24 Jul 2016, 11:25
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މި ހަފްތާގައި ނުބޭއްވުމަށް ނިންމައިފި އެވެ.
މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ވިލިފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު "ސަން"އަށް މިއަދު ވިދާޅުވީ، މި ހަފްތާގައި މަޖިލިސް ޖަލްސާއެއް ބޭއްވޭނީ ހަމައެކަނި މާދަމާ ކަމަށެވެ. އަދި ޖުލައި 26އާ ގުޅިގެން ބޮޑު ބަންދެއް ކުރިމަތިވާތީ މި ހަފްތާގެ މަޖިލިސް ޖަލްސާތައް ނުބޭއްވުމަށް ޕީޖީ ގުރޫޕުގައި މަޝްވަރާ ކުރެވިގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ކޮންމެ ހަފްތާއެއްގެ ހޯމަ އަންގާރަ އަދި ބުދަ އެ ތިން ދުވަހު މަޖިލީހުގެ ޖަލްސާތައް ބާއްވަންޖެހެ އެވެ. މިދިޔަ ހަފްތާގައި ބުދަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާ ނިންމާލައްވަމުން ދެން މަޖިލީހުގެ ޖަލްސާއެއް ބާއްވާނެ ތާރީހެއް ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް އަބްދުﷲ މަސީހު އިއުލާނެއް ނުކުރައްވަ އެވެ.
ރައްޔިތުން މަޖިލީހުގެ އަމީނު އާއްމު އަހުމަދު މުހައްމަދު "ސަން"އަށް މިއަދު ވިދާޅުވީ މި ހަފްތާގައި މަޖިލިސް ބާއްވާ ނަމަ މަޖިލިސް ބޭއްވޭނީ އެންމެ ދުވަހެއްގައި ކަމަށެވެ. އަދި ވިދާޅުވީ އެންމެ ފަހުން މަޖިލީހުގެ ޖަލްސާ ބޭއްވި ދުވަހު މަޖިލިސް ދެން ބާއްވާނެ ތާރީހެއް ރިޔާސަތުން ހާމަ ނުކުރައްވާ ކަމަށެވެ.
"އާއްމުކޮށް މަޖިލިސް ނިންމާލައްވަމުން ދެން މަޖިލިސް އޮންނާނެ ތާރީހެއް ރިޔާސަތުން އިއުލާނުކުރައްވާ ދެއްތޯ. އެކަމަކު އެހެނެއްވެސް ރިޔާސަތުން ހާމައެއް ނުކުރައްވާ." އަމީނު އާއްމު ވިދާޅުވި އެވެ.
އެންމެ ފަހުން ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް ރައީސް އަބްދުﷲ ޔާމީނު އައްޔަންކުރެއްވި އަބްދުﷲ ޖިހާދަށް މަޖިލީހުން ރުހުން ދީފަ އެވެ.