މިދިޔަ ހުކުރު ދުވަހުގެ ރޭ މަރާލައި ވިލިމާލޭގައި ކިރު ދަޅަކަށްލައި އެއްލާލާފައި އޮއްވައި ފެނުނު ތުއްތު ފިރިހެން ކުއްޖާގެ މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި ތިން މީހުންގެ ތެރެއިން ކުއްޖާގެ މަންމަ ކަމަށް ތުހުމަތު ކުރާ އަންހެން މީހާ ފިޔަވައި ދެން ތިބި ދެ މީހުން ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭގެ ވަގުތެއްގައި އެ ދެ މީހުން ގޭ ބަންދަށް ބަދަލު ކުރީ ހައްޔަރު ކުރި 18 އަހަރުގެ އަންހެން ކުއްޖާ އަކީ ބަނޑު ބޮޑު މީހަކަށް ވާތީ އާއި އަދި ކުޑަ ކުއްޖާ ވިއްސުމުގައި އެހީތެރިވި ކަމަށް ތުހުމަތު ކުރާ ކ. ހުރާ ސަކީނާ މަންޒިލް ފާތުމަތު އާނިޔާ 24، އަކީ ކުޑަކުއްޖަކު ބަލާ މީހަކަށް ވެފައި އޭނާ ތަހުގީގަށް އެއްބާރުލުން ދެމުން ގެންދާތީ ކަމަށެވެ.

ހަ މަހުގެ ތުއްތު ފިރިހެން ކުއްޖާ ވިހެއި ކަމަށް ތުހުމަތު ކުރާ ކުއްޖާގެ މަންމަ ނ. މަނަދޫ ފިނޮޅު، އައިމިނަތު ޝާއިރާ 30، އަދިވެސް ހުރީ ފުލުހުންގެ ހައްޔަރުގަ އެވެ. ޝާއިރާ އާއި އާނިޔާ އާ ދެމީހުން މާލޭގައި އުޅެމުން ދަނީ މ. ގޯލްޑަންލީފް ކިޔާ ގެއެއްގައި ކަމަށް ފުލުހުން ބުންޏެވެ. އަދި ތުއްތު ކުއްޖާގެ މަރުގެ މައްސަލައިގައި 18 އަހަރުގެ އަންހެން މީހާ ހައްޔަރު ކޮށްފައި ވަނީ އިއްޔެރޭގެ ވަގުތެއްގަ އެވެ.

ފުލުހުން ބުނެފައި ވަނީ ތުއްތު ކުއްޖާ މަރުވިތާ ދެ ދުވަސް ފަހުން ޝާއިރާ ހައްޔަރުކޮށް ސުވާލު ކުރުމުން ދެ ދުވަހެއް ކުރިން ވިހެއި ކަމަށް ތަހުގީގު ގައި ޝާއިރާ ބުނެފައިވާ ކަމަށެވެ. އަދި ދަރިފުޅު ކޮބައިތޯ ސުވާލު ކުރުމުން ދަރިފުޅުވީ ތަނެއް ނޭނގޭ ކަމަށް އޭނާ ބުނެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ވިހާފައި އެއްލާލާފައި އޮއްވައި ފެނުނު ހަތަރު ކުއްޖެއްގެ މައްސަލަ ފުލުހުން އަންނަނީ ވަރަށް ސީރިއަސްކޮށް ބަލަމުންނެވެ.