ވަޒީފާ އަދާކުރާ މުވައްޒިފަކަށް އެންމެ ދަށް އުޖޫރައެއް ނުވަތަ މިނިމަމް ވޭޖް ރޭޓެއް ސަރުކާރުން ކަނޑައަޅައިފި ނަމަ އިންޑަސްޓްރީތައް ބަނގުރޫޓް ވެގެން ހިނގައިދާނެ ކަމުގެ އިންޒާރު އެ އިންޑަސްޓްރީތަކުގެ އިސްވެރިންދީ ސަރުކާރުގެ އިގްތިސާދީ ޕޮލިސީއަށް ވަރަށް ބޮޑަށް ފާޑުކިޔައި ވާހަކަ ދައްކަވައިފި އެވެ.

މިނިމަމް ވޭޖެއް ވަރަށް އަވަހަށް ކަނޑައަޅަން ސަރުކާރުން ނިންމުމާ ގުޅިގެން އެކަމުން ސިނާއަތްތަކަށް ކުރާނެ އަސަރާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޓޫރިޒަމް އިންޑަސްޓްރީ އާއި ކޮންސްޓްރަކްޝަން އިންޑަސްޓްރީން އިސްނަގައިގެން ޓްރޭޑާސް ހޮޓެލްގައި މިއަދު ފެށި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވި ޓޫރިޒަމް އިންޑަސްޓްރީ އާއި ކޮންސްޓަރަކްޝަން އިންޓަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކުން ވަނީ މިނިމަމް ވޭޖެއް ރާއްޖެ އަށް މި ވަގުތަށް މުހިންމު ނޫން ކަމަށް ވިދާޅުވެ ސަރުކާރުގެ އިގްތިސޯދީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

ރާއްޖޭގެ ޖީޑީޕީގެ ބޮޑު ބައެއް ހިއްސާ ކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ފަރާތުން ވާހަކަ ދެއްކެވި އިޔާޒު ވަހީދު ވިދާޅުވީ ރާއްޖޭގެ އިގުތިސޯދު މިވަގުތު އޮތް ނާޒުކު ފައްތަރަށް ބަލައި މިނިމަމް ވޭޖެއް ކަނޑައެޅުމަކީ މުހިންމު ކަމެއް ނޫންކަމަށެވެ. މިނިމަމް ވޭޖް ރޭޓަކަށް ރާއްޖެ ދާއިރު އިދާރީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ބައެއް ކަންތައްތައް ފުރިހަމަ ނުކޮށް ހުރިކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ނެތް މިނިވަން ވޭޖް ކޮމިޝަނެއް. އެކަމަށް ކަންނޭނގެ އަޅުގަނޑުމެން ފުރަތަމަ ލޮބީ ކުރަންވީ. އަޅުގަނޑުމެން މި އިންޑަސްޓްރީތައް ވެސް ތަމްސީލްވާ ގޮތަށް ވޭޖް ކޮމިޝަން އޮންނަންވާނީ،" އިޔާޒު ވިދާޅުވި އެވެ.

މިނިމަމް ވޭޖެއް ކަނޑައެޅޭނެ އުސޫލުތަކެއް އަދި އެގެން ނެތް ކަން ފާހަގަކުރައްވަމުން އިޔާޒް ވަނީ ދުނިޔޭގެ ބައެއް ގައުމުތަކުގައި މިނިމަމް ވޭޖްގެ ކަންތައްތަކުގައި އަމަލުކޮށްފައިވާ ގޮތަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވައިފަ އެވެ.

"މިސާލަކަށް ބަލާއިރު އަދި ކިރިޔާ މެލޭޝިޔާގައި އެމީހުން އެ އުޅެނީ މިނިމަމް ވޭޖަށް އަމަލުކުރަން. އެއީ އެމީހުން ތަރައްގީވެފައިވާ ގައުމަކަށް ގުރެޒުއޭޓް ވީމާ. ދެން އަޅުގަނޑުމެން ނަމޫނާ އަކަށް ބަލާ ޔޫކޭގައި މިހުރީ އުމުރަށް ބަލައިގެން މިނިމަމް ވޭޖް ރޭޓް ބޭންޑްތަކެއް ކަނޑައަޅާފައި. އޭގެން އެއްވެސް ކަމެއް އަދި ސާފެއް ނުވޭ. އަޅުގަނޑު އަދަދާއި އުސޫލުތަކާއި މެދު މި ކަންބޮޑު ވަނީ،" ޓޫރިޒަމް އިންޑަސްޓްރީ ތަމްސީލް ކުރައްވަމުން އިޔާޒު ވިދާޅުވި އެވެ.

