24 Jul 2016, 12:20
ކާރިސާތަކުގައި ގެއްލުން ލިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރާ ގުޅިގެން ގައުމީ ބޭންކުން އެފަދަ ފަރާތްތަކަށް ޚާއްސަ ލޯނު ސުކީމެއް ތައާރަފު ކޮށްފި އެވެ.
ބީއެމްއެލް އިން މިއަދު ތައާރަފުކުރި "ޑިޒާސްޓާ ރިލީފް ލޯން" އަކީ ސަރުކާރާއި ބީއެމްއެލްއާ ގުޅިގެން ތައާރަފު ކުރި ލޯނެކެވެ. މި ލޯނު ތައާރަފު ކުރުމުގެ އެއްބަސްވުމުގައި ބީއެމްއެލްއާއި ސަރުކާރާ ދެމެދު މިއަދު ވަނީ ސޮއި ކޮށްފަ އެވެ.
ބީއެމްއެލްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި، އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ބީއެމްއެލްގެ ރީޓެއިލް ބޭންކިންގް ޑިރެކްޓަރު މުހައްމަދު ޝަރީފެވެ.

ބީއެމްއެލް ޑިޒާސްޓާ ރިލީފް ލޯނު އިފްތިތާހު ކުރުމަށް ބެއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ މާހިލް މުހައްމަދު
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ އެ ލޯނު ތައާރަފު ކުރުމަށް ސަރުކާރުން ނިންމީ، ކާރިސާތަކުގައި ގެއްލުން ލިބޭ އާންމުންނަށް ސަރުކާރުގެ ފަރާތުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން ދިޔަ ނަމަވެސް އޭގެ ފުރިހަމަ ނަފާ ނުލިބޭކަން ފާހަގަ ކުރެވޭތީ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރެއްވި މަސައްކަތުގެ ދަށުން ޑިސާޒްޓާ މެނޭޖުމެންޓް ސެންޓަރުގެ ޚާއްސަ އިސްނެގުމެއްގެ ނަތީޖާއެއްގެ ގޮތުން ބީއެމްއެލްއާ އެކު ސޮއި ކުރެވިގެން މި ދިޔައީ،" މިނިސްޓަރު ވިދާޅުވި އެވެ.
ކާރިސާއެއް ދިމާވުމުން ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް ސެންޓަރުން އެ ލިބުނު ގެއްލުމެއްގެ ބޮޑު ކުޑަމިން ބެލުމަށް އެ ގެއްލުމެއް އެސެސް ކުރެ އެވެ. އަދި ލިބުނު ގެއްލުމުގެ ގާތްގަނޑަކަށް 40 ޕަސަންޓް ފައިސާ ސަރުކާރުގެ ފަރާތުން ބަދަލުގެ ގޮތުގައިދެ އެވެ.
ގުދުރަތީ ކާރިސާއެއް ނުވަތަ އިންސާނުންގެ ސަބަބުން ވެސް ކުރިމަތިވާ ހާދިސާއެއްގެ ސަބަބުން ބޮޑު ގެއްލުމެއް ލިބޭ ފަރާތްތަކަށް ޚާއްސަކޮށްގެން ދޫކުރާ މި ލޯނު ނެގުމަށް ޝަރުތު ހަމަވާނީ، އެންޑީއެމްސީ އިން އެހީގެ ފައިސާ ދޭ ފަރާތްތަކަށެވެ.
"ގެއްލުނު ލިބުނު ކަމަށް، ނުވަތަ ލިބުނު ގެއްލުމުގެ މައްޗަށް ބިނާކޮށް އެންޑީއެމްސީން އެހީތެރިކަމެއް ލިބިފައިވާ ނަމަ އެ ލޯނު ލިބޭނެ،" ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ޑިޒާސްޓާ މެނޭޖުމެންޓު ހިންގަވާ ޑެޕިއުޓީ މިނިސްޓަރު ފާތިމަރު ތަސްނީމް -- ސަން ފޮޓޯ/ މާޙިލް މުހައްމަދު
ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް ސެންޓަރު ހިންގަވާ، ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ތަސްނީމު ވިދާޅުވީ އެ ސެންޓަރުން ކާރިސާއެއް ކަމުގައި ގަބޫލުކޮށް އެހީތެރިކަން ފޯރުކޮށްދީފި ނަމަ ލޯނު ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި އަލިފާނުގެ ހާދިސާ، ފެންބޮޑުވުން، ވައިގަދަ ވެގެން ހާދިސާތައް
"ސަރުކާރުން، އެއީ ކާރިސާއެއްކަން ދެނެގަނެ އެއަށް ހަދަންޖެހޭ އެސެސްމެންޓް ހަދައި، ސަރުކާރުން ދޭން ޖެހޭ އެހީތެރިކަމެއް އެބަޔަކަށް ލިބިފައިވާ ފަރާތްތަކަކަށް މި ލޯނަށް އެޕްލައި ކުރުމުގެ ފުރުސަތު އޮންނާނީ. އެ ހާދިސާއަކަށް ވުރެ ބޮޑަށް މިކަމުގައި ބެލެވޭނީ ސަރުކަރުން އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާ ނިންމުން،" ތަސްނީމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މި ލޯނު ދޫކުރުން، ކާރިސާއެއްގެ ސަބަބުން ވިޔަފާރިތަކަށް ލިބޭ ގެއްލުމަކަށް އެހީތެރިވާން ދޫކުރުމަށް އިސްތިސްނާވާ ކަމަށެވެ.
"ސަރުކާރުން ކާރިސާގެ ބަދަލުގައި އެހީތެރިކަން ފޯރުކޮށްދެނީ އާންމު ރައްޔިތުންނަށް ލިބޭ ގެއްލުމަށް. ދިރިއުޅެމުންދާ ގޯތި ގެދޮރަށް ލިބޭ ގެއްލުމަށް އެހީތެރިކަން މި ދެނީ. މިއަށް އެޕްލައި ކުރުމަށް ކޮލިފައި ވާނީ ވެސް އާންމުންނަށް،" ތަސްނީމް ވިދާޅުވި އެވެ.

ބީއެމްއެލްގެ ރީޓެއިލް ބޭންކިންގް ޑިރެކްޓަރ މުހައްމަދު ޝަރީފް -- ސަން ފޮޓޯ/ މާހިލް މުހައްމަދި
މި ލޯނާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ރީޓެއިލް ބޭންކިންގް ޑިރެކްޓަރު ވިދާޅުވީ މި ލޯނު ދޫކުރާނީ ބޭންކުގައި އެ އިރެއްގައި އޮތް އެންމެ ދަށް އިންޓެރެސްޓް ރޭޓެއްގައި ކަމަށެވެ. މިވަގުތު ބޭންކުގެ އެންމެ ދަށް އިންޓެރެސްޓް ރޭޓަކީ ނުވަ ޕަސަންޓެވެ. އިންޓެރެސްޓުގެ ބޭސް ރޭޓު ދަށް ވެއްޖެ ނަމަ މި ލޯނުގެ އިންޓެރެސްޓް ރޭޓަށް ވެސް ބަދަލު އަންނާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް ޑިޒާސްޓާ ރިލީފް ލޯނު
- ދެވޭނީ ކާރިސާތަކުގައި ގެއްލުން ލިބޭ ފަރާތްތަކަށް ދިރިއުޅުން އާރާސްތު ކުރުމަށް.
- ލޯނު ލިބޭނީ ސަރުކާރުން ކާރިސާއެއް ކަމަށް ގަބޫލުކޮށް، ފައިސާގެ އެހީ ދޭ ފަރާތްތަކަށް އެކަނި.
- ލޯނުގެ ގޮތުގައި ބޭންކުން ދޭނީ ޚަރަދުގެ 60 ޕަސަންޓް ފައިސާ.
- 510،000 ރުފިޔާއާ ހަމައަށް ފައިސާ، ލޯނުގެ ގޮތުގައި ދޫކުރާނެ.
- އެއް އަހަރުގެ ގްރޭސް ޕީރިއަޑެއް ލިބޭނެ.
- ލޯނު ދޫކުރެވޭނީ ބޭންކުގެ ބޭސް ރޭޓުގައި. މިވަގުތު ބޭސް ރޭޓަކީ ނުވަ ޕަސަންޓު.
- ލޯނު އަނބުރާ ދެއްކުމަށް 15 އަހަރު ދުވަސް ލިބޭނެ.