ސަލްމާން ޚާން އަދި އަނުޝްކާ ޝަރުމާ ހަރަކާތްތެރިވާ ފިލްމު "ސުލްތާން" ރިލީޒް ކުރިތާ ތިން ހަފްތާ ވީއިރު އެ ފިލްމުގެ ވިޔަފާރި ވަރަށް ބޮޑަށް ދަށަށް ދާން ފަށައިފައިވާ ކަމަށް އެނަލިސްޓުން ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހާ ހަމައަށް ފިލްމު ބަލަން ދާ ފަރާތްތަކުގެ އަދަދު ބޮޑުތަން ދަށަށް ގޮސްފައި ވީނަމަވެސް، ސުލްތާން އަދިވެސް އޮތީ ބެލުންތެރިންގެ މެދުގައި އެންމެ މަގުބޫލު ފިލްމުގެ ގޮތުގަ އެވެ.

ދެ ހަފްތާގެ ތެރޭގައި ފިލްމަށް ވަނީ 280 ކުރޯޑް ރުޕީސް ލިބިފަ އެވެ. ނަމަވެސް ފިލްމުގެ ވިޔަފާރި ދަށަށް ދާން ފެށުމުން، އެ ފިލްމަށް 300 ކްރޯޑުގެ އާމްދަނީ އެއް ލިބިދާނެ ކަމާމެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

"ސުލްތާން" އިން އާމިރު ޚާންގެ "ޕީކޭ" ގެ ރެކޯޑު މުގުރާލާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް، މިހާރު އެކަމާ މެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.

މި މަހުގެ 29 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ "ދިޝޫމް" އާއެކު "ސުލްތާން" ގެ ވިޔަފާރި އިތުރަށް ދަށަށް ދާނެ ކަމަށް ބެލެވެ އެވެ.