހު ނުކުންނާނީ ސެލްޓީކް އެފްސީއާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި އޯގަސްޓް ތިން ވަނަ ދުވަހު އިނގިރޭސި ލީގު ޗެމްޕިއަން ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާއިރު، އޯގަސްޓް ހަ ވަނަ ދުވަހު ބާސާ ނުކުންނާނީ ލިވަޕޫލާ ދެކޮޅަށެވެ.