24 Jul 2016, 12:52
ބ. އަތޮޅާއި އދ. އަތޮޅުގެ ބައެއް ރަށްތައް ވަރުވާ އަށް ދޫކުރަން ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ސަރުކާރުގެ ގެޒެޓުގައި މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އދ. އަތޮޅު ހިޔަފުއްޓާއި އާފިނޮޅުގެ އިތުރުން ހަމަ އެ އަތޮޅު ކުޑަދޫ ވަރުވާ އަށް ދޫކުރަން އެ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ. އަދި ބުނީ ބ. އަތޮޅު ވެޔޮފުށްޓާއި އެ އަތޮޅު ހިރުންދޫ ވެސް ވަރުވާއަށް ދޫކުރުމަށް އެ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.
ފިޝަރީޒުން ބުނީ މިއަދުން ފެށިގެން އަންނަ މަހުގެ 15ގެ ނިޔަލަށް ބިޑުފޯމް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. ބިޑު ފޯމެއްގެ އަގަކީ 20 ރުފިޔާ އެވެ.
ވަރުވާ އަށް ރަށެއް އެންމެ ގިނަވެގެން ވެސް ދޫކުރާނީ 10 އަހަރަށެވެ.
ވަރުވާ އަށް ރަށެއް ދޫކުރެވޭނީ ދައުލަތުގެ ބޭނުމަށް ކަނޑައަޅާފައިވާ ފަޅުރަށާއި ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށްރަށް ފިޔަވައި ފިޝަރީޒް މިނިސްޓްރީގެ ހަވާލުގައި ހުންނަ ފަޅުރަށްތަކުގެ ތެރެއިން ވަރުވާއަށް ދޫކުރުމަށް އެ މިނިސްޓްރީން ކަނޑައަޅާފައިވާ ރަށްތަކެވެ.