"ގަސްތުގައި މީހަކު މެރުމުގެ ކުށަ ތަހުގީގު ކުރުމާއި އެކުށުގެ އަަދަބު ތަންފީޒު ކުރުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދު" ރަނގަޅު ކަމަށާއި އެ ގަވާއިދުން ގާނޫނު އަސާސީގެ 21 ވަނަ މާއްދާގައިވާ ހައްގެއް ނިގުޅައި ނުގަންނަ ކަމަށް ދައުލަތުން ބުނެފި އެވެ.

އެ ގަވާއިދުގެ އަށަކުން 17 ވަަނަ މާއްދާއާ ހަމައަށް ހުރި މާއްދާތައް ގާނޫނު އަސާސީގެ 21 ވަނަ މާއްދާއާ ހިލާފުކަމަށް ބުނެ އެ މާއްދާތައް ބާތިލުކޮށް ދިނުމަށް އެދި ހައިކޯޓަށް މައްސަލަ ހުށަހެޅީ މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކްގެ ފަރާތުންނެވެ. އެ މައްސަލާގައި މިއަދު އޮތް އަޑުއެހުމުގައި މައްސަލަ ހުށަހަޅުއްވަމުން އެމްޑީއެންގެ ފަރާތުން ވަކީލު ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ މަރުގެ އަދަބު ތަންފީޒުކުރުމަށް ގަވާއިދު ހަދާފައި ވަނީ ފުލުހުންގެ ގާނޫނާއި ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ކަމަށެވެ.

ނަމަވެސް އެއިން އެއްވެސް ގާނޫނެއްގައި މަރުގެ އަދަބު ދިނުމާ ބެހޭ ވާހަކައެއް ހިމަނާފައި ނުވާ ކަމަށެވެ.

އެމްޑީއެންއިން ހުށަހެޅުއްވި މައްސަލަ އަށް ޖަވާބު ދާރީވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ގަސްތުގައި މީހަކު މެރުމުގެ ކުށަށް ތަހުގީގު ކުރުމާއި އެ ކުށުގެ އަަދަބު ތަންފީޒު ކުރުމުގައި އަމަލު ކުރަންވީ ގޮތުގެ ގަވާއިދު ބާތިލު ކުރަން ޖެހޭ ގާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށެވެ.

ގަވާއިދު އެކުލަވާލާފައި ވަނީ ރައްޔިތުންގެ މަޖިލީހުން ބާރު ލިބިދޭ ގާނޫނެއްގެ ދަށުން ކަމަށާއި ގަވާއިދުގައި އަދަބު ދިނުމާ ބެހޭ އެއްވެެސް އުސޫލެއް ހިމަނާފައި ނުވާނެ ކަަމަށް ދައުލަތުން ބުންޏެވެ. އަދި އެ ގަވާއިދަކީ މަރުގެ އަދަބު ތަންފީޒު ކުރާނެ ގޮތުގެ މައްޗަށް އެކުލެވޭ ނުކުތާތަކެއް ހިމެނޭ ގަވާއިދެއް ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނާއި ފުލުހުންގެ ގާނޫނުގެ ދަށުން ގަވާއިދު އެކުލަވާލާފައި ވަނީ މަރުގެ ކުށް ތަހުގީގު ކުރަނީ ފުލުހުން ކަމަށް ވުމާއި އަދި ކަނޑައަޅާ ހުކުމެއް ތަންފީޒު ކުރަނީ ކަރެކްޝަނަލް ސާވިސްއިން ކަމަށް ވާތީ ކަމަށް ދައުލަތުން ބުންޏެވެ.

އަވަށްޓެރި އިންޑިއާ އަދި މެލޭޝިއާގައި ވެސް މަރުގެ އަދަބު ތަންފީޒު ކުރަނީ ޖަލުތަކާއި ބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދެއްގެ ދަށުންކަން ފާހަގަކޮށް ދައުލަތުގެ ވަކީލާ ވިދާޅުވީ ރާއްޖޭގައި ވެސް ގަވާއިދު އެކުލަވާލާފައިވަނީ އެހެނިހެން މިނިވަން ދިމިގްރާތީ ގައުމުތަކުގައި ވެސް އަމަލުކުރާ ގޮތްތަކަށް ބަލައިގެން ކަމަށެވެ.

މައްސަލަ ނިމެންދެން މަރުގެ އަދަބު ތަންފީޒު ކުރުން ފަސްކުރުމަށް އެމްޑީއެންގެ ފަރާތުން އެދުނު ނަމަވެސް އެގޮތަށް އެކަން ކުރަންޖެހޭ ގާނޫނީ އެއްވެސް އަސާސެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ. އަދި މަރުގެ އަދަބު ތަންފީޒު ކުރުމުގެ ވަގުތީ އަމުރެއް ނެރެއްޖެ ނަމަ މިހާރު މަރުގެ އަދަބު ތަންފީޒު ކުރަން ކުރަމުންދާ މަސައްކަތް ހުއްޓާލަން ޖެހޭނެތީ އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލަމުން މައްސަލަ ބެއްލެވި ބެންޗުގެ އިސް ފަނޑިޔާރު އަލީ ސަމީރު ވިދާޅުވީ މައްސަލާގައި އިތުރު ކަމެއް ސާފު ކުރަން ނެތް ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށެވެ.

ރާއްޖޭގެ މަރުގެ އަދަބު ތަންފީޒު ކުރުން ފަސް ކުރުމަށް މިއަދު ބޭއްވި އަޑުއެހުމަށްފަހު ހަައި ކޯޓުން ވަނީ ނެރެފަ އެވެ.