އަބުރު ރައްކާތެރިކޮށް ދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލު ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު މަޖިލީހަށް ހުށަހެޅުއްވީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ހައްގަކީ ވަކި ޒިންމާތަކާއި މަސްއޫލިއްޔަތުތަކަކާ އެކު ބޭނުން ކުރަން ޖެހޭ ހައްގެއް ކަމަށް ވާތީ އެވެ. ނަމަވެސް ބިލު އޮތީ މަގުސަދާ މުޅިން ހިލާފަށެވެ. ގާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ބުނެފައިވާ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި 28 ވަނަ މާއްދާގައި ބުނެފައިވާ ނޫސްވެރިކަން ކުރުމުގެ މިނިވަން ކަމަށް އެ ބިލުގެ ސަބަބުން އެތައް ހުރަސްތަކެއް އެޅިގެންދެ އެވެ. އެ ބިލުގައި ނޫސްވެރިކަން ކުރުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެ އެވެ.

ނިހާނު ހުށަހެޅުއްވި އަބުރާ ބެހުމުގެ ބިލާ ގުޅޭ ގޮތުން ހުދު ނިހާނު ވެސް މީޑިއާތަކުގެ ބެލެނެވެރި ފަރާތްތަކާ ބައްދަލުކުރެއްވި އެވެ. ނޫސްވެރިންގެ ބަލަދުވެރި ފަރާތްކަމުގައިވާ މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެމްބަރުން ވެސް ނިހާނާ ބައްދަލުކުރައްވައި އެ ބިލުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރި އެވެ. ނަތީޖާއެއްގެ ގޮތުން ނިހާނު މަޖިލީހަށް ހުށަހެޅުއްވި ބިލު އަނބުރާ ގެންދެވި އެވެ. އަދި މަޖިލީހަށް އަބުރާ ބެހުމުގެ އާ ބިލެއް ހުށަހަޅުއްވާނެ ކަމަށް ސަރުކާރުން ބުންޏެވެ. ބިލު ހުށަހެޅުއްވި މެމްބަރު ނިހާނު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމަށް ބުރު ނާރާ ގޮތަށް އަބުރުގެ ބިލަށް ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ.

ނޫސްވެރިން އުއްމީދު ކޮށްގެން ތިބީ އަލަށް ހުށަހަޅާ އަބުރުގެ ބިލުގެ ސަބަބުން ނޫސްވެރިންގެ ހިތްތަކަށް ތަސައްލީއެއް ލިބިގެންދާނެ ކަމަށެވެ. ނަމަވެސް ކަންވީ އެއާ މުޅިން ހިލާފަށެވެ. އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު މަޖިލީހަށް ހުށަހެޅުއްވި އަބުރުގެ އާ ބިލުގައި ވެސް ނޫސްވެރިންނާއި މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ކަންބޮޑުވުންތައް އިންތިހާއަށް އެބަހުއްޓެވެ.

އެމްއެމްސީގެ ރައީސް މުހައްމަދު އާސިފު (މޮންދު) ވިދާޅުވީ ދެވަނަ ފަހަރަށް އަބުރުގެ ބިލު މަޖިލީހަށް ހުށަހެޅި އިރު ކުދިކުދި ބަދަލުތައް ބިލަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް މީޑިއާ ކައުންސިލުން ގެންނަން ބުނި މުހިންމު އިސްލާހުތައް އަލުން ހުށަހެޅި ބިލުގައި ނެތް ކަމަށް މޮންދު ވިދާޅުވި އެވެ.

"އެ ބިލު ދެވަނަ ފަހަރަށް ހުށަހެޅުނުއިރު އަޅުގަނޑުމެން އޭރު (އެންމެ ފުރަތަމަ އަބުރުގެ ބިލު ހުށަހެޅިއިރު) އެދުނު ކަންކަމަށް އެކަށީގެންވާ ހެޔޮ ބަދަލުތަކެއް އައިސްފައި ނުވާކަން އަޅުގަނޑުމެން ފާހަގަކުރަން،" މޮންދު ވިދާޅުވި އެވެ.

މޮންދު ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާހު ހުސައިން މަނިކު މަޖިލީހަށް ފުރަތަމަ ހުށަހެޅުއްވި އަބުރުގެ ބިލުގައި ހުރި ކަންބޮޑުވުންތައް ކަމާ ގުޅޭ އިދާރާތަކާއި ކަމާބެހޭ ފަރާތްތަކާ އެކު ވެސް މަޝްވަރާ ކުރި ކަމަށެވެ. ނަމަވެސް އެކަން ކަމަށް ހައްލެއް ނުލިބި ވަނިކޮށް ދެ ވަނަ ފަހަރަށް އެ ބިލު ހުށަހެޅިގެން ދިއުމުން އެކަމާ ހިތާމަކުރައްވާ ކަމަށް މޮންދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަދިވެސް ބިލަށް ބަދަލުތައް ގެނެވެން އެބަ އޮތް ކަމަށެވެ.

