އިދިކޮޅު ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތެއްގައި ޖަލަށްލާ ފަރާތްތަކަށާއި އަނިޔާވާ ފަރާތްތަކަށް ފައިސާގެ އިނާޔަތެއް ދިނުމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން ނިންމައިފިއެވެ.

އެމްޔޫއޯ ޝެޑޯ ކެބިނެޓުގެ ހޯމް މިނިސްޓަރު ތަސްމީން އަލީ "ސަން"އަށް މިއަދު ވިދާޅުވީ "ޑިޓޭނީ އެންޑް ވެލްފެއާ" ފަންޑުގެ ނަމުގައި މިއަދު ތައާރަފް ކުރި ފަންޑާއެކު އެ އިއްތިހާދުން ހިނގާ ސިޔާސީ ހަރަކާތްތަކުން ހައްޔަރު ކުރާ ކޮންމެ މީހަކަށް 1000 ރުފިޔާ ދިނުމަށް ނިންމާފައިވާއިރު މުއްދަތު ޖަލައި ޖަލަށްލައިފިނަމަ 5000 ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ސިޔާސީ ހަރަކާތްތަކުގެ ތެރެއިން އަނިޔާވާ ފަރާތްތަކަށް ވެސް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ތަސްމީން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ ކޮންމެވެސް ވަރެއްގެ މާލީ އެހީތެރިކަމެއް ދިނުން، ގާނޫނީ ވަކީލުން އައްޔަން ކުރުން އަދި ހޮސްޕިޓަލުގައި ބާއްވާ ފަރާތްތަކަށް ވެސް،" ތަސްމީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހުކުމްކޮށް ޖަލަށް ލާ ހިސާބުން ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި މޭޑޭ މުޒާހަރާ އާއި ގުޅިގެން ޖަލަށްލާފައިވާ ފަރާތްތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.