24 May 2011, 12:14
ޓްރިޕޮލީ : ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ ރިޔާސީ އެކުވެނި ކަމަށްވާ ބާބުލްޢަޒީޒިއްޔާގެ ޢިމާރާތްތަކަށް ނޭޓޯގެ މަތިންދާބޯޓުތަކުން މިއަދު ހެނދުނު ވަރަށް ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ.
އެސޯސިއޭޓެޑް ޕްރެސް ބުނިގޮތުގައި މިއީ ބާބުލްއަޒީޒިއްޔާ ކޭންޕަށް ނޭޓޯއިން މިހާތަނަށް ދިން އެންމެ ވަރުގަދަ ޙަމަލާތަކެވެ. ބައިގަޑީއިރަށް ދިގުދެމިގެންދިޔަ މިޙަމަލާތަކުގައި ނޭޓޯގެ ޢަސްކަރީބޯޓުތަކުން 20 ފަހަރު ބޮންއަޅާފައިވާ ކަމަށާއި ބޮންއެޅި ޢިމާރާތްތަކުގައި އަލިފާންރޯވެ ދުންތައް އަރަމުންދާކަމުގައެވެ.
ލީބިޔާ ސަރުކާރުގެ ތަރްޖަމާން މޫސާ އިބްރާހީމް ދާދިދެންމެއަކު ދެއްވި ބަޔާނެއްގައި ވިދާޅުވީ ބާބުލްޢަޒީޒިއްޔާއަށް މިއަދު ހެނދުނު ނޭޓޯ ދިން ޙަމަލާތަކުގައި 3 މީހަކު މަރުވެ 150 މީހުން ޒަޚަމްވެފައިވާ ކަމަށާއި މީގެތެރެއިން ގިނަމީހުންނަކީ އެސަރަހައްދުގެ ވަށައިގެންވާ ތަންތަނުގައި ދިރިއުޅޭ ލީބިޔާގެ ޢާންމުން ކަމުގައެވެ.
ނޭޓޯއިންވަނީ ގައްޒާފީގެ ރިޔާސީ އެކުވެންޏަށާއި އޭނާގެ ބާރުތަކަށް ދޭ ޙަމަލާތައް ވަރުގަދަ ކުރާނެ ކަމަށް ދާދިފަހުން ބުނެފައެވެ. ނޭޓޯއިން ލީބިޔާއަށްދޭ ޙަމަލާތައް ވަރުގަދަ ކުރުމަށްޓަކައި ޢަސްކަރީ ހެލިކޮޕްޓަރުތައް ބޭނުންކުރުމަށް ފަރަންސޭސިވިލާތުންވަނީ ހުށަހަޅާފައެވެ. ނަމަވެސް ނޭޓޯއިން މިކަން ޤަބޫލުކުރިކަން ނުވަތަ ނޫންކަން އަދި ކަށަވަރެއް ނުވެއެވެ.
ފަރަންސޭސިވިލާތުންވަނީ އެޤައުމުގެ މަތިންދާބޯޓު އުފުލާ މަނަވަރެއް ކަމަށްވާ "ޓުނީރު" ޢަސްކަރީ 12 ހެލިކޮޕްޓަރާއެކު ލީބިޔާގެ ކަނޑުގެ އައްސޭރިފަށުގެ ކައިރިއަށް ފޮނުވާފައެވެ. މިއީ ނޭޓޯގެ އެއްގަމު ސިފައިން ލީބިޔާއަށް އެރުމަށް މަގުފަހިކުރުމުގެ ޢަމަލެއް ކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
ނޭޓޯއިން ގައްޒާފީގެ ބާރުތައް ބަލިކުރުމަށްޓަކައި ކުރަމުން ގެންދާ މަސައްކަތް ދިގުލައިގެން ދިޔަނަމަވެސް ގައްޒާފީގެ ބާރުތައް އަދިވެސް ބަލިކުރެވިފައެއް ނުވެއެވެ. އަދި ގައްޒާފީގެ ކޮންޓްރޯލްގެ ދަށުގައިވާ ރައްތަކުން އޭނާގެ ކޮންޓްރޯލް ގެއްލިފައެއްވެސް ނުވެއެވެ. (އަލްޖަޒީރާ)