24 May 2011, 16:53
ިމޮކްރަސީގެ އެންމެ މުހިއްމު އެއް ބާރަކީ ގާނޫނު އަސާސީ ނަގަހައްޓައި އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުކަން، ސިޔާސީ ހުރިހާ ފަރާތްތަކުން ގަބޫލު ކުރެ އެވެ. އަދި ރާއްޖެއަށް ޑިމޮކްރަސީ ގެނައީ ތިމަންނަމެންނޭ ބުނެ ދައުވާ ކުރަމުންދާ، ރާއްޖޭގެ ވެރިކަމުގައި މިހާރު އޮތް އެމްޑީޕީ އާއި އިދިކޮޅު ފަރާތްތަކުން ވެސް އެންމެ ބާރަށް ދައްކަމުންދާ އެއް ވާހަކައަކީ ވެސް ޝަރުއީ ނިޒާމަށް ނުފޫޒު ނުފޯރު ވުމާއި ޝަރުއީ ނިޒާމު މުސްތަގިއްލު ގޮތެއްގައި ބޭއްވުމުގެ ވާހަކަ އެވެ. ނަމަވެސް ވެރިކަން ކުރާ އެމްޑީޕީން ދަރުބާރު ގޭގައި ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ހުޅުހެންވޭރު ދާއިރާގެ ރީކޯ މޫސާ މަނިކު ވަނީ ޖުޑިޝަރީއަށް ސީރިއަސް އިންޒާރެއް ދެއްވައިފަ އެވެ.
ރޭޢެ ޖަލްސާގައި ޖުޑިޝަރީއަށް އިންޒާރު ދެއްވަމުން މޫސަ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެ ނަމަ ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑިޝަލް ސާވިސް ކޮމިޝަނުގައި ހިމެނި ވަޑައިގަންނަވާ އުނގޫފާރު ދާއިރާގެ ޑރ. އަފްރާޝިމް އަލީ ވިސްނާވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.
މޫސަގެ އިންޒާރާ ގުޅިގެން ގާނޫނީ ވަކީލުންގެ ކަންބޮޑުވުންތައް ވަނީ ފާޅުކޮށްފަ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ބައެއް ގާނޫނީ ވަކީލުން ވިދާޅުވީ، މޫސަގެ އެ އިންޒާރަކީ ވަރަށްބޮޑު ނުރައްކަލެއް ކަމަށެވެ. އަދި ވެރިކަން ކުރާ ބާރުން އަދުލު އިންސާފު ގާއިމް ކުރުމުގެ ނިޒާމަށް ނުފޫޒު ނުފޯރުވޭ ގޮތަށް ގާނޫނު އަސާސީ ބައްޓަން ކޮށްފައި ވަނިކޮށް އެފަދަ އިންޒާރެއް ދެވިގެން ނުވާނެ ކަމަށް ވެސް އެބޭފުޅުން ވިދާޅުވި އެވެ. އަދި މަޖިލީހުގެ މެޖޯރިޓީ ލިބިގެން ޖުޑިޝަރީއަށް ބާރު ފޯރުވާނެ ކަމުގެ އިންޒާރު މޫސަ ދެއްވި ނަމަވެސް ސިމްޕަލް މެޖޯރިޓީއެއް ލިބިގެން އެހާ ފަސޭހައިން އެކަމަކީ ކުރެވޭނެ ކަމެއްނޫން ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ. ނަމަވެސް މަޖިލީހުގެ މެޖޯރިޓީ ލިބުނަސް އެކަން ކުރުމަށް އެތައް ގާނޫނަކަށް ބަދަލު ގެނަސްގެންނޫނީ އެކަން ނުކުރެވޭނެ ކަމަށް ވެސް ބައެއް ގާނޫނީ ވަކީލުން ވިދާޅުވި އެވެ.
