24 Jul 2016, 09:42
އަންކާރާ(ޖުލައި 24): މިދިޔަ ހުކުރު ދުވަހު ތުރުކީއަށް ގެންނަން މަސައްކަތް ކުރި ބަޣާވާތާ ގުޅިގެން އެގައުމުގެ ރިޔާސީ ގާޑުންގެ ފައުޖު އުވާލަން ނިންމާފައިވާ ކަމަށް ތުރުކީގެ ބޮޑުވަޒީރު ބިނާލީ ޔިލްދްރިމް ވިދާޅުވެއްޖެ އެވެ.
ބޮޑުވަޒީރު އެފަދައިން ވިދާޅުވެފައި ވަނީ ތުރުކީގެ ރިޔާސީ ގާޑުންގެ ފައުޖުގައި ހިމެނޭ 2،500 ވަރަކަށް ގާޑުންގެ ތެރެއިން ގާތްގަނޑަކަށް 300 ރިޔާސީ ގާޑުން ހައްޔަރު ކުރި ފަހުންނެވެ.
ރިޔާސީ ގާޑުންގެ ފައުޖު އުވާލައްވާކަން އިއުލާން ކުރައްވަމުން ބޮޑުވަޒީރު ވިދާޅުވީ ރިޔާސީ ގާޑުންގެ "ބޭނުމެއް ނެތް" ކަމަށެވެ.
ތުރުކީ ސަރުކާރުން މިހާތަނަށް ހައްޔަރުކޮށްފައިވާ މީހުންގެ އަދަދު 13،002ށް އަރަ އެވެ. އޭގެ ތެރޭގައި 1،329 ފުލުހުންނާއި، 8،831 އަސްކަރީ އޮފިޝަލުންނާއި، 2،100 ފަނޑިޔާރުންނާއި ޕްރޮސިކިއުޓަރުން ހިމެނޭ ކަމަށް ބޮޑުވަޒީރު ޔިލްދްރިމް ވިދާޅުވި އެވެ.
އަދި އިއްޔެ ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވަނީ ބަޣާވާތުގައި ބައިވެރިވި ކަމަށް ޝައްކު ކުރެއްވިގެން ހައްޔަރުކޮށްފައިވާ މީހުން ދައުވާއަކާ ނުލާ ހައްޔަރުކޮށްފައި ބެހެއްޓޭނެ މުއްދަތު 30 ދުވަހަށް އިތުރު ކުރައްވާފަ އެވެ.
މީގެ އިތުރުން ދައުލަތުގެ މީޑިއާއިން އިއްޔެ އާއްމުކުރި ބަޔާނެއްގައި ވަނީ 1،000ށް ވުރެ ގިނަ އަމިއްލަ ސްކޫލާއި، 1،200އަށް ވުރެ ގިނަ އެސޯސިއޭޝަންތައް ބަންދު ކުރަން އަމުރު ކޮށްފަ އެވެ. (އައިއޭއެންއެސް)