24 Jul 2016, 13:05
އަންގާރަ ދުވަހު ފާހަގަ ކުރާ ރާއްޖޭގެ 51 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި އެއްވެސް ބޭރު ގައުމެއްގެ އެންމެ އިސްވެރިއަކު ބައިވެރި ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް މިދިޔަ އަހަރު ބޭއްވި ރަސްމިއްޔާތުގައި ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ ބައިވެރިވެވަޑައިގެންނެވި އެވެ.
ައަދި މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމިއްޔާތުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ބައިވެރިވެވަޑައިގަންނަވާނެ ކަމުގެ އަޑުތައް ފެތުރުނެވެ. މި ވާހަކަ ސަރުކަރުގެ ބައެއް ބޭފުޅުން ނަން ހާމަ ނުކުރައްވައި، ބައެއް މީޑިއާތަކާ ހިއްސާ ވެސް ކުރައްވާފައި ވެ އެވެ.
އެހެން ނަމަވެސް މިއަދު ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓުވީޓެެއްގައި ވިދާޅުވީ މިނިވަން ދުވަހުގެ މި އަހަރުގެ ރަސްމިއްޔާތުގައި އެއްވެސް ގައުމެއްގެ އެންމެ އިސް ވެރިއަކު ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށާއި ނަމަވެސް ދުނިޔޭގެ ގިނަ ގައުމުތަކެއް ތަމްސީލު ކުރައްވާ ޚާއްސަ މަންދޫބުންނާއި އެކި ފަންތީގެ ވެރީން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް މި އަހަރުގެ މެއި މަހު ވަނީ ހިތުގެ ބައްޔަކަށް ފަރުވާ ހޯދެއްވުމަށް އޯޕަން ހާޓް ސާޖަރީއެއް ހައްދަވައިފަ އެވެ.
މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ އެވެ. މިދިޔަ އަހަރުގެ މިނިވަން 50 ގެ ރަސްމިއްޔާތު ބޭއްވީ އުސްފަސްގަނޑުގަ އެވެ. އަދި އެއަށް ފަހު އޮތީ ދަރުބާރުގޭގަ އެވެ.
ސަރުކާރުން ނިންމާފައި ވަނީ މިނިވަން ދުވަހާ ގުޅުވައިގެން 26 އަދި 27 ޖުލައި ވާ އަންގާރަ އަދި ބުދަ ދުވަހު ސަރުކާރު ރަސްމީކޮށް ބަންދު ވާތީ، 28 ޖުލައި ވާ ބުރާސްފަތި ދުވަސް ވެސް ރަސްމީ ހެދުމަށެވެ. އަދި އެ ދުވަހުގެ ބަދަލުގައި ބަންދު ދުވަހެއްގައި މަސައްކަތް ކުރަން ނުޖެހޭނެ ކަމަށް ރައީސް އޮފީހުން ބުނެފައި ވެ އެވެ.