އިސްތަފާ އިބްރާހިމް މުހައްމަދު މަނިކުގެ ކުށެއް ނެތް ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ]ރީކޯ މޫސަ[ ރޭ ދެއްކެވި ވާހަކައަކީ ކަނޑައެޅިގެން އޮޅުވާލައިގެން ދެއްކެވި ދޮގު ވާހަކައެއް ކަމަށް ހައި ކޯޓުން މިއަދު ބުނެފި އެވެ.

ހައި ކޯޓުގެ ބަޔާނުގައި ބުނެފައި ވަނީ އެ ކޯޓުން ބަލާފައި ވަނީ އިސްތަފާގެ ބަންދުގެ މުއްދަތު ކ. މާފުށީ ކޯޓުން އިތުރުކޮށްފައި ވަނީ ގާނޫނާ އެއްގޮތަށްތޯ ނުވަތަ ނޫންތޯ ކަމަށެވެ. އެއީ އިސްތަފާގެ މައްޗަށް ކުށެއް ސާބިތުވޭތޯ ނުވަތަ ނޫންތޯ ބެލުމަށް ބޭއްވި ޝަރީއަތެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި އެވެ. އަދި އިސްތަފާގެ މައްޗަށް ކުށެއް ސާބިތުނުވާ ކަމަށް ހައި ކޯޓުން ނިންމާފައިވާ ކަމަށް މޫސަ ވިދާޅުވި ވިދާޅުވުމަކީ ކަނޑައެޅިގެން އޮޅުވާލައިގެން ދައްކާފައިވާ ދޮގު ވާހަކައެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"އިބްރާހިމް މުހައްމަދު މަނިކުގެ ކުށެއް ނެތް ކަމަށް ދިވެހިރާއްޖޭގެ ހައި ކޯޓުން ނިންމާފައިވާ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާއެއްގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ރީކޯ މޫސާ މަނިކު ވިދާޅުވި ވިދާޅުވުމަކީ ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ވަރަށް ބޮޑަށް އޮޅުވާލައިގެން ދައްކާފައިވާ، ކަނޑައެޅިގެން ދޮގު ވާހަކައެއް،" ހައި ކޯޓުގެ ބަޔާނުގައިވެ އެވެ. "މި މައްސަލައަކީ ގ. އޯކަމް ]އިސްތަފާ[ އިބްރާހިމް މުހައްމަދު މަނިކުގެ މައްޗަށް ކުށެއް ސާބިތުވޭތޯ ނުވަތަ ނޫންތޯ ބެލި މައްސަލައެއް ނޫން."

ހައި ކޯޓުން ބުނެފައި ވަނީ އިސްތަފާ ބަންދުން ދޫކުރުމަށް އެ ކޯޓުން އަމުރުކޮށްފައި ވަނީ އޭނާ ބަންދުގައި ބަހައްޓަންޖެހޭ ޝަރުއީ އެއްވެސް ހުއްޖަތެއް ދެއްކިފައިނުވުމާއި މާފުށީ ކޯޓުގެ އަމުރު ނެރުމުގައި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހަމަތަކާއި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ކަމަށްވާތީ ކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ 141 ވަނަ މާއްދާ ނ. ގައި ބުނެފައިވާ ގޮތުން ދައުލަތުގެ މުވައްޒަފެއް ނުވަތަ އަމިއްލަ ފަރުދެއް ނަމަވެސް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ހިތްތަކުގައި ކޯޓުތަކާ މެދު އޮންނަ އިތުބާރު ގެއްލި، ކޯޓުތަކުގެ ހުރުމަތް ކެނޑޭ ގޮތަށް އެއްވެސް ވާހަކައެއް ނުދެއްކުމަށް އެންމެހާ ފަރާތްތަކަށް ހަނދާންކޮށްދޭ ކަމަށް ވެސް ހައި ކޯޓުގެ ބަޔާނުގައިވެ އެވެ.