25 Jul 2016, 01:07
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދެ ވަނަ ދައުރަކަށް އިންތިހާބު ކުރުމަށް ރަސްމީކޮށް ކެމްޕެއިން ފެށުމާ ގުޅޭ ގޮތުން ޕީޕީއެމްގެ މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުން މުލިއާގޭގައި މަޝްވަރާ ކުރައްވައިފި އެވެ.
ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ބޭފުޅުންނާއި ސަރުކާރަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުންނާ އެކު މުލިއާގޭގައި ރައީސް ޔާމީން ބައްދަލު ކުރެއްވީ މިރޭ އިރާކޮޅު ވަގުތެއްގަ އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މަޖިލިސް މެމްބަރަކު "ސަން"އަށް މިރޭ ވިދާޅުވީ އެ ބައްދަލުވުމުގައި ބޮޑަށް މަޝްވަރާ ކޮށްފައި ވަނީ ރައީސް ޔާމީން 2018 ވަނަ އަހަރުގެ ކެމްޕެއިނާ ގުޅޭ ގޮތުން ކަމަށާއި އެހެންކަމުން ވަރަށް އަވަހަށް ރަސްމީކޮށް ކެމްޕެއިން ފައްޓަވާނެ ކަމަށެވެ.
އެ ބައްދަލުކުރުމުގައި ސަރުކާރު ހިންގުން ހަރުދަނާ ކުރުމަށާއި 2018ގެ ކުރިން ވައުދުތައް ފުއްދުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ޔާމީން 2018ގެ ނަމުގައި ކެމްޕެއިން މަހާސިންތާތަކެއް ވެސް ރާއްޖޭގެ އެކި ހިސާބްތަކުގައި މީގެ ކުރިން ވަނީ ބާއްވާފަ އެވެ. ނަމަވެސް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރައީސް ޔާމީނަށް އަދި ލިބިވަޑައިގެންފައެއް ނުވެ އެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ރައީސް ޔާމީން މަސައްކަތްޕުޅު ފައްޓަވާފައިވަނިކޮށް، އެމަނިކުފާނުގެ ވާދަވެރިޔާ އުމަރު ނަސީރު ވަނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރައްވައިފަ އެވެ.
ރިޔާސީ ޓިކެޓު ދިނުމާ މެދު ގޮތެއް ނިންމާނީ ޕީޕީއެމްގެ ގައުމީ ޖަލްސާއިން ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.