24 Jul 2016, 11:22
ބަނޑިދޫ ސްކޫލްގައި ޖުމްލަ 27 ޓީޗަރުން ކިޔަވައިދިނުމަށް ވަޒީފާގައި އުޅޭ އިރު، އެއިން 13 ޓީޗަރަކު މިއަދު ވަޒީފާއަށް ނުނިކުންނާތީ އެރަށު ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ބަނޑިދޫ ސްކޫލްގެ ޓީޗަރުން ސްކޫލަށް މިއަދު ނުނިކުންނަނީ އެ ޓީޗަރުން ބްލޮކްމޯޑްގައި ކިޔަވަންޖެހޭ ކޯހެއްގައި ކިޔެވުމަށް ހަފްތާ ބަންދުގައި މާލެއަށް އަންނަން ޖެހޭތީ ކަމަށް "ސަން" އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
ބަނޑިދޫ ސްކޫލްގެ ޕްރިންސިޕަލް އާދަމް ސައީދު މިއަދު "ސަން" އަށް ވިދާޅުވީ އެ ސްކޫލްގެ ޓީޗަރުންގެ ތެރެއިން 11 ޓީޗަރުން ބްލޮކް މޯޑްގައި ކިޔަވަން މާލެއަށް ގޮސްފައި ވާތީ އާއި ދެ ޓީޗަރަކު ބަލިވެގެން ސަލާމުގައި ތިބުމުން ޖުމްލަ 13 ޓީޗަރަކު މިއަދު ވަޒީފާއަށް ނުނިކުންނަ ކަމަށެވެ.
ސައީދު ވިދާޅުވީ، ޓީޗަރުން މަދުވި ނަމަވެސް ރިލީސް ކޮށްގެން މިއަދު ސްކޫލްގެ ސެޝަންތައް ކުރިއަށްގެންދާ ކަމަށެވެ.
ސައީދު ވިދާޅުވީ ދަރިވަރުންގެ ކިޔެވުމަށް ދަތި ނުވާނެގޮތަށް އެކަންކަން ގެންދަން ޓީޗަރުންނަށް އަންގާފައިވާނެ ކަމަށާއި އެޑިއުކޭޝަން މިނިސްޓްރީގައި ވެސް އެގޮތަށް އެކަން ކުރަން އެދިފައިވާނެ ކަމަށެވެ.
"މިހާރު ސަރުކާރުން އެބަގެންދޭ ދެއްތޯ 3000 ޓީޗަރުންގެ ޕްރޮގްރާމް. އޭގައި ބައިވެރިވާން އަޅުގަނޑު އެދުނިން ޓީޗަރުން ގާތުގައި. އޭރުން ރަށުން ބޭރަށް ދާކަށް ނުޖެހޭނެ ދެއްތޯ. ރަށުގަ ތިބެގެން ކިޔެވޭނެ،" ޕްރިންސިޕަލް ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެކަން ބަދަލުކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގައި އެދޭނެ ކަމަށެވެ. އަދި މިއަދު ގެއްލޭ ކްލާސް ހޮނިހިރު ދުވަހު ނަގައިދޭން ޓީޗަރުން އެއްބަސްވާ ކަމަށާއި ނަމަވެސް އެއީ ދަރިވަރުންނަށް އެންމެ އެކަށޭނަ ގޮތް ނޫންކަމަށް ވިދާޅުވި އެވެ.