މަޝްހޫރު ގާނޫނީ ވަކީލު އަލްއުސްތާޒު އަޒްލާން ރަޝީދު ވިދާޅުވީ، އެއްވެސް ފަރާތަކަށް ރައްޔިތުންގެ މަޖިލީހުގެ ސިމްޕަލް މެޖޯރިޓީ ލިބިގެން ފަނޑިޔާރުން ވަކި ނުކުރެވޭނެ ކަމަށެވެ. އަދި ގާނޫނުގައި ބުނާ ގޮތުން އެކަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ އެއްބައިގެ މެޖޯރިޓީއެއް ހޯދަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފަނޑިޔާރުން ވަކި ކުރެވެން އޮންނަނީ ހަމައެކަނި ޓޫތާޑް މެޖޯރިޓީ އޮވެގެން. އެފަދަ މެޖޯރިޓީއެއް ހޯދުމަކީ ފަސޭހަ ކަމެއްނޫން. ސިމްޕަލް މެޖޯރިޓީއަކުން އަދި ނުނިންމޭނެ. ތިންބައިކުޅަ ދެބައި ހޯދައިގެން އެކަން ކުރެވޭނީ. އަނެއްކާ ފަނޑިޔާރުން ވަކި ކުރުމަކީ ވަރަށް ސީރިއަސް ކަމެއް. ވެރިކަމުގެ ބާރުގެ ތެރެއިން ޝަރުއީ ނިޒާމުގެ ތެރެއަށް ނުފޫޒު ނުފޯރުވުމަށްޓަކައި އެ އުސޫލު ގާނޫނު އަސާސީގައި އޮންނަނީ ވެސް،" އަޒްލާން ވިދާޅުވި އެވެ.
ގާނޫނީ ވަކީލު އަބުދުﷲ ހަސީން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުނަސް ފަނޑިޔާރުން ވަކި ކުރެވޭނީ ފަނޑިރުންނާ ބެހޭ ގާނޫނާއި ކޯޓިތަކާ ބެހޭ ގާނޫނަށް ބަދަލު ގެނަސްގެން ކަމަށެވެ. އަދި އެކަމަށް ޓަކައި ޖުޑިޝަލް ސާވިސް ކޮމިޝަނަށް ބަދަލުގެންނަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފަނޑިރުންނާ ބެހޭ ގާނޫނާއި ކޯޓުތަކާ ބެހޭ ގާނޫނަށް ބަދަލު ގެނަސްގެން އެކަން ކުރެވޭނީ. އެ ގާނޫނުތަކުން ފަނޑިޔާރުންގެ ޑިސިޕްލިނަރީ މައްސަލަތަކާއި ޖުޑިޝަލް ސާވިސް ކޮމިޝަންގެ ޕްރޮޕޯޝަން ބަދަލުވެ ފަނޑިޔާރުންގެ ކޮލިފިކޭޝަނަށް ބަދަލު ގެނައުމުން އެކަން ކުރެވޭނީ. މިހާރު އޮތް ގޮތުން މަޖިލީހުގެ މެޖޯރިޓީ ލިބިގެން ވަގުތުން ވަގުތައް ފަނޑިޔާރުން ބަދަލެއް ނުކުރެވޭނެ،" ހަސީން ވިދާޅުވި އެވެ.
ގަނޫނު އަސާސީ އާއި ފަނޑިޔާރުންގެ ގާނޫނަށް ބަލާއިރު ފަނޑިޔާރުން މަގާމުން ވަކި ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ވެސް ލިބިދެނީ އެ ފަނޑިޔާރެއްގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަނުން ދިރާސާ ކުރުމަށް ފަހު ފަނޑިޔާރުކަމުން އެމީހަކު ވަކިކޮށްދިނުމަށް އެދި އެ ކޮމިޝަނުން މަޖިލީހަށް ހުށަހެޅުމުންނެވެ. އަދި މަޖިލީހުން އެ ފަނޑިޔާރަކު ވަކި ކުރެވޭނީ ވެސް މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ ވޯޓު ލިބިގެންނެވެ.
ގާނޫނު އަސާސީގެ 154 ވަނަ މާއްދާގައި ބުނަނީ ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ފަނޑިޔާރު ކަމަށް އެމީހަކު ގާބިލު ނޫން ކަމަށް، ނުވަތަ އެ މަގާމާ އެކަށީގެންނުވާ ފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަނަށް ގަބޫލު ކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުން ފާސް ވުމުން ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް ގޮތަށް ބަލާއިރު 35 މެންބަރުންނާ އެކު އެމްޑީޕީއަށް ލިބިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ސިމްޕަލް މެޖޯރިޓީ އެކެވެ. އެހެންކަމުން އެބަޔަކު ބޭނުން ފަނޑިޔާރަކު މަގާމުން ވަކި ކުރަން ބޭނުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ތިންބައި ކުޅަ ދެބައި ނޫނީ 52 މެންބަރުންގެ ތާއީދުގެ އިތުރުން ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެޖޯރިޓީ ވެސް ހޯދަން ޖެހެ އެވެ. އެ ކޮމިޝަން އެކުލެވިގެންވާ ގޮތަށް ބަލާއިރު އެއީ ފަސޭހަ ކަމެއްނޫނެވެ. އަދި އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ޖުޑިޝަލް ސާވިސް ކޮމިޝަންގެ އަޣްލަބިއްޔަތު ވެސް ހޯދަން ޖެހެ އެވެ.
ގާނޫނުއަސާސީގެ 158 ވަނަ މާއްދާ ގައި ބުނަނީ ޖުޑިޝަލްސާވިސް ކޮމިޝަންގެ މެންބަރުން އެކުލެވިގެންވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އުއްތަމަ ފަނޑީޔާރު ފިޔަވައި، ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އިންތިހާބު ކުރާ ފަނޑިޔާރަކާއި، ހައިކޯޓުގެ ފަނޑީޔާރުންގެ ތެރެއިން އިންތިހާބުކުރާ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިހާބު ކުރާ ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރަކާއި އާއްމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މީހަކާއި ބަންޑާރަ ނާއިބާއި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ގާނޫނީ ވަކީލެއްގެ މައްޗައް ކަމަށެވެ. އަދި ޖުޑިޝަލް ކޮމިޝަންގެ މެންބަރުން ވަކިކުރެވޭނެ ގޮތް ކަނޑައަޅާފައިވާ ގާނޫނު އަސާސީގެ165ވަނަ މާއްދާގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ސިވިލްސާވިސް ކޮމިޝަންގެ ރައީސާއި ބަންޑާރަ ނާއިބު ފިޔަވައި ދެން ހިމެނިވަޑައިގަންނަވާ ބޭފުޅުން މެންބަރުކަމުން ވަކި ކުރެވޭނީ އެ މެންބަރަކު ކޮމީޝަނަށް އައްޔަން ކުރެއްވި ފަރާތަކަށެވެ.
ޝަރުއީ ދާއިރާ އަށް މޫސަ ދެއްވި އިންޒާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އިދިކޮޅު ގައުމީ ޕާޓީގެ ނާއިބު ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވީ، ރައީސް ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައްޔިތުންނަށް އިތުބާރު ނުހިފޭ ފަދަ އަދުލުއިންސާފު ގާއިމް ކުރުމުގެ ނިޒާމެއް ރާއްޖޭގައި ގާއިމް ކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. އަދި ޝަރުއީ ނިޒާމަށް އިންޒާރު ދެއްވި މޫސާ މަނިކަކީ ޝަރުއީ ދާއިރާގެ އިތުބާރު ކަނޑުވާލުމަށް އަމިއްލައަށް ކޯޓު ހައްދަވައިގެން އުޅުއްވާ ބޭފުޅެއް ކަމަށާއި، އެކި ގޮތް ގޮތުން ސަރުކާރުން މިހާރު ވެސް ޖުޑިޝަރީއަށް އިންޒާރު ދީ ބިރު ދައްކަމުން ގެންދާ ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވި އެވެ. އަދި އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ޖުޑިޝަރީއަށް ފާރު ފޯރުވާނެ ކަމުގެ އިންޒާރު މޫސަ ދެއްވި ނަމަވެސް މަޖިލީހުގައި ތިއްބެވި އެހެން މެންބަރުން އެކަމަށް ފުރުސަތު ދެއްވާނެ ކަމަށް ނުބެލެވޭ ކަމަށާއެ ކަމަކީ ވަރަށް ނުރައްކާތެރިކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފަނޑިޔާރު ގެތަކާ ދިމާ ކުރުމުގެ ސިޔާސަތަކީ މި ސަރުކާރުން ގެންގުޅޭ ސިޔާސަތެއް. ސަރުކާރު ފެށުނީއްސުރެން މުސްތަގިއްލު ޝަރުއީ ނިޒާމެއް އޮތަ ނުދިނުމަށް ގޯނާ ކުރަމުން އަންނަނީ. ނަމަވެސް މަޖިލީހުގެ ތެރޭގައި އެހާ ފަސޭހައިން އެކަން ކުރެވޭ ގޮތަކަށް ނޫން އޮންނާނީ. ޖުޑިޝަލް ސާވިސް ކޮމިޝަނާއި ޖިނާއީ ކޯޓަށް ބާރު ފޯރުވުމަށް ސަރުކާރުން ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުން.
މެންބަރުން އެފަދަ ފުރުސަތެއް ނުދެއްވާނެ ކަމަށް އަޅުގަނޑު ދެކެނީ." ޑރ. ޖަމީލު ވިދާޅުވި އެވެ.