އަރާމުކޮށް ނިދާލެވުމަކީ ދުވަހުގެ މަސައްކަތަށް މީހާ ތައްޔާރު ކުރުމުގެ އިތުރުން، ސިއްހަތަށް ވެސް ބޮޑެތި ފައިދާތަކެއް ލިއްބައިދޭ ކަމެކެވެ. ނަމަވެސް، ރޭގަނޑު ހަމަޖެހިލައިގެން ނިދުމަކީ ގިނަ ބަޔަކަށް އެހާ ފަސޭހަކަމެއް ނޫނެވެ. ކިތަންވެ ވަރުބަލި ވެފައި ހުރި ނަމަވެސް، ލޮލަށް ނިދި ނައިސްގެން އެނދުމަތީގެ ފުރޮޅި އޮންނަން ޖެހެ އެވެ.

ބައެއް ފަހަރު އެ މައްސަލަ ދިމާވަނީ، ދިރިއުޅުމުގައި ތިމާއަށް ގެންގުޅެވޭ ނުރަނގަޅު އާދަތަކެއްގެ ސަބަބުންނެވެ. އެފަދަ އާދަތަކަކީ އެއިން ލިބިދާނެ ގެއްލުމުގެ ރަނގަޅު މައުލޫމާތު ނޭނގޭ ކަންކަމަށް ވެސް ވެދާނެ އެވެ. އެހެންކަމުން އެފަދަ އާދަތަކަކީ ކޮބައިތޯ ދެނެގަނެ އެކަންކަމުން ދުރުވުމަކީ އަރާމު ނިންޖެއް ލިބުމަށް މަގުފަހިވާނެ ކަމެކެވެ.

1. ނިދަން އޮށޯތުމަށް ފަހު އެއްވެސް އިލެކްޓްރޯނިކް ޑިވައިސް އެއް ބޭނުން ނުކުރާށެވެ.

ވަރަށް ގިނަ ބަޔަކު ކޮށް އުޅޭ ކަމެކެވެ. ނިދަން އެނދު މައްޗަށް އެރުމަށް ފަހު ފޯނު ނަގައިގެން ގޭމު ކުޅެ އެވެ. ނުވަތަ ފޯނުން ކޮންމެސް ވާހަކައެއް، ފޮތެއް ކިޔާލަ އެވެ. އަދި ބައެއް މީހުން ސީރީޒް އާއި ފިލްމު ބަލާ ގަޑިއަކީ ވެސް ނިދާ ގަޑި ކަމުގައި ހަދަ އެވެ. ނޫނީ އޮފީހުގައި ނުނިމި ހުރި ބައެއް މަސައްކަތްތައް ވެސް ނިންމާލަ އެވެ.

މިއީ އަދި މުޅިން ރަނގަޅު ގޮތެއް ނޫނެވެ. ގިނަ މީހުން އެފަދަ ކަންކަން ކުރަނީ ނިދި އަންނާނެ ކަމަށް އުންމީދު ކޮށްގެނެވެ. ނަމަވެސް ޑިވައިސްތަކުން ފޮނުވާ "ބްލޫ ލައިޓް"ގެ ސަބަބުން ނިދި އައުމުން މީހާ ދުރުކޮށްލަ އެވެ. އެހެންކަމުން ފޯނާއި ލެޕްޓޮޕް ފަދަ ޑިވައިސްތަކުގެ ސްކްރީން ނުފެންނަ ގޮތަށް، ގަޔާ ގާތްގަނޑަކަށް 14 އިންޗި ދުރުގައި ބަހައްޓާށެވެ.

2. ރޭގަނޑު ކުޅިކޮށް ކެއުމުން ދުރުވާށެވެ.

ބައެއް މީހުންނަކީ ނިދަން އޮށޯންނަމުން ވެސް އެއްޗެއް ކާލާ މީހުންނެވެ. ނަމަވެސް ނިދާ ގަޑިއާ މާ ބޮޑަށް ކައިރި ކޮށްފައި، މާ ބޮޑަށް ކުޅިކޮށް ކެއުމަކީ ރަނގަޅު ކަމެއް ނޫނެވެ. އޭގެ އިތުރުން މާ ގިނަ އިން މަސް އެކުލެވޭ ކާނާ ކެއުން ވެސް ރަނގަޅެއް ނޫނެވެ. ސަބަބަކީ އޭރުން ބަނޑު ފުރި، ހަށިގަނޑަށް ލޮޑުކަން އިހުސާސްވާ މިންވަރު އިތުރުވާތީ އެވެ. އޭރުން ނިދަން އުނދަގޫވާނެ އެވެ.

އެހެންކަމުން ނިދުމުގެ ދެ ގަޑި އިރު ކުރިން ކެއުމަށް އާދަ ކުރާށެވެ. އޭރުން ކޭ އެއްޗެހި ހަޖަމު ވާން ވަގުތު ލިބި، ނިދަން ވެސް ފަސޭހަ ވާނެ އެވެ.

3. ރޭގަނޑު ކޮފީ އާއި ސައި ބުއިން ހުއްޓާލާށެވެ.

ކޮފީ އާއި ސައި ބުއިމަކީ ނިދި ފިލުވާލާ ކަމެއް ކަން ގިނަ މީހުންނަށް އެނގެ އެވެ. ނަމަވެސް އެއީ ވެސް ގިނަ މީހުންނަށް ދުރު ނުވެވެވޭ އާދަ އެކެވެ. ކޮފީ އަދި ސައިގައި އެކުލެވޭ ކެފެއިންގެ އަސަރު ހަށިގަނޑުން ނުފިލާ 12 ގަޑިއިރު ވަންދެން ހުންނަ ކަމަށް ސައިންސްވެރިން ބުނެ އެވެ. އެހެންކަމުން ކޮފީ އާއި ސައި ބުއިން މަދުކުރާށެވެ.

4. ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވާށެވެ.

ގިނަ މީހުން ބުނާ ގޮތުގައި، އެމީހުން ދުންފަތުގެ އިސްތިއުމާލު ކުރަނީ ސްޓްރެސް ވުމުން ދުރުކޮށްދީ، ސިކުނޑިއަށް ހަމަޖެހުން ގެނެސްދޭތީ އެވެ. ނަމަވެސް އެއީ ކުޑަ ހިނދުކޮޅެއްގެ ހަމަޖެހުމެކެވެ. ދުންފަތުގައި އެކުލެވޭ ނިކޮޓިންގެ ސަބަބުން ނިދަން އުނދަގޫވެ އެވެ. އަދި ނިދަން އުނދަގޫވާ މީހެއް ނަމަ، ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެކަން އިތުރަށް ގޯސްވާ ކަމެކެވެ.

5. ނިދަން އޮށޯތުމުގެ ކުރިން އެހާ ގިނައިން ފެން ނުބޯށެވެ.

ހަށިގަނޑުން ފެން މަދުނުވެ ހުރުމަށް ޓަކައި ގިނަ އިން ފެން ބުއިމަކީ ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް ރޭގަނޑު ނިދަން އޮށޯތުމުގެ ކުރިން މާ ގިނަ އިން ފެން ބޮއެފި ނަމަ، ފާހާނާ އަށް ދާން ޖެހޭ މިންވަރު އިތުރުވެ، ރޭގަނޑުގެ ނިދި ގެއްލޭ ގޮތްވެ އެވެ.

މަސްދަރު: ހެލްތު ޑައިޖެސްޓް