މެންޗެސްޓަރ ޔުނައިޓެޑާ އެކު ނުކުން ފުރަތަމަ ސީޒަންގައި ވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ ޕްރިމިއަރ ލީގު ޓްރޮފީ އަނބުރާ އޯލްޑް ޓްރެފަޑަށް ގެންދިއުންކަމަށް އެ ކްލަބުގެ އާ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފިއެވެ.

ޕޯޗުގީޒަށް އުފަން އުމުރުން 53 އަހަރުގެ ކޯޗު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ޔުނައިޓެޑާ ގުޅިފައިވާއިރު އޭނާ ވަނީ، އެ ކްލަބާ އެކު ކާމިޔާބީއާ ހަމައަށް ވާސިލްވުމަށް ބޭނުންވާ ވަރުގެ ވަރުގަދަ ސްކޮޑެއް މިހާރުވެސް އެކުލަވާލައިފައެވެ. އެގޮތުން މޮރީނިއޯ ޔުނައިޓެޑާ ހަވާލުވުމަށް ފަހު އެ ކްލަބަށް ގެނައި ކުޅުންތެރީންގެ ތެރޭގައި ފޯވާޑް ޒްލަޓަން އިބްރަހިމޮވިޗް، މިޑްފީލްޑަރ ހެންރިކް މިކިތަރިޔާން، އަދި ޑިފެންޑަރ އެރިކް ބެލަމީ ހިމެނެއެވެ.

މޮރީނިއޯ ބުނީ، ކްލަބުގެ ވެރީންނާއި ބޯޑުން އޭނާއަށް ވަކިކަމެއް ހާސިލްކުރާން އެއްވެސް ޕްރެޝަރެއް ނުކުރާ ކަމަށާއި އެހެން ނަމަވެސް، ޕްރިމިއަރ ލީގުގެ ގަދަ ހަތަރެއްގައި ޔުނައިޓެޑް ހިމަނާފައި ނޫނީ އޭނާ ހަމަނޭވާލާން ބޭނުން ނުވާ ކަމަށެވެ.

"ކްލަބުގެ ވެރީންނާއި މރ. ވުޑްވާޑްގެ އަހަންނަށް ދިން މެސެޖަކީ މީ. މި ތިން އަހަރުގެ ތެރޭގައި ޓީމު ރަނގަޅުކޮށް، އަހަރެމެން އަސްލު ތިބެން ޖެހޭ ހިސާބަށް ވާސިލްކޮށްދީ،" ދަ ސަންއަށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުންޏެވެ.

"އަހަރެންގެ މެސެޖަކީ އަހަރެން ބޭނުމީ ފުރަތަމަ ސީޒަންގައި ވެސް ލީގު ކާމިޔާބުކުރުން."

މޮރީނިއޯ ބުނީ، ސީޒަން ފެށޭއިރު، ކްލަބުގެ ޓާގެޓަކީ ގަދަ ހަތަރެއްކަމަށް ކަނޑައެޅުމަކީ ބޭކާރުކަމެއް، ކަމަށާއި އޭނާގެ ޓާގެޓަކީ ޔުނައިޓެޑަށް އޭނާ އިރުޝާދުދޭ ފުރަތަމަ ސީޒަންގައި ވެސް އެ ކްލަބު ޗެމްޕިއަނުންނަށް ވުންކަމަށެވެ.

"މުބާރާތް ފެށިގެން ކުރިއަދާއިރު ޕޮއިންޓް ލިބޭ ގޮތަށް ބަލާފައި ދެން ޗެމްޕިއަންކަން ނުލިބޭނެކަން ޔަގީންވުމުން އެވީ އިތުރު ޓާގެޓެއް ކަނޑައަޅަން، އެއީ ގަދަ ހަތަރެއްގައި ހިމެނުން،" ކުރިން ޗެލްސީއާއި އިންޓަމިލާން އަދި ރެއާލް މެޑްރިޑަށްވެސް އިރުޝާދުދިން ތަޖުރިބާކާރު ކޯޗު ބުންޏެވެ.

މޮރީނިއޯ ބުނީ، ގަދަ ހަތަރެއް ޓާގެޓަކަށް ހަދައިގެން ސީޒަނާ ކުރިމަތިލައި، ޗެމްޕިއަންސް ލީގުގައި ނުކުޅެވި ނުވަތަ ނާކާމިޔާބު ސީޒަނެއް ހޭދަކުރަން ބޭނުން ނުވާކަމަށެވެ.