24 May 2011, 12:54
ޝަރުއީ ކޯޓުތައް ހިމެނޭ ސަރަހައްދުގައި އެއްވެ އުޅުމަކީ މަނާ ކަމެއް ކަމަށްވާ އިރު އެ ސަރަހައްދުތަކުގައި އެއްވެ އުޅުމުގެ ފުރުސަތު ނުދިނުމަށް ސަލާމަތީ ބާރުތަކަށް ހައި ކޯޓުން ގޮވާލައިފި އެވެ.
ހައި ކޯޓުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ އިއްޔެ އެ ކޯޓު ކައިރިއަށް ބަޔަކު އެއްވެ، އަޑުގަދަކޮށް މުޒާހަރާކޮށްފައިވާތީ އެ ކޮޓުގެ މަސައްކަތްތަކަށް ބުރޫއަރައި ޝަރީއަތަށް ހާޒިރު ކުރި މީހުންނާއި މުވައްޒަފުންނަށް އުނދަގޫތަކާ ކުރިމަތިވި ކަމަށެވެ. އަދި ހައި ކޯޓަށް ވަންނަން އައި މާބަނޑު އަންހެނަކު ކޯޓުގެ ދަގަނޑު ގޭޓާއި މުޒާހަރާ ކުރާ މީހުންނާ ދެމެދު ފިތުމުގެ ސަބަބުން އަނިޔާތަކެއް ވެފައިވާ ކަމަށް ވެސް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"މުޒާހަރާ ކުރި މީހުންގެ ސަބަބުން ހައިކޯޓަށް ވަންނަން އައި މާބަނޑު އަންހެން މުވައްޒަފަކު ހައިކޯޓްގެ ދަގަނޑު ގޭޓާއި މުޒާހަރާކުރާ މީހުންނާ ދެމެދު ތާށިވުމުގެ ސަބަބުން އަނިޔާތަކެއްވަނީ ލިބިފައި،" ހައި ކޯޓުގެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ ކޯޓުތައް ހިމެނޭ ސަރަހައްދުތަކުގައި އެއްވެ އުޅުމަކީ މަނާ ކަމެއް ކަމުން އެފަދަ އެއްވުންތަކާއި މުޒާހަރާތަކަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށެވެ. އަދި އެފަދަ ކަންކަން ނުކުރުމަށް ރައްޔިތުންނަށް ކޯޓުން އިލްތިމާސް ކޮށްފައިވާއިރު ސަލާމަތީ ބާރުތަކަށް އެ ބަޔާނުގައި ގޮވާލާފައި ވަނީ އެފަދަ ފުރުސަތު އެއްވެސް ފަރާތަކަށް ނުދިނުމަށެވެ.
ކުރީގެ ސަރުކާރުގައި ޖަލުތަކުގައި ގައިދީންނަށް އަނިޔާ ކޮށްފައިވާ ކަމަށް ބުނާ މައްސަލަތަކަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ސަންދޯކަކާއި ބޯޑުތައް ހިފައިގެން ޖަސްޓިސް އިމާރާތާއި ހައި ކޯޓު ކުރިމަތީގައި ބަޔަކު އިއްޔެ މެންދުރު މުޒާހަރާކޮށްފައިވެ އެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ވެރިކަން ކުރާ އެމްޑީޕީގެ ހަރަކާތްތަކުގައި ވެސް ބައިވެރިވާ އެ ޕާޓީގެ އެކްޓިވިސްޓުންނެވެ.