އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީ އޭނާ މިހާރު ހޭދަކުރަމުންދާ ޗުއްޓީ ކުރުކޮށްލުމަށްފަހު، ބާސެލޯނާއިން އިނގިރޭސިވިލާތަށް ކުރަން ތައްޔާރުވެފައިވާ އެއް ހަފްތާގެ ޕްރިސީޒަން ފަރިތަކުރުންތަކުގައި ބައިވެރިވާން ނިންމާފައިވާ ކަމަށް އެ ކްލަބުން ބުނެފިއެވެ.

ކުރިން ހަމަޖެހިފައި އޮތްގޮތުން، އިނގިރޭސިވިލާތުގެ އެސްޓީ ޖޯޖްސް ޕާކުގައި ބާސާއިން ކުރިއަށް ގެންދަން ރާވާފައިވާ ޕްރިސީޒަން ޓްރެއިނިންތަކުގައި މެސީއަށް ބައިވެރިއެއް ނުވެވޭނެއެވެ. ސަބަބަކީ، ކޮޕާ އެމެރިކާގެ ފައިނަލަށް އާޖެންޓީނާ ދަތުރުކުރުމާ ގުޅިގެން މެސީގެ ޗުއްޓީ އިތުރުކޮށްފައި ވާތީއެވެ.

އެހެންނަމަވެސް ސްޕެއިންގެ ޗެމްޕިއަން ބާސާއިން އާންމުކުރި ބަޔާނެއްގައި ޔަގީންކޮށްދީފައި ވަނީ، މެސީއާއި އަދި ތުރުކީގެ ކެޕްޓަން އަރްދާ ތުރާންވެސް ބާސާއާއެކު އިނގިރޭސިވިލާތަށް ދަތުރުކުރާނޭ ކަމަށެވެ.

ބާސާއާއެކު އިންގްލެންޑަށް ދަތުރުކުރާ، ބާސާގެ ފުރަތަމަ 11ގައި ހިމެނޭ ކުޅުންތެރީންގެ ތެރޭގައި، ޖޯޑީ މެސިޕް، ލުއިސް ސުއަރޭޒް، މުނީރު އަލް ހައްދާދީ، ސާރޖީ ރޮބާޓޯ، އެޑްރިއާނޯ، ވިޑާލް، ޖެރެމީ މަތިއު، ޑެނިސް ސުއަރޭޒް، ސަރޖީ ސެމްޕަރ، ކްރިސްޓިއަން ޓެލޯ، އަދި މާޓިން މޮންޓޮޔާ ހިމެނެއެވެ.

މީގެ އިތުރުން އަޔަލޭންޑްގެ ޑުބްލިންގައި އޮންނަ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި ޖުލައި 30ގައި ސެލްޓިކާ ދެކޮޅަށް ބާސާޓީމާއެކު ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރީންވެސް ބައިވެރިވާނޭ ކަމަށް އެ ކްލަބުން ބުނެއެވެ.