އަލަށް މަޖިލީހަށް ހުށަހެޅި އަބުރާ ބެހުމުގެ ބިލުގައި މީހެއްގެ އަބުރާ ބެހިއްޖެ ނަމަ 50،000 ރުފިޔާ އިން 2،000،000 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ. އެ އަދަދުން ކުރެވޭ ޖޫރިނަމާ ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓުތަކުގައި އިސްތިއުނާފު ކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. ނަމަވެސް އިސްތިއުނާފު ކުރެވެނީ ޖޫރިމަނާއެއްގެ ގޮތުގައި ދައްކަން ޖެހޭ މިންވަރު ދެއްކުމަށް ފަހު އެވެ.

ބިލުގައި އެހާ ބޮޑު އަދަދެއްގެ ޖޫރިމަނާއެއް އޮތުމަކީ ނޫސްވެރިންގެ ކަންބޮޑުވުމެކެވެ. ވަކިވަކި ނޫސްވެރިންނަށް ބަލާލި ނަމަވެސް އެވަރުގެ ޖޫރިމަނާއެއް ދެެއްކޭނެ ވަރުގެ އާމްދަނީއެއް ލިބޭނެ އެއްވެސް ނޫސްވެރިއެއް ރާއްޖޭގައި ނުހުންނާނެ އެވެ. އެހެންކަމުން ބިލުގައި އެފަދަ ބޮޑު ޖޫރިމަނާއެއް ހިމަނާފައި އޮތުމުން ސުވާލު އުފެދެ އެވެ.

އެ ބިލުގައި އިސްތިއުނާފު ކުރެވޭނީ ޖޫރިމަނާ ފައިސާ ދެއްކުމުން ކަމަށް ބުނެފައި އޮތުމުން ގާނޫނު އަސާސީގެ 56 ވަނަ މާއްދާގައި ބުނެފައިވާ އިސްތިއުނާފު ކުރުމުގެ ހައްގުން ނިގުޅައި ގަނެވިގެންދެ އެވެ. އެ މާއްދާގައި ޖިނާއީ މައްސަލައާއި މަދަނީ މައްސަލަތަކުގައި އިއްވާ ހުކުމްތަކާއި ނެރޭ ކޯޓު އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ހައްގު މައްސަލައާ ގުޅުން ހުރި ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށް ބުނެފައިވެ އެވެ.

ބިލުގައި ބުނެފައިވާ ގޮތުގައި މީހެއްގެ އަބުރާ ބެހި ނުވަތަ އެފަދަ ލިޔުމެއް ޝާއިއުކޮށްފި ނަމަ ދައްކަން ޖެހޭ ޖޫރިމަނާ ނުދެއްކުމުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅިގެންދެ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު އެ މީހަކާ މެދު ޖިނާއީ ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ހުށަހެޅިގެންދާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އެ ބިލުގައި ބުނެފައިވާ ގޮތުގައި ޕީޖީން އެ މައްސަލާގައި ދައުވާ ކުރަން ހުށަހެޅުމުން ކޯޓުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ޖޫރިމަނާ ފައިސާ ދައްކަން ޖެހެ އެވެ. އަދި އެ ފައިސާ ނުދައްކައިފި ނަމަ މީހެއް އަބުރާ ބެހުނު މީހެއް ނުވަތަ އެފަދަ ލިޔުމެއް ޝާއިއު ކުރި ރިޕޯޓަރެއް ތިން މަހާއި ހަމަހުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށް ޖައުފަރު ހުށަހެޅުއްވި އަބުރާ ބެހުމުގެ ބިލުގައި ބުނެފައިވެ އެވެ. އަދި އެ މައްސަލަ މީހަކަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި އިސްތިއުނާފު ކުރެވެނީ ވެސް ޖޫރިމަނާ ދެއްކުމުން ނެވެ.

އަބުރުގެ ބިލާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން ޕީޕީއެމް ޕީޖީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ މަޖިލީހަށް ހުށަހެޅިފައިވާ އަބުރުގެ ބިލު ފާސްކުރާނެ ކަމަށެވެ. ނަމަވެސް އެ ބިލު ފާސްކުރާނީ އަވަސް އަރުވާލައިގެން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނޫޅެން އެ ބިލު އަވަސް އަރުވާލައިގެން ހަމަ އެ އޮތް ގޮތަށް ފާސްކުރާކަށް. ބައެއް މެމްބަރުން މީޑިއާތަކުގައި ގޯސް މައުލޫމާތުތައް އެބަ ފަތުރާ އެ ބިލު ދުވަހުިން ދުވަހަށް ފާސްކުރާނައޭ. އެކަމަކު އެކަން އެހެނެއް ނުކުރެވޭނެއްނު. އެއޮތީ ފުރަތަމަ ކިއުން އިއްވާފައި. އެ ބިލު ހަމަ ދާންޖެހޭ ޕްރޮސީޖާގެ ތެރެއިން ދާނެ. އެކަމަކު ބިލު ފާސްކުރާނެ،" ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަބުރުގެ ބިލު ކޮމެޓީ މަރުހަލާއަށް ދިއުމަށް ފަހު އެކަމުގައި ހާޒިރުކުރަން ޖެހޭ ފަރާތްތައް ހާޒިރުކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ބިލަށް ކޮމެޓީ މަރުހަލާގައި ބަދަލު ގެންނަން ޖެހިއްޖެ ނަމަ ބަދަލުވެސް ގެންނާނެ ކަމަށެވެ.

"ބިލު ކޮމެޓީ މަރުހަލާއަށް ދިޔައިމަ ކަމާ ގުޅުންހުރި ބޭފުޅުން ހާޒިރު ވެސް ކުރާނަން. އަދި އެ ބިލަށް ގެންނަން ޖެހޭ ބަދަލުތައް ހުރިއްޔާ އެ ބަދަލުތައް ވެސް ގެންނާނަން. އެކަމަކު ބިލު އަވަސް އަރުވާލައިގެން ފާސްކުރަން އުޅޭ ވާހަކަ އެއީ ރަނގަޅު މައުލޫމާތެއް ނޫން،" ރިޔާޒު ވިދާޅުވި އެވެ.

ރާއްޖޭގެ އޮންލައިން ނޫހެއްގެ ގޮތުގައި ދާދިފަހަކާ ޖެހެންދެން އޮތް ސީއެންއެމްގެ އެސިސްޓެންޓް އެޑިޓަރު އަބްދުﷲ ހަސީނު ބުނީ އަބުރުގެ ބިލު މިހާރު އޮތް ގޮތުން ރާއްޖޭގައި ނޫސްވެރިކަން ދެން ކުރުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. އޭނާ ބުނީ ބިލުގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

"ބިލު ހުށަހެޅި ނިޔަތާ މެދު މިއަދު ސުވާލު އުފެދޭ. އެ ބިލު އެހާ އަވަސް އަރުވާލައިގެން ފާސް ކުރަން ނޫޅޭ ނަމަ މީޑިއާތަކުގެ ބެލެނެވެރި ފަރާތްތަކުން ވެސް ދައްކާ ވާހަކަތައް އަޑުއަހަން އެބަޖެހޭ. އެ ވާހަކަތައް އަޑުއަހާ އެކަމާ ގުޅިގެން މަޝްވަރާކުރަން އެބަޖެހޭ. މިއަދު އަބުރުގެ ބިލު ފަރުމާކޮށްފައި އޮތް ގޮތުން ރާއްޖޭގެ ނޫސްވެރިކަން މާޒީއަށް ދަތުރު ކުރާނެ. އެކަން ރާއްޖޭގެ ސީނިއާ ނޫސްވެރިންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އެބޭފުޅުން ވެސް އޭރު ނޫސްވެރިކަން ކުރެއްވި ހާލު. އެހެންވީމަ އަޅުގަނޑު ބުނެލަން އޮތީ މިއަދު އަބުރުގެ ބިލު އޮތީ ހަމަ ސީދާ ނޫސްވެރިންނަށް އަމާޒުކޮށްފައޭ. އިތުރު އެއްވެސް ބަޔަކަށް ނޫން ހަމަ ނޫސްވެރިންނަށް،" ހަސީނު ބުންޏެވެ.

ގާނޫނު އަސާސީގެ 33 ވަނަ މާއްދާގައި މީހެއްގެ އަބުރު ރައްކާތެރި ކުރެވިފައި އޮތުމުގެ ހައްގު ދިވެހި ކޮންމެ ރައްޔިތަކަށްމެ ލިބިދެ އެވެ. މިއަދުވެސް މީހެއްގެ އަބުރަށް އަރައިގަތުމަކީ ކުށެކެވެ. ނަމަވެސް އެއީ މަދަނީ މައްސަލައެކެވެ. މިއަދު އެ މައްސަލަ ޖިނާއީ މައްސަލައަކަށް ހެދުމުގެ ސަބަބުން އެތައް ހައްގުތަކެއް ނިގުޅައިގަނެވިގެން އެބަދެ އެވެ. އެކަމުގެ ސަބަބުން ނޫސްވެރިން މިއަދު ތިބީ ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި އެވެ. އެ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދެއްވާނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް އެކަންވީ ހުސް ވާހަކަތަކަކަށެވެ. އަދި ވެސް ބިލް ފާސް ކުރުމުގެ ކުރީން އެކަންކަން ކުރުމަކީ ނޫސްވެރިންގެ އުންމީދެކެވެ. އެދޭ ގޮތެވެ.