ކޮންޓްރެކްޓަރުންގެ ގައުމީ ޖަމްއިއްޔާ، މަސީގެ ނައިބު ރައީސް އަލާއު ވަހީދު ވިދާޅުވީ އެ އިންޑަސްޓްރީގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތް ކުރަމުން ދިޔުމުން އެމީހުންނަށް މިހާރު ވެސް މުސާރައިގެ ބޭރުން އެހެނިހެން އިނާޔަތްތަކެއް ދެމުން ދަނިކޮށް މިނިމަމް ވޭޖް ރޭޓެއް ކަޑައެޅުމަކީ އެކަމުން އިންޑަސްޓްރީގެ ރިކަރަންޓް ހަރަދު އިތުރަށް ބޮޑުވެގެން ދާނެ ކަމެއް ކަމަށާއި އެކަމުން ހުރިހާ ގެއްލުމެއް ލިބޭނީ ކޮންޓްރެކްޓަރުންނަށް ކަމަށެވެ.

"އަޅުގަނޑުމެން ސެލެރީގެ ބޭރުން އެބަދެން ކެއުމާއި ތިބުމާއި މިކަހަލަ އެހެނިހެން ހަރަދުތައް، އެބަކުރަން. އެހެން ހުއްޓާ އަޅުގަނޑުމެން މިނިމަމް ވޭޖެއް ދިނީމާ އަޅުގަނޑުމެންގެ ރިކަރަންޓް ހަރަދުދައް އިތުރުވާނީ. އެހެންވެ އަޅުގަނޑުމެން ބޭނުމެއް ނުވޭ މިނިމަމް ވޭޖް ރޭޓެއް،" އަލާއު ވިދާޅުވި އެވެ.

އަލާއު ވަނީ އެހެން ހިޔާލެއް ވެސް ފާޅުކުރައްވާފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ މިނިމަމް ވޭޖް ރޭޓްގެ ސަބަބުން ބޭރު ފައިސާ ރާއްޖެ އިން ދާވަރު އިތުރުވެގެން ދާނެ ކަމަށެވެ. އަލާއުގެ އެ ވާހަކައަށް ތާއިދުކުރައްވާ އިލްމީ ނަޒަރަކުން ވާހަކަ ދައްކަވަމުން މަޓާޓޯގެ ސެކްރެޓަރީ ޖެނެރަލް މުހަންމަދު މަލީހު ޖަމާލު ވިދާޅުވީ މިނިމަމް ވޭޖް ރޭޓަކީ 200 ޑޮލަރު ކަމުގައި ބެލިއަސް ކޮންމެ މަހަކު ރާއްޖެ އިން 20 މިލިއަން ޑޮލަރު ބޭރުވާނެ ކަމަށެވެ.

"އޭރުން ސަރުކާރުން ބޭނުންވާ ބޭރު ފައިސާގެ އައުޓް ފުލޯ މަދެއް ނުކުރެވޭނެ. އެއްކަލަ 150 ޑޮލަރު ލިބޭ މީހާ ވެސް މިނިމަމް ވޭޖް ރޭޓަށް ޑިމާންޑް ކުރާނެ. އަދި މިއަދަދު އިތުރުވުމަކީ ވެސް ވެދާނެ ގޮތެއް،" މަލީހު ވިދާޅުވި އެވެ.

މަޓާޓޯގެ ފަރާތުން ވަނީ ޓެކްސް ނިޒާމަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އެގޮތުން މަޓާޓޯގެ ނައިބު ރައީސް މުހައްމަދު ރިޔާޒް ވިދާޅުވީ 14 ޕަސެންޓުގެ ޓެކްސްއެއް ސަރުކާރަށް ދައްކައިގެން ވިޔަފާރިތައް ނުކުރެވޭނެ ކަމަށާއި އަދި އިތުރަށް އަންނަން ހުރި ޓެކްސްތަކުން އިންޑްސްޓްރީތަކަށް ދުއްތުރާވާނެ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުމެއް ނުވޭ އިގްތިސޯދު ރަނގަޅު ކުރާކަށް އެކްޓިވިސްޓުންނެއް، ބޭނުމީ އެކޮނޮމިސްޓުން. ވިޔަފާރިތައް އެކްޓިވިސްޓުންނަށް އަބުރާލެވިދާނެ. އެކަމަކު އެކޮނޮމިސްޓުން އިގުތިސޯދު ރަނގަޅުމަގަށް އަބުރާލާނީ،" ސަރުކާރުގެ އިކޮނޮމިކް ޕޮލިސީއަށް ހޫނު ބަހުގެ ހަމަލާތައް ދެއްވަމުން ރިޔާޒް ވިދާޅުވި އެވެ.

އެ މަޝްވަރާތަކުގައި ހާއްސަ މަންދޫބުންގެ ގޮތުން ވާހަކަ ދެއްކެވި ވިލާ ގުރޫޕުގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވީ އެއްވެސް އުސޫލެއް ނެތި ކުއްލިއަކަށް މިނިމަމް ވޭޖެއް ކަނޑައަޅައިފި ނަމަ އިންޑަސްޓްރީތައް ފުނޑު ފުނޑުވެގެން ހިނގައިދާނެ ކަމަށެވެ.

"ޕޮލިޓިކަލް ރީޒަނަކަށް މިކަން ކުރަން އުޅުނު ނަމަވެސް މިކަމެއް ނުވާނެ. އެއްވެސް މީހަކު ތިމަންނާ ހުންނަ ފަސް އަހަރު ނޫނީ 10 އަހަރު ދުވަހުގެ ތެރޭ ހުރިހާ ކަމެއް ކޮށް ނިންމާލާނަމޭ ބުންޏަސް އެކަމެއް ނުނިމޭނެ. އަދި ފަހުން ވެސް ކުރަން ބައިވަރު ކަންތައްތައް އޮންނާނެ. އެ ވިސްނުމުގައި ކަމެއް ކުރަން ނިންމުމަކީ ގައުމުގެ އިގްތިސާދަށާއި ގައުމަށް ލިބޭ ދެރައަކަށް ވެގެންދާނީ،" ގާސިމް ވިދާޅުވި އެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ސަން ޓްރެވަލްސްގެ ޗެއާމަން އަހުމަދު ސިޔާމް ވެސް ވާހަކަ ދެއްކެވި އެ މަޝްވަރާތަކުގައި އޭނާ ވިދާޅުވީ ތެޅިފޮޅިގަނެގެން މިނިމަމް ވޭޖް ރޭޓެއް ކަނޑައަޅައިފި ނަމަ ކުންފުނިތައް ބަނގުރޫޓުވެގެން ދާނެ ކަމަށާއި އެކަމުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މުޅިން ނެތިގެން ދާނެ ކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

"ރާއްޖޭގެ ހަރަދުތައް ބޮޑުވެގެންދާ ވާހަކަ ދައްކާ މިދަނޑިވަޅެއްގައި މިނިމަމް ވޭޖެއް ކަނޑައަޅައިފި ނަމަ ކުންފުނިތަކަށް ފޫބައްދަން ދަތި ގެއްލުންތަކެއް ލިބޭނެ. މިގައުމު މިއަދު ބަނގުރޫޓުވެފައި މިވަނީ ވެސް ގައުމު ހިންގަން ތިބި އިސް ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް އިއްޒަތްތެރި މެންބަރުން ނުވިސްނައި މުސާރަތައް ބޮޑުކުރުމުގެ ސަބަބުން. އެހެންކަމުން މިދަނޑިވަޅު އެންމެ ކުޑަ އުޖޫރައެއް ހަމަޖައްސައިފި ނަމަ ކުންފުނިތައް ހަލާކުވެގެން ދާނެ،" ސިޔާމް ވިދާޅުވި އެވެ. "މިހާރު ހަމައެކަނި މިއުޅެނީ އެންމެ މަތީ ފަންތީގައި އުޅޭ މަދު ވިޔަފާރިވެރިން ކޮޅެއް. މިފަދަ ކަމެއް ކޮށްފި ނަމަ އެ ފަރާތްތައް ވެސް ހަލާކުވެގެން ހިނގައިދާނެ."