24 Jul 2016, 18:57
ރާއްޖޭގައި ބާއްވާ 12 ވަނަ ހޮޓެލް އޭޝިއާ އެގްޒިބިޝަން އަންނަ މަހުގެ ފަހަކުން ހަތަކަށް ދަރުބާރުގޭގައި ބާޢްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ކޮންމެ އަހަރަކު ވެސް ރާއްޖޭގައި ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖު އަންނަނީ ބާއްވަމުންނެވެ. އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރު ވެސް އެގްޒިބިޝަން ބާއްވަނީ ދިވެހި ސަރުކާރުގެ އެއްބާރުލުމާ އެކުގަ އެވެ. މި އަހަރުގެ އެގްޒިބިޝަނުގައި ސްރީލަންކާ، ތައިލެންޑު، އިންޑޮނޭޝިއާ، ދުބާއީ އަދި ސިންގަޕޫރުގެ ޕްރޮމޯޝަނަލް ޕެވިލިއަންތަކެއް ފެނިގެން ދާނެ ކަމަށް ހަރަކާތް އިންތިޒާމު ކުރާ ފަރާތުން ބުނެ އެވެ.
މި ހަރަކާތުގައި މި އަހަރު 150 އަށް ވުރެ ގިނަ ސްޓޯލުތަކުން، 1،000 އަށް ވުރެ ގިނަ ބްރޭންޑުތައް ދައްކާލާނެ އެވެ. މީގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ފަރާތްތަކެއް ވެސް ހިމެނެ އެވެ. އެގޮތުން ލަގްޒަރީ ޓޫރިޒަމް ސެކްޓަރގެ އިތުރުން ބަޖެޓު ހޮޓެލްސް، ގެސްޓް ހައުސާއި ކްރޫޒް ސަފާރީ އިންޑަސްޓްރީގެ ފަރާތްތަކުން މި އެގްޒިބިޝަނުގައި އެފަރާތްތަކުގެ ޕްރޮޑަކްޓްތައް ދައްކާލާނެ އެވެ.
ކޮންމެ އަހަރަކު ވެސް ހޮޓެލް އޭޝިއާ އެގްޒިބިޝަންގެ ހަވާސާގައި ބައިނަލްއަގުވާމީ ކަލިނަރީ ޗެލެންޖެއް ކުރިޔަށް ގެންދާ އިރު، މި އަހަރު ވެސް މި މުބާރާތް ކުރިޔަށް ދާނެ އެވެ.
މިދިޔަ އަހަރު ބޭއްވި ހޮޓެލް އޭޝިއާ އެގްޒިބިޝަން 2015 ގެ ތެރެއިން -- ސަން ފޮޓޯ/ފަޔާޒު މޫސާ
މި އަހަރުގެ ކަލިނަރީ ޗެލެންޖުގައި 60 ރިސޯޓަކުން 475 އެންޓްރީއެއް ހުށަހަޅާފައިވާ ކަމަށް ހަރަކާތް އިންތިޒާމުކުރާ ފަރާތުން ބުނެ އެވެ. އެންޓްރީތައް ބަލައި ޖަޖު ކުރުމަށް 16 ޝެފުން ހިމެނޭ ބައިނަލްއަގުވާމީ ޕެނަލެއް ވަނީ ނަގާފަ އެވެ. އެ ޕެނަލްގައި ސްވިޓްޒަލެންޑް، ސިންގަޕޫރު، ޔޫއޭއީ، ޓައިވާން، ދެކުނު އެފްރިކާ، ޖަރުމަނު، ސްރީލަންކާ އަދި މިސްރު ފަދަ ގައުމުތަކުން ޖަޖުން ބައިވެރިވެ އެވެ.
މީގެ އިތުރުން، ހޮޓެލް އޭޝިއާ އެގްޒިބިޝަންގެ ތެރެއިން އެކި ދާއިރާތަކުގެ ވޯކްޝޮޕްތައް ވެސް އެތަނުގައި ކުރިޔަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ވޯކްޝޮޕްތަކާއި ސެމިނާތައް ބާއްވާ ދާއިރާތަކުގެ ތެރޭގައި ފުޑް ސޭފްޓީ، އިންޖިނިއަރިން، ހައުސްކީޕިން، ހެލްތު އެންޑް ސްޕާ އަދި އިންވެސްޓްމެންޓް ފަދަ ކަންކަން ހިމެނެ އެވެ.
ހޮޓެލް އޭޝިއާ އެގްޒިބިޝަނަކީ ސަރަހައްދީ ހަރަކާތަކަށް ވުރެ ބޮޑަށް، ބައިނަލްއަގުވާމީ ވިޔަފާރީގެ އެރީނާއެކެވެ. މި މައުރަޒަކީ ކޮންމެ އަހަރަކު ވެސް ދޫކުރާ ޖާގަތައް ފުރޭ މައުރަޒެއް ކަމަށް މައުރަޒު އިންތިޒާމު ކުރާ ފަރާތުން ބުނާ އިރު، މައުލޫމާތު ލިބޭ ގޮތުގައި މައުރަޒުގައި ބައިވެރިވުމަށް އެދި ވެއިޓިން ލިސްޓުގައި ގިނަ ކުންފުނިތަކެއް ވެ އެވެ.