މިއުނިކް (ޖުލައި 24): ޖަރުމަނުވިލާތުގެ މިއުނިކުގެ ޝޮޕިން މޯލެއްގައި ބަޑިން ހަމަލާދީ ނުވަ މީހަކު މަރާލި 18 އަހަރުގެ ޒުވާނައާ އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުމެއް ނެތް ކަމަށް ޖަރުމަނުގެ ފުލުހުން ބުނެފި އެވެ.

ޑޭވިޑް އަލީ ސޮންބޮލީ ކިޔާ އެ ޒުވާނާއަކީ މީހުން މެރުމުގެ ހާދިސާތަށް ދިރާސާކޮށް އެފަދަ ކަންކަމާ ވަރަށް ގަޔާވާ ޒުވާނެއް ކަމަށް ޖަރުމަނުގެ ފުލުހުން ބުންޏެވެ. އީރާނާއި ޖަރުމަނުގެ ރަށްވެހިކަން އޮންނަ އެ ޒުވާނާ އަށް އޭނާގެ ސްކޫލު ކުދިން ވަރަށް ބޮޑަށް ހަނގާ ކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން އޭނާ ވަނީ ސައިކޭޓްރިކް އެހީ ހޯދާފައި ކަމަށް ފުލުހުން ބުންޏެވެ.

މިއުނިކުގެ އޮލިމްޕިއާ ޝޮޕިން މޯލްއަށް އެ ޒުވާނާ ދިން ހަމަލާގައި މަރުވި ނުވަ މީހުންގެ ތެރެއިން ހަތް ކުދިންނަކީ ފުރާވަރު އުމުރުގެ ކުދިންނެވެ. ފުލުހުން މިހާރު ދަނީ އެ ކުދިން ޝޮޕިން މޯލް ކައިރިއަށް ދާން ދައުވަތު ދިނީ ސޮންބޮލީ ކަމަށް ބުނާ ބުނުން ތަހުގީގު ކުރަމުންނެވެ.

އަދި އެޒުވާނާ ވަނީ ނޯވޭގައި 2011 ވަނަ އަހަރު 77 މީހަކު މަރާލި އަންދްރޭސް ބްރައިވިކް އާއި ޖަރުމަނުގެ ސްކޫލެއްގައި 2009 ވަނަ އަހަރު 15 މީހަކު މަރާލުމަށް ފަހު އަމިއްލައަށް މަރުވި ޓިމް ކްރެޝްމާ ފަދަ ކުށްވެރިން ދިރާސާކޮށްފައި ކަމަށް ފުލުހުން ބުންޏެވެ. ސޮންބޮލީ އޭނާގެ ހަމަލާ ދީފައި ވަނީ ބްރައިވިކްގެ ހަމަލާއަށް ފަސް އަހަރު ފުރުނު ދުވަހެވެ. އެ ހަމަލާ ދިނުމަށް ފަހު އޭނާ ވަނީ އަމިއްލައަށް މަރުވެފަ އެވެ. (ބީބީސީ)