25 Jul 2016, 16:46
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފަށް އިތުރު ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފި އެވެ.
މިފަހަރު ވެސް މަހުލޫފަށް ޖަލު ހުކުމެއް އައީ ދައުލަތުން އޭނާގެ މައްޗަށް ކުރި ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާއެއް ޝަރީއަތަށް ސާބިތުވުމުންނެވެ.
މި ހުކުމް އިއްވި އިރު، ހަމަ މިފަދަ އެހެން ދައުވާއެއް ސާބިތުވެ މަހުލޫފް ގެންދަވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
25 ޖުލައި 2016: މަހުލޫފުގެ މައްޗަށް ހިންގާ ދެ ވަނަ ޝަރީއަތުގެ އަޑު އެހުމަށް ކްރިމިނަލް ކޯޓަށް ވެއްދި ވަގުތު، ރައީސް ޔާމީންގެ އިސްތިއުފާއަށް ގޮވާލައި އަޑު އުފުލަނީ: މަހުލޫފު އިތުރު ހަ މަހަށް ޖަލަށްލުމަށް ހުކުމް ކުރީ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާ ސާބިތުވުމުން--- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުގެ ރޭ 9:30 އިން ފެށިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ބަޔަކު މުޒާހަރާ ކުރަމުންދަނިކޮށް ބޮޑުތަކުރުފާނު މަގާއި މުހައްމަދު އިސްމާއީލް ދީދީ ގޯޅި ބެރިކޭޑުޖަހައި ބަންދުކޮށްފައި ވަނިކޮށް މަހުލޫފް ބެރިކޭޑުތައް ކޮއްޕައި ދުރަށް ޖެއްސުމަށް ފަހު ގަދަކަމުން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވާކަން ހެކީންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ.
25 ޖުލައި 2016: މަހުލޫފު އިތުރު ހަ މަހަށް ޖަލަށްލުމަށް ކުްރިމިނަލް ކޯޓުން ކުރި ހުކުމާއެކު، ޝަރީއަތް އަޑުއެހުމަށް ކޯޓަށް ވަޑައިގެންނެވި މަހުލޫފުގެ މަންމަ ރޮމުން ކޯޓުން ނުކުންނަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މަހުލޫފަށް އެ ހުކުމް އިއްވީ ގާނޫނު އަސާސީގެ 59 ވަނަ މާއްދާއަށް ރިއާޔަތްކޮށް ފުލުހުންގެ ގާނޫނުގެ 72 ވަނަ މާއްދާއާ ހަވާލާދީ އެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުންނެވެ.
25 ޖުލައި 2016: މަހުލޫފު އިތުރު ހަ މަހަށް ޖަލަށްލުމަށް ހުކުމް ކުރުމާ ގުޅިގެން، ކްރިމިނަލް ކޯޓު ސަރަހައްދަށް ގޮސްހުރި އޭނާގެ އަންހެނުނ (މ) ދެރަވެފައި